Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމް ފަށައިފި

ރާއްޖޭގެ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމް ފަށައިފި

31 އޮކްޓޯބަރ 2019

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް މިއަދު ފަށައިފި އެވެ.

މި ފޯރަމް ފެށުމުގެ ގޮތުން މިއަދު ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ސީއެމްޑީއޭގެ އިސް ބޭފޫޅުން ބައިވެރިވެ ވަޑައިގަތެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއެރުވުމަށް ކެޕިޓަލް މާކެޓުގެ މުހިންމުކަމާ ގުޅޭގޮތުން ދާއިރާގެ އިސް ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމުގައި ރާއްޖޭގެ ކެޕިޓަލް މާކެޓުގެ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ.

ކެޕިޓަލް މާކެޓް ފޯރަމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެޕިޓަލް މާކެޓް ފޯރަމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު ކެޕިޓަލް މާކެޓް ތަރައްގީ ވުމަކީ ގައުމުގެ މާލީ ހާލާތު ފުރިހަމަކުރުމަށް މުހިންމު ކަމަށެވެ. އަދި އިޖްތިމާއީ ހަމަޖެހުން ގާއިިމްކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކެޕިޓަލް މާކެޓަކީ ރާއްޖޭގެ އިގްތިސާދަށް ހަކަތަ ފޯރުކޮށްދޭ މައި އިންޖީނު. ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ހާލަތަށް ބަލާއިރު ކެޕިޓަލް މާކެޓް ތަރައްގީ ކުރުމަކީ ރާއްޖެގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް ރާއްޖޭގެ އިގްތިސާދު މިއަށްވުރެ މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް،" ރައީސް ވިދާޅުވި އެވެ.

ސީއެމްޑީއޭގެ ޗެއާމަން އަހުމަދު މާޒިން ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދާއި ތަރައްގީއާ ގުޅުން ހުރި ދާއިރާއަކަށް ވުމުން ދާއިރާ ކުރިއެރުވުމުގައި ރާއްޖޭގެ ހުރިހާ ކުންފުންޏެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި މި ދާއިރާ ކުރިއަރުވައި ރާއްޖޭގެ ކުންފުނިތަކަށް ފަސޭހަކަމާއެކު ފަންޑު ހަމަޖެހޭގޮތް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި ދާއިރާ އަށް އާންމުންގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފޯރަމްގެ އެންމެ އިސް މަގްސަދަކީ ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކެޕިޓަލް މާކެޓުގެ ސިޔާސަތުތައް ބައްޓަންކޮށް ކެޕިޓަލް މާކެޓުގެ ދައުރު އިގްތިސާދީ ކަންތައްތަކުގައި ފުޅާކުރުން. ދިވެހިރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް މި މާކެޓުގައި ބައިވެރިވެއްޖެ ނަމަ މި ދާއިރާ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" އަހުމަދު މާޒިން ވިދާޅުވި އެވެ.

ކެޕިޓަލް މާކެޓުގައި އަދާ ކުރާ ދައުރުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްޓީސީސީ އަށް އެވޯޑު ދެނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެޕިޓަލް މާކެޓުގައި އަދާ ކުރާ ދައުރުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްޓީސީސީ އަށް އެވޯޑު ދެނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސީއެމްޑީއޭ އިން ވަނީ ކެޕިޓަލް މާކެޓް ފޯރަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ މާކެޓަށް އެންމެ ބޮޑަށް ހިއްސާކުރާ ކުންފުނިތަކަށް އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑު އަރުވައިފަ އެވެ. މި އެވޯޑު ލިބިފައިވަނީ އެސްޓީއޯ އާއި އެމްޓީސީސީ އާއި ބީއެމްއެލް އާއި އެމްޓީޑީސީ އަދި ދިރާގާއި އަމާނާ ތަކާފުލް އާއި ސެންޗޫރިއަންގެ އިތުރުން އުރީދޫއަށެވެ.

ސީއެމްޑީގެ ކެޕިޓަލް މާކެޓް ފޯރަމްގެ މިއަހަރުގެ ޝިއާރަކީ "ކެޕިޓަލް މާކެޓް ފޯ ސޯޝަލް ހާމަނީ" އެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ ފޯރަމްތައް ބާއްވާނެ ކަމަށް ސީއެމްޑީން ވަނީ ބުނެފަ އެވެ.