Roadha Mihaaru
ޝަރީއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

ސީއެމްޑީއޭގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

27 ފެބުރުއަރީ 2017

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ސީއެމްޑީއޭ އިން ކުރި އިއުލާނެއްގައިވާ ގޮތުން އެ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެމްބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް 1،500ރ. ގެ އެލަވަންސެއް ލިބެ އެވެ.

އެ ކައުންސިލްގެ މެމްބަރުކަމުގެ ޝަރުތަކީ ޝަރީއާ އިން މާސްޓާސް ޑިގްރީއެއް އޮތުން ނުވަތަ ބައިނަލްއަގްވާމީ ސެކިއުރިޓީޒް ކޮމިޝަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓް ކުރާ އޮތޯރިޓީއެއްގެ ހުއްދައެއް ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ޝަރީއާ އެޑްވައިޒަރެއް ކަމަށް ވުމާ އެކު އިސްލާމިކް ފިނޭންސްގެ ދާއިރާ އިން ނުވަތަ އިސްލާމިކް ކެޕިޓަލް މާކެޓްގެ ދާއިރާ އިން ސީއެމްޑީއޭ ގަބޫލު ކުރާ ފެންވަރުގެ ތަޖްރިބާ ލިބިފައި ވުމެވެ.

މީގެ އިތުރުން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ނުވަތަ ސީއެމްޑީއޭ އިން ރެގިއުލޭޓް ކުރާ ފަރާތެއްގެ ދާއިމީ މުވައްޒަފަކަށް ނުވަތަ އެފަދަ ތަނެއްގެ ބޯޑު މެމްބަރަކަށް ނުވުމަކީ ވެސް އެ ކައުންސިލްގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެކެވެ.

ޝަރީއާ އެޑްވައިޒަރީ ކައުންސިލަކީ ކެޕިޓަލް މާކެޓާ ގުޅޭ ކަންކަމުގައި ސީއެމްޑީއޭ އަށް ލަފާ ދިނުމަށް އޮންނަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.