Roadha Mihaaru
ތަޖުރިބާކާރުން ފަހަތަށްޖައްސާލައި ޒުވާންސާފަރުން ކުރިއަށް

ތަޖުރިބާކާރު ސާފަރުން ފަހަތަށް ޖައްސާލައި، ޒުވާން ސާފަރުން ކުރިއަށް

13 ނޮވެމްބަރ 2022

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ރާޅާއެޅުމުގެ ގައުމީ މުބާރާތް "ރަންނަމާރި ޗެލެންޖް 2022" ޒުވާން ރާޅާއެޅުންތެރިން ވެގެން ތަޖުރިބާކާރު އެތުލީޓުން ފަހަތަށް ޖައްސާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ރާޅާއެޅުމުގެ ގައުމީ މުބާރާތް "ރަންނަމާރި ޗެލެންޖް 2022" ޒުވާން ރާޅާއެޅުންތެރިން ވެގެން ތަޖުރިބާކާރު އެތުލީޓުން ފަހަތަށް ޖައްސާލައިފި އެވެ.

ފިރިހެން އޯޕަން ޝޯޓްބޯޑް ކެޓެގަރީގެ ތިންވަނަ ބުރުގައި ކުރިއަށް ގެންދިޔަ ދެވަނަ ހީޓުގައި، 14 އަހަރުން ދަށުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ މިވަގުތު ގައުމީ ރޭންކިންގެ އެއްވަނަ މަގާމުގައި އޮތް އަހުމަދު އާގިލް (އަންމަޑޭ) ފަހަތަށް ޖައްސާލައިފި އެވެ.

ތިންވަނަ ބުރުގެ ދެވަނަ ހީޓުގައި އުމުރުން 12 އަހަރުގެ ކަޔާން ޒަކީ ވަނީ ހަތަރު ރާޅާ އަޅައި، ޖުމްލަ 10.90 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފުރަތަމަ ރާޅަށް 7.00 ޕޮއިންޓް ހޯދި އިރު، ހަތަރުވަނަ ރާޅަށް 3.90 ޕޮއިންޓް ހޯދި އެވެ.

އަންމަޑޭ ހަ ރާޅު އަޅާއިގެން ހޯދުނީ 10.50 ޕޮއިންޓެގެ. އަންމަޑޭގެ އެންމެ ރަނގަޅު ދެ ރާޅަކީ ފުރަތަމަ ދެ ރާޅެވެ. ފުރަތަމަ ރާޅަށް 6.00 ޕޮއިންޓް ހޯދި އިރު، ދެވަނަ ރާޅަށް ލިބުނީ 4.50 ޕޮއިންޓެވެ.

ހަތަރުވަނަ ބުރަށް ދަތުރު ކުރީ ތިންވަނަ ބުރުގެ ކޮންމެ ހީޓަކުން އެންމެ މަތިން ޕޮއިންޓް ހޯދި ދެ އެތުލީޓުންނެވެ. ކަޔާން ޒަކީ އާއި އަންމަޑޭ ވާދަކުރި ހީޓުގައި ދެން ވާދަކުރި އަލީ ސަމާހަށް ލިބުނީ 4.90 ޕޮއިންޓެވެ. ސަމާހު ވެސް ހަ ރާޅާ އެޅި އިރު، އެންމެ ރަނގަޅަށް ޕޮއިންޓް ލިބުނީ ފަހު ދެ ރާޅުގަ އެވެ.

މި ބުރުގެ ފަހު ހީޓު؛ 12 ވަނަ ހީޓުގައި ގައުމީ ރޭންކިންގެ ދެވަނަ ނަޖާހު މުހައްމަދު (ކަނބޯ) އާއި، ގައުމީ ޓީމުގައި ހިމެނޭ އިސްމާއިލް ރަޝީދު (ސްމައިލީ) އާ ވާދަކުރީ، 14 އަހަރުން ދަށުގެ ދެވަނަ ހޯދި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ. މި ހީޓުގައި 8.20 ޕޮއިންޓް ހަމަކޮށް އެއްވަނަ ހޯދީ ކަނބޯ އެވެ. ސްމައިލީ އާއި ކައިޕުޓީ އަށް ޖުމްލަ 7.00 ޕޮއިންޓް ލިބުނު ނަމަވެސް، ހަތަރުވަނަ ބުރަށް ދަތުރު ކުރީ ކައިޕުޓީ އެވެ.

ކައިޕުޓީ ވަނީ މި ހީޓުގައި ފަސް ރާޅު އަޅައިފަ އެވެ. ފުރަތަމަ ދެ ރާޅަށް އެންމެ ރަނގަޅު ޕޮއިންޓް ލިބުނު އިރު، ފުރަތަމަ ރާޅުގައި 4.00 ހޯދި އެވެ. އަދި ދެވަނަ ރާޅުގައި 3.00 ޕޮއިންޓް ހޯދި އެވެ. ސްމައިލީ ހަތަރު ރާޅު އެޅި އިރު، އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ވެސް ލިބުނީ 3.50 ޕޮއިންޓެވެ.

ފުރަތަމަ ބުރުގައި އިންޓަފިއަރެންސަކާ ގުޅިގެން ކޮމްބޯ ޕޮޒިޝަނަކަށް ވެއްޓުމުން ރެޕޯ ރައުންޑްގައި ވާދަކުރަން ޖެހުނު ކައިޕުޓީ ތިންވަނަ ބުރުން ޖާގަ ހޯދީ، ރެޕޯ ރައުންޑުގައި ވާދަކުރި ހީޓުގެ އެއްވަނަ ހޯދައިގެންނެވެ. ކައިޕުޓީ ހީޓް ކާމިޔާބު ކުރީ އަހުމަދު މިސްބާހު އަލީ އާއި ހައްސާން މުހައްމަދާ ވާދަކޮށް 11.00 ޕޮއިންޓް ހޯދައިގެންނެވެ.

ކަޔާން ޒަކީ އާއި ކަޔާން އަރީފް، މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އޯޕަން ޑިވިޝަނުގައި ވެސް ހަތަރުވަނަ ބުރުން ޖާގަ ހޯދި އެވެ.

މިއާ އެކު، ދިވެހި ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ކާމިޔާބުކުރި ސްމައިލީ އަށް މިހާހިސާބުން އޯޕަން ކެޓެގަރީ އިވެންޓް ނިންމާލަން ޖެހުނަސް، އޭނާ ވަނީ ފުރަތަމަ ފަހަރަށް ލޯންގް ބޯޑް އިވެންޓް ގައި ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.

އަނިޔާއަކާ އެކު "މުލީކޮޅު ރާޅުގަނޑު" ގައި ސްމައިލީ ވާދަކުރި ނަމަވެސް ތިންވަނަ އިވެންޓް "ހުރާކޮޅު ރާޅުގަނޑު" ގައި ވާދައެއް ނުކުރެވުނެވެ. އެނބުރި އައިސް "ގާމާދޫ" ގައި ވެސް ސްމައިލީ ކެޓީ ތިންވަނަ ބުރުންނެވެ.

ވައިލްޑް ކާޑް ސްލޮޓުގައި ގައުމީ މުބާރާތުގައި ވާދަކުރަމުން އަންނަ ޒުވާން އެތުލީޓުން އަންނަނީ ވަރުގަދަ ވާދައެއް ކުރަމުންނެވެ. ވައިލްޑް ކާޑް ސްލޮޓް ލިބުނު ހަތް އެތުލީޓުން ވެސް ތިންވަނަ ބުރަށް ދަތުރު ކުރި އިރު، ހަތަރު ވަނަ ބުރުގެ ޖާގަ ފަސް އެތުލީޓެއް ވަނީ ހޯދައިފަ އެވެ.

ހަތްވަނަ ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާނާއި ސައްޔިދު ސަލާހުއްދީން ވަނީ ބޮޑު ތަފާތަކުން މުހައްމަދު ރިފާސް އަބްދުއް ރައްޒާގް ބަލި ކޮށްފަ އެވެ. އިނާން ހީޓު ކާމިޔާބު ކުރީ 10.75 ޕޮއިންޓުންނެވެ. ސައްޔިދު ދެވަނަ ހޯދީ 8.25 ޕޮއިންޓް ހޯދައިގެންނެވެ. ރިފާސް އަށް ހަމަކުރެވުނީ 2.90 ޕޮއިންޓެވެ.

އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) އާއެކު އެއް ހީޓެއްގައި ވާދަކޮށް، 12 އަހަރުގެ ޔަސީން އަހުމަދު ނާޝިދު ވެސް ވަނީ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ހޫބްޒް އެއްވަނަ ހޯދީ 12.75 ޕޮއިންޓުންނެވެ. ޔަސީން އަށް ދެވަނަ ލިބުނީ 10.05 ޕޮއިންޓު ހޯދައިގެންނެވެ. މި ހީޓުގައި ދެން ވާދަކުރި މިސްބާހަށް ލިބުނީ 6.80 ޕޮއިންޓެވެ.

ވައިލްޑްކާޑް ސްލޮޓު ލިބުނު އެތުލީޓުންގެ ތެރެއިން، ހަތަރުވަނަ ބުރަށް ނުގޮސް ކެޓީ އުމުރުން 14 އަހަރުގެ އަހުމަދު ޒަޔާން އާއި އަހުމަދު ލުޒެއިން އެވެ. ޒަޔާން ބަލިވީ، ޖީހާން އަހުމަދު (ޖީއްކޮ) އާއި ގައުމީ ރޭންކިންގެ ތިންވަނައިގައި އޮތް ޖައިލަމް ނިޒާރާ ވާދަކޮށެވެ.

ލުޒެއިން އާއެކު ވާދަކުރީ އަޝްރަފް ހަސަން އާއި ގައުމީ ރޭންކިންގެ ނުވަ ވަނައިގައި އޮތް އަބްދުﷲ އަރުޝަދެވެ. އަރުޝަދު ހީޓުގެ އެއްވަނަ ހޯދީ 8.85 ޕޮއިންޓު ހޯދައިގެންނެވެ. އަޝްރަފަށް 6.15 ޕޮއިންޓުން ލިބުނު އިރު ލުޒެއިން އަށް ސްކޯ ކުރެވުނީ 4.00 ޕޮއިންޓެވެ. ލުޒެއިން އަށް ހަތަރުވަނަ ބުރު ގެއްލުނީ، އިންޓަފިއަރެންސެއްގެ ސަބަބުން ކޮމްބޯ ޕޮޒިޝަނަކަށް ވެއްޓުމުންނެވެ.

މި ބުރުގެ ފުރަތަމަ ހީޓުގައި ވާދަކުރި، 18 އަހަރުން ދަށުގެ ޓީމުގެ މުހައްމަދު ޒަޔާން (ޗޮއްޕު) ވެސް ވަނީ ހަތަރުވަނަ ބުރަށް ނުގޮސް ކަޓައިފަ އެވެ. މި ހީޓްގެ އެއްވަނަ ހޯދީ މުހައްމަދު އިރުޝާދާއި އަހުމަދު މިދުޝާން އެވެ. ނަމަވެސް، އަންނަ އަހަރުގެ 18 އަހަރުން ދަށުގެ ޓީމަށް ހޮވުނު، ސީނިއާ ގައުމީ ރޭންކިންގެ 10 ވަނައިގައި އޮތް ޝާނިފް ޝަފީގު ވަނީ ތިންވަނަ ހީޓު ކާމިޔާބުކޮށް، ހަތަރުވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ޝާނިފް އާއެކު މި ހީޓުން ހަތަރުވަނަ ބުރަށް ދަތުރު ކުރީ އަޔާން ނޫރައްދީނެވެ.

ފަސްވަނަ ހީޓުގައި އަހުމަދު އަރުޒާން ވަނީ އަބްދުﷲ އަރީފް (ފުކޫ) އާއި ގައުމީ ރޭންކިންގެ އަށްވަނައިގައި އޮތް އާދަމް މުއީން އިބްރާހިމް އާ ވާދަކޮށް މޮޅު ވެފަ އެވެ. ހީޓްގެ ދެވަނަ ހޯދީ ފުކޫ އެވެ. އަށްވަނަ ހީޓުގެ އެއްވަނަ މުހައްމަދު ފަޔާޒް (ޕެލޭ) ހޯދި އިރު، ދެވަނަ ހޯދީ އިބްރާހިމް އީގާން އެވެ. އަދި ނުވަވަނަ ހީޓުން ޖިނާން އަހުމަދު އެއްވަނަ ހޯދި އިރު، ދެވަނަ ހޯދީ އަލީ ރިޒާ އެވެ.

ތިންވަނަ ބުރުގެ 11 ވަނަ ހީޓުގައި ހުސެއިން އަރީފް (އިބޫ) ވަނީ 14.00 ޕޮއިންޓް ހޯދައި، ހަތަރުވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މިއީ މި ބުރުގެ ވެސް އެންމެ މަތީ ސްކޯ އެވެ. އިބޫ ވަނީ ފުރަތަމަ ބުރުގައި ވެސް މި އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓްގައި ވާދަކުރި އިބްރާހިމް އަރީފް ފަހަތަށް ޖައްސާލައި، ދެވަނަ ހޯދީ، ޔަމާން އިބްރާހިމް އެވެ.

ހަތަރުވަނަ ބުރުގެ ހީޓްތައް:

ހީޓް 1: މުހައްމަދު އިރުޝާދު، ޔޫސުފް ކަޔާން ހަމްދާން ޒަކީ، އިބްރާހިމް އީގާން، އަލީ ރިޒާ

ހީޓް 2: މުހައްމަދު ފަޔާޒް، ޖިނާން އަހުމަދު، އަހުމަދު މިދުޝާން، އަހުމަދު އާގިލް

ހީޓް 3: މުހައްމަދު އިނާން އަބްދުލް ހަންނާން، އަބްދުﷲ އަރުޝަދު، ޔަސީން އަހުމަދު ނާޝިދު، އަޔާން ނޫރައްދީން

ހީޓް 4: ހޫދު އަހުމަދު، ޝާނިފް ޝަފީގް، ސައްޔިދު ސަލާހުއްދީން، އަޝްރަފް ހަސަން

ހީޓް 5: އަހުމަދު އަރުޒާން، ޖައިލަމް ނިޒާރު، ކަޔާން އަބްދުﷲ އަރީފް، ޔަމާން އިބްރާހިމް

ހީޓް 6: ނަޖާހު މުހައްމަދު، ހުސެއިން އަރީފް، އަބްދުﷲ އަރީފް، ޖީހާން އަހުމަދު