11 ނޮވެމްބަރ 2022
ހަ ސަތޭކައެއްހާ އަކަފޫޓުގެ ތަންކޮޅެއްގައި، ކުދިކުދި އެތައް ބައިވަރު ކޮޓަރި ހަދައިގެން ދިރިއުޅެމުން އައި ތަނެއްގައި އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާ އިން ދަސްވި އެއް ފިލާވަޅަކީ މި އެވެ؛ ޒިންމާ ނަގާނެ ބަޔަކު ނެތް ކަމެވެ.
ހަ ސަތޭކައެއްހާ އަކަފޫޓުގެ ތަންކޮޅެއްގައި، ކުދިކުދި އެތައް ބައިވަރު ކޮޓަރި ހަދައިގެން ދިރިއުޅެމުން އައި ތަނެއްގައި އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާ އިން ދަސްވި އެއް ފިލާވަޅަކީ މި އެވެ؛ ޒިންމާ ނަގާނެ ބަޔަކު ނެތް ކަމެވެ.
ރޯވި އަލިފާންގަނޑުގައި މިހާތަނަށް 10 ބިދޭސީއަކު މަރުވިކަން ކަށަވަރުވި އިރު، މިހާތަނަށް ބެލެވިފައިވާ ގޮތުން، ހާދިސާ ހިނގި މ. ސެންޑްރޯޒް ހުޅަނގުބައި އެ އެންމެން ވެސް މަރުވީ އަލިފާނުގެ ހާދިސާ އިން ސަލާމަތްވެވޭނެ ގޮތެއް ނެތިގެންނެވެ. އެ ގޭގައި ވެންޓިލޭޝަނެއް ނެތެވެ. އަލިފާނުން ރައްކާތެރިވެވޭނެ ނިޒާމެއް ނެތެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ސަލާމަތްވެވޭނެ ގޮތެއް ވެސް ނެތެވެ. އިމާރާތުގެ ވަށައިގެން، ކުޑަދޮރެއްހާ ހިސާބު ވެސް ނެތެވެ.
މިއީ، މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން އެއް ތަނެވެ. އެތަނަށް ވުރެ، މާ ހާލުގައި ހުރި ތަންތަން ވެސް މާލޭގައި އެބަހުއްޓެވެ. ބައެއް ތަންތަން ހުރީ ބޮލަށް ވެއްޓެން ކައިރިވެފަ އެވެ. ބައެއް ތަންތަން އެއީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަންތަނެއް ވެސް ނޫނެވެ.
އެކަމަކު އެއީ ބިދޭސީންނަށް ވަޒީފާ ދޭ އިރު، އެ މީހުން ދިރިއުޅެން ހުއްދަ ދޭ މިންގަނޑެއް ނޫނެވެ. އެކަމާ ބެހޭ ގަވައިދު އެއަށް ވުރެ މާ ފުރިހަމަވެފައި، ނަލަ އެވެ.
އިއްޔެ ރޭގެ ހާދިސާ އަށް ފަހު ގެއްލިގެން އުޅޭ މީހަކު ފޯނުން ދައްކާލަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މިދިޔަ އަހަރު އަމަލު ކުރަން ފަށާފައިވާ، މުވައްޒަފުންނަށް ހަމަޖައްސައިދޭ އެކޮމަޑޭޝަންގެ ގަވައިދަކީ މުހިންމު ގަވައިދެކެވެ. އެކަމަކު، އިއްޔެ ރޭ ފެނިގެން ދިޔަ އެއް ކަމަކީ، އެ ގަވައިދު ރަނގަޅަށް ތަންފީޒު ކުރެވެމުން ނުދާ ކަމެވެ. އެ ގަވައިދު ހިންގައި ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީ އެވެ.
ވަޒީފާ ދޭ ފަރާތުން މުވައްޒަފުންނަށް ހަމަޖައްސައިދޭން ޖެހޭ އެކޮމަޑޭޝަންގެ އާންމު މިންގަނޑުގައި ބުނެފައިވާ ގޮތުން؛
- ރަނގަޅު ވެންޓިލޭޝަނަކާ އެކު ރަނގަޅު ފެންވަރުގެ ސާމާނުގައި އިމާރާތްކޮށްފައިވާ ތަނަކަށް ވާން ޖެހޭ
- އެކަށީގެންވާ ޖާގައެއް އޮތް ސިޑިއަކާއި ވޯކްވޭއެއް އޮންނަން ޖެހޭ.
- ނިދާ ކޮޓަރި ހުންނަން ޖެހޭނީ އެކަށީގެންވާ އަލިކަން ލިބޭ، އަދި ވައި ދައުރުކުރާ ގޮތަށް ވެންޓިލޭޓްކުރެވިފައި.
- ބަންކު އެނދު ބަހައްޓައިގެން ގިނަވެގެން ދެ މީހުން ކޮޓަރީގައި ނިދާ ނަމަ، އެ ކޮޓަރިއެއްގައި މަދުވެގެން ގާތްގަނޑަކަށް 17 އަކަފޫޓު ހުންނަން ޖެހޭ.
- ދިރިއުޅެމުން ދާ ތަނެއްގެ ތެރޭގައި ކެއްކުމަކީ މަނާ ކަމެއް. ކައްކަން ވަކި ތަނެއް ހުންނަން ޖެހޭ.
- އެފަދަ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އަމަލު ކުރަން ޖެހޭ ގޮތުގެ ލިޔުމެއް ފެންނަން ބަހައްޓަން ޖެހޭ.
- އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އެކަމުން ސަލާމަތްވާނެ ގޮތްތައް ކިޔައިދޭން އަހަރަކު ދެ ފަހަރު އެފަދަ ތަނެއްގައި ޑްރިލްއެއް ބާއްވަން ޖެހޭ.
އެކަމަކު 18 މާއްދާ ހިމެނޭ މި ގަވައިދުގައި ހިމެނޭ އެއްވެސް ކަމަކީ، އިއްޔެ ރޭ އަނދައި ހުލިވި ލޭބާ ކުއާޓާގައި ފުރިހަމަވެފައިވާ ކަމެއް ނޫނެވެ. އެތަން އެކަންޏެއް ނޫނެވެ. މި ގަވައިދު އެއްވެސް ލޭބާ ކުއާޓާއެއްގައި ތަންފީޒު ވަމުންދާހެނެއް ހިޔެއް ވެސް ނުވެ އެވެ. އަދި އެކަން މޮނީޓާކޮށް ބަލަހައްޓާ ބަޔަކު ވެސް ނެތެވެ.
އިއްޔެ ރޭގެ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ އާއިލާ މީހަކު ގަލޮޅު މޯޗަރީގައި މަޑުކޮށްލައިގެން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މިފަދަ ކޮންމެ ހާދިސާއަކާ އެކު، މި ބަހުސްތައް އަބަދުވެސް ކުރެވެ އެވެ. މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާތަކުގައި ވެސް މި ބަހުސް ފުޅާ ދާއިރާއެއްގައި ކުރެވެ އެވެ. އެންމެ ފަހުން އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ކެމިކަލް ގުދަންތަކުގެ މައްސަލަ ތިލަވި އެވެ. އެކަމަކު، ތިން އަހަރުވީ އިރު ވެސް، އެކި ސަބަބުތަކާ ހެދި ހުރިހާ ގުދަނެއް ބަދަލެއް ނުކުރެވެ އެވެ.
އެކަށީގެން ނުވާ އިމާރާތްތަކުގައި ބިދޭސީން ފުނިޖެހިގެން ދިރިއުޅޭ މައްސަލަ އާއި އެ މީހުންގެ ނިކަމެތި ދިރިއުޅުމަކީ އާ ވާހަކައެއް ނޫނެވެ. އެއީ، ވަރަށް ގިނަ ދުވަސްވީ، އެކަމަކު ހައްލު ނައިސް އޮތް މައްސަލަ އެކެވެ. އެކަން، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފަ އެވެ.
"އިކޮނޮމިކް މިނިސްޓްރީން ވެސް އެބަ ޖެހޭ މިކަންކަން ބަލަހައްޓަން. ކުރިން ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެމްއެންޑީއެފް އިން އެ ދުވަސްވަރު ތަންތަން ބެލި. އެކަމަކު ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް އަޅައެއް ނުލާ. މިހެން މި ވަނީ ގާނޫނާއި ގަވައިދުތައް ތަންފީޒު ނުކުރެވޭތީ،" ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިސް ބޭފުޅަކު، ނަން ހާމަކުރަން އެދިވަޑައިނުގެން ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ ގެއެއް--ފޮޓޯ:ސިޓީ ކައުންސިލް
ދައުލަތުގެ ކަމާ ބެހޭ އެތައް އިދާރާތަކެއް ހުރި އިރު، މުހިންމު އެ ގަވައިދު އޮތީ ހަވާލުވާނެ ބަޔަކު ނެތި، ޒިންމާއިން ރެކިގެންފަ އެވެ. އެކަހަލަ ތަންތަން ބަލަހައްޓަން ޖެހޭނީ މާލޭ ސިޓީ ކައުންސިލުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނި އިރު، މާލޭ ސިޓީ ކައުންސިލުން ބުނަނީ އެކަން ބަލަހައްޓަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އަދި، އިއްޔެ ރޭ ރޯވި އިމާރާތަކީ، ޖާގައަށް ވުރެ ގިނަ މީހުން ދިރިއުޅޭތީ ކަމާ ގުޅޭ އިދާރާތަކަށް ފިޔަވަޅު އެޅުމަށް އެދިފައި ހުރި ތަނެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ސިޓީ ކައުންސިލުން ވަނީ ބިދޭސީން ދިރިއުޅޭ 550 އަށް ވުރެ ގިނަ ތަނުގެ މައުލޫމާތު އެއްކޮށްފަ އެވެ. ތަނުގެ ޖާގައަށް އެކަށީގެންނުވާ ވަރަށް ބިދޭސީން އުޅޭ ކަމަށް އޭރު ވެސް އެތަނުން ބުންޏެވެ. ބައެއް ކޮޓަރިތަކުގައި 50 މީހުން އަދި 20 މީހުން ދިރިއުޅޭ ތަންތަން ހުރި ކަމަށް އޭރު ބުންޏެވެ.
ބިދޭސީން ދިރިއުޅޭ ތަންތަން އެންމެ ފަހުން ބަލައި ފާސްކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން، ކޮވިޑްގެ ތެރޭގަ އެވެ. އޭރު އެކަން ކުރީ، ބިދޭސީންގެ ތެރޭގައި ކޮވިޑް ފެތުރުން ހުއްޓުވުމަށެވެ. އޭރު އެކަހަލަ ބައެއް ތަންތަން ސަރުކާރުން ގޮސް ބަންދުކޮށް، އެތަނުގައި ތިބި ބިދޭސީންތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ފަހުން އެތަންތަން ބަލައިފާސްކުރުން ހުއްޓުނީ އެވެ.
މާލޭގައި ބިދޭސީން އާންމުކޮށް ދިރިއުޅެނީ އެކަހަލަ ހުސްކޮށް ހުންނަ ގެތަކުގައި ބަންކު ބެޑް ޖަހައިގެންނެވެ. ފިލާ ޖަހައިގެން ކޮޓަރިތައް ބައިކުރާއިރު، އެއިން ކޮޓަރިއެއްގައި ހުންނަނީ ކިރިޔާ އެނދެއް ބަހައްޓާލެވޭ ވަރަށެވެ. އެކަހަލަ ވަރަށް ގިނަ ތަންތަނުގައި ޓިނު ވެސް ޖަހާފައި ހުރެ އެވެ. ކައްކާ ކެވޭނެ ގޮތް ކޮޓަރި ތެރޭގައި ހުރެ އެވެ. އެކަހަލަ ތަނެއްގައި ރޯވެއްޖެ ނަމަ، މުޅި އެ ހިސާބުގަނޑަށް ދިމާވާނެ ވަަރަށް ބޮޑު ނުރައްކަލެކެވެ. އެއީ، މާލޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.
އިއްޔެ ރޭގެ އަލިފާނުގެ ހާދިސާގައި ސަލާމަތްވި އިންޑިއާގެ ޒުވާނަކު މޯޗަރީ ކައިރީގައި މަޑުކޮށްލައިގެން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިއްޔެ ރޭގެ ހާދިސާ އަށް ބަލާއިރު ފާހަގަކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއް ކަމަކީ، އެ ގޭގެ އެއް ފްލޯގައި މުޅިން ބިދޭސީ އަންހެނުން އުޅެމުން ދިޔަ ކަމެވެ. އަދި އެއީ، އެކި ގޭގޭގައި މަސައްކަތް ކުރަން ގެނެސްފައިވާ ހައުސް މެއިޑުން ކަން ވެސް އެކި މީހުންގެ ވާހަކަތަކުން އެނގެ އެވެ.
"އެކަމަކު އެއްވެސް ގެއަކަށް ހައުސް މެއިޑުން ގެނެވޭ ގޮތަކަށް ނޯންނާނެ އެ ގެ ނޫން ތަނެއްގައި ބަހައްޓާ ގޮތަކަށް،" ބިދޭސީން ގެންނަ އެޖެންސީއެއްގެ ވެރިއަކު ވިދާޅުވި އެވެ.
"ހައުސް މެއިޑަކު ގެންނަ ނަމަ، ގޭގެ ފްލޯ ޕްލޭނާއި އޭނާ އުޅޭ ތަނުގެ ފްލޯ ޕްލޭން ވެސް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ. އެހާ ހަރުކަށިކޮށް އޮންނަ ކަމެއްގައި، އެހާ ބައިވަރު ހައުސްމެއިޑުންތަކެއް ލޭބާ ކުއާޓާގައި މި ތިބީ ކީއްވެގެންތޯ ބަލަން ޖެހޭ."
އަނެއް ކަމަކީ، އެކި ގޭގޭގައި މަސައްކަތް ކުރާ ހައުސްމެއިޑުން އެތާނގެ ތެރޭގައި ތިބުމެވެ. އެއީ ވެސް މަނާ ކަމެކެވެ.
"މައްސަލައަކީ، ގާނޫނާއި ގަވައިދުތައް ހުއްޓަސް ރާއްޖެ އަށް ބިދޭސީން އެތެރެވުމަށް ފަހު އެ މީހުން އުޅޭ ނޫޅޭ ގޮތެއް ބަލާނެ ބަޔަކު ނެތް. އޭގެ ޒިންމާ ނަގާނެ ބަޔަކު ވެސް ނެތް. މިގޮތަށް ކަމެއް ހިނގީމަ ދެން އެކަމެއްގެ ވާހަކަ ދައްކާލައިފައި އެ ނިމުނީ."
ހައްލު އެބައޮތެވެ. އެ ހައްލަކީ ގާނޫނާއި ގަވައިދުތަކުގައި ބުނެފައިވާ ކަންކަން ރަނގަޅަށް ތަންފީޒުކުރުމެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެކޮމަޑޭޝަނާ ބެހޭ ގަވައިދުގެ 18 މާއްދާގެ ތެރެއިން އެންމެ މާއްދާއަކަށް އަމަލު ކުރޭތޯ ކަމާ ބެހޭ ފަރާތްތަކުން ބެލިޔަސް، އިއްޔެ ރޭގެ މަރުގެ އަދަދު މަދުކުރެވުނީހެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ހާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ
އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވޭ
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް
ބިދޭސީން ހިންގާ ކެފޭއެއްގައި ރޯވެއްޖެ
އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުން ދެނެނުގަނެވޭ
ބިދޭސީންގެ ވަގު ވިޔަފާރިތައް ހޯދައި ފިޔަވަޅު އަޅަނީ
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
ހާލުގައި ޖެހުނު މީހުންގެ ވަގުތީ ތަނަކަށް ކޮވިޑް ވިލެޖް
ހާލުގައި ޖެހުނު ބިދޭސީންނަށް ފަރުކޮޅުފުށި ހަމަޖައްސައިފި