Roadha Mihaaru
އިންޓަޕޮލްއިން ދިވެހި ފުލުހަކަށް ފުރުސަތު ލިބިއްޖެ

އިންޓަޕޮލްގައި މަސައްކަތްކުރަން ދިވެހި ފުލުހަކަށް ފުރުސަތު ލިބިއްޖެ

18 އޮކްޓޯބަރ 2022

އިންޓަޕޮލްގައި މަސައްކަތްކުރަން ދިވެހި ފުލުހަކަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޓަޕޮލްގައި މަސައްކަތްކުރަން ދިވެހި ފުލުހަކަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބިއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޓަޕޮލްގެ ހެޑްކުއާޓަރުގެ ފައިނޭންޝަލް ކްރައިމް ސެންޓަރުގައި މަސައްކަތްކުރަން ދިވެހި ޗީފް އިންސްޕެކްޓަރަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތްކުރާނެ އޮފިސަރަކު ހޮވާފައިވަނީ އިންޓަޕޮލްއިންނެވެ. ފްރާންސްގައި ހުންނަ ހެޑް ކުއާޓަރުގައި އެ އޮފިސަރު މި އަހަރުގެ ފަހުކޮޅު މަސައްކަތްކުރަން ފައްޓަވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކަމުން ދައްކުވައި ދެނީ ކުށްކުރުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ރާއްޖެ އިން ކުރާ މަސައްކަތެވެ.

އެ ކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެހެނިހެން ފަރާތްތަކުގެ މެދުގައި ދިދަ އުފުލުމާއި ފުލުހުންގެ ގާބިލްކަން އިތުރަށް ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ފުލުހުންނަށް މަރުހަބާ،" ހަމީދުގެ ޓްވީޓުގައި ވެ އެވެ.

އިންޓަޕޮލް ނުވަތަ އިންޓަނޭޝަނަލް ޕޮލިސްއަކީ މީގެ 99 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އިންޓަޕޮލްގައި 195 ގައުމަކުން ބައިވެރިވެފައިވެ އެވެ.