Roadha Mihaaru
އިންތިގާލީ އިންސާފު ހޯދުމުގެ މުއްދަތު އިތުރުކުރަނީ

އިންތިގާލީ އިންސާފު ހޯދައިދޭން ކަނޑައެޅި މުއްދަތު އިތުރުކުރަން ނިންމައިފި

06 އޮކްޓޯބަރ 2022

ވޭތުވެދިޔަ 65 އަހަރުގެ އިންސާފު ހޯދައިދިނުމުގެ ވައުދާ އެކު އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވޭތުވެދިޔަ 65 އަހަރުގެ އިންސާފު ހޯދައިދިނުމުގެ ވައުދާ އެކު އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ މައްސަލަތައް ބަލަން އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު, 17, 2020 ގަ އެވެ. މި އޮފީހުގެ ދައުރު އަންނަ ޑިސެމްބަރުގައި ހަމަވާނެ އެވެ.

އެކަމަކު އެ އޮފީހަށ ހުށަހެޅި މައްސަލަތައް އެ މުއްދަތަކަށް ނުނިންމޭނެ އެވެ.

ގާނޫނުގައި އޮތީ، ދެ އަހަރުގެ ތެރޭގައި މައްސަލަ ނިންމައި އޮފީސް އުވާލާށެވެ. މި މުއްދަތަށް ނުނިމިއްޖެ ނަމަ މަސައްކަތްތައް ނިންމާނެ ނިޒާމެއް ހަމަޖެއްސުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެ މުއްދަތު ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ހެދީ ފުރަތަމަ ރައީސް, މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ވޭތުވެދިޔަ ހަތަރު ރައީސުންގެ ވެރިކަންތަކުގައި ހިނގި އަނިޔާ ބެލުމަށެވެ. މި މުއްދަތަށް އަމާޒުކޮށް ހުޅުވާލުމުން އޮމްބަޑްސްޕާސަންގެ އޮފީހަށް ގާތްގަނޑަކަށް 500 މައްސަލަ ހުށަހެޅި އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ މަގުސަދު ހާސިލްވާ ގޮތަށް މިހާތަނަށް ނިމުނީ ކިތައް މައްސަލަކަން ސާފުކޮށް އެ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް "މިހާރު" އަށް ވިދާޅުވެފައި ވަނީ ބައެއް މައްސަލަތަކުގައި މިހާރު ހުރީ ހުށަހެޅި މީހާ އާއި އެ ކަމެއް ނިސްބަތްވާ އިދާރާތަކާ ދެމެދު އެއްބަސްވުމަކާ ހިސާބަށް އާދެވިފައި ކަމަށާއި އޭގެ ތެރޭގައި ހައްގު ލިބެން ޖެހޭނެ ކަމަށް ނިމިފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅި ގިނަ ބައެއްގެ އުއްމީދަކީ އަދުލުވެރި މާލީ ބަދަލެކެވެ. އެކަމަކު މުޅި ގާނޫނާއި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ބިނާކޮށްފައި އޮތީ މައްސަލަތަކުގައި ބޮޑު ބަދަލެއް ނަގައިދިނުމަށް ވުރެން ސުލްހަވެރި ހައްލެއް ހޯދައިދޭން ކަމަށް ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވި ގޮތުގައި އެ އޮފީހުން މަސައްކަތް ކުރަނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބަލަން ނިންމި 452 މައްސަލަ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގާ އެ އޮފީހުގެ މުއްދަތު ދަންމައިގެން ތިބުމުގެ ވިސްނުމެއް ނެތެވެ.

މި އޮފީހުގެ މުއްދަތު އިތުރު މިކުރީ ވައުދުވި ގޮތަށް އިންސާފު ހޯދައިދެވުނީ ކޮން ބަޔަކަށްތޯ ސުވާލު އުފައްދައި ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. އެސެޓް ރިކަވަރީ ކޮމިޝަނެކޭ އެއްގޮތަށް މި އޮފީހުން ވެސް ނަތީޖާއެއް ނެރެވިދާނެތޯ ދަނީ ސުވާލު އުފައްދަމުންނެވެ.