Roadha Mihaaru
ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ އުންމީދު

ފައިނަލަށް ނުދެވުނަސް ކަޔާން ދައްކައި ދިނީ ޒުވާން ޖީލަށް އޮތް އުންމީދު

24 އޯގަސްޓް 2024

ޢޭޝިއަން ސާފިން ޗެމްޕިއަންޝީޕްސްގެ ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ސެމީ ފައިނަލާ ހަމައިން ރާއްޖޭގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ މުބާރާތް ނިންމާލައިފި އެވެ.

ޢޭޝިއަން ސާފިން ޗެމްޕިއަންޝީޕްސްގެ ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ސެމީ ފައިނަލާ ހަމައިން ރާއްޖޭގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ މުބާރާތް ނިންމާލައިފި އެވެ.

މިއީ ސެމީ ފައިނަލާ ހަމައަށް ޖޫނިއާ ބައިން ރާއްޖޭގެ ސާފަރެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފައިނަލަށް ނުދެވުނަސް ކަޔާން ވަނީ، ރާއްޖޭގެ ސާފިންގެ ޒުވާން ޖީލަށް އުންމީދު އޮތް ކަން ސާބިތު ކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް އެތުލީޓުން ވަނީ ރެޕޭޗާޖް ތިންވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.

މިއަހަރުގެ މުބާރާތުގައި ފަސް ޖޫނިއާ ސާފަރުން ވާދަ ކޮށްފައި ވާއިރު، ކަޔާން ޒަކީގެ އިތުރުން ސައްޔިދު ސަލާހުއްދީނާއި ކަޔާން އަބްދުﷲ އަރީފް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. އަދި މުހައްމަދު އިނާން އަބްދުލް ހަންނާނާއި ޔަސީން އަހުމަދު ނާޝިދު ނިންމާލީ ތިންވަނަ ބުރުންނެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި ވާދަކޮށް ކަޔާން އަށް ހޯދުނީ 5.87 ޕޮއިންޓެވެ. އޭނާގެ ކުރީގައި ނިންމާލި އިންޑިއާގެ ކިޝޯރު ކުމާރު ވަނީ 8.26 ޕޮއިންޓް ހޯދައިފަ އެވެ.

ކިޝޯރު ކުމާރަކީ، މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލް ގޮތުގައި އޮތް، ރެޕޭޗާޖްގެ ފަހު ހީޓުގައި ވާދަކުރި ސާފަރެވެ.

ސެމީގެ ފުރަތަމަ ހީޓުން ފައިނަލަށް ހޮވުނީ 14.50 ޕޮއިންޓް ހޯދި ޓާރޯ ޓަކާއީ އާއި 10 ޕޮއިންޓް ހޯދި ޗައިނާގެ ޗެންގްޒެންގް ވަންގް އެވެ.

ފުރަތަމަ ހީޓުން ފައިނަލަށް ހޮވުނީ ޖަޕާނުގެ ކައިސޭ އަޑާޗީ އާއި ފިލިޕީންސްގެ ޓްރޯއީ އެސްޕެޖޯން އެވެ. މިދިޔަ އަހަރުގެ ފައިނަލް ހީޓުގެ ހަތަރުވަނައިގައި ނިންމި ކައިސޭ، ސެމީގެ ހީޓުން އެއްވަނަ ހޯދީ 16.50 ޕޮއިންޓާ އެކު އެވެ. ދެވަނަ ހޯދި ޓްރޯއީ ވަނީ 11.84 ޕޮއިންޓް ހޯދައިފަ އެވެ.

މެންދުރު އޮތް ޖޫނިއާ ފައިނަލު ކާމިޔާބުކޮށް ޓާރޯ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭނާ ވަނީ 16.50 ސްކޯކޮށްފަ އެވެ. ދެވަނަ ހޯދީ ކައިސޭ ވެސް ވަނީ ޓްރޮއީއާ ގާތުން ވިއްދައިފަ އެވެ. އޭނާ އަށް ލިބުނީ 16.17 އެވެ. ތިންވަނަ އަށް ދިޔަ ޓްރޯއީ އާއި ހަތަރުވަނަ އަށް ދިޔަ ޗެންގްޒެންގް ވަންގް އަށް ޓާރޯ ކައިސޭއާ ގާތްވެސް ނުކުރެވުނެވެ. ޓްރޯއީ އަށް 8.76 އެވެ. ޗެންގްޒެންގް 8.16 އެވެ.