Roadha Mihaaru
ޗެމްޕިއަންކަން އިންޑޮނޭޝިއާ އާއި ޖަޕާނު ސާފަރުންނަށް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް: ފިރިހެން ޗެމްޕިއަނަކީ ޕަޖަރް، އަންހެން ޗެމްޕިއަންކަން މިރާއީ އަށް

24 އޯގަސްޓް 2024

ކ. ތުލުސްދޫގައި ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގައި ފިރިހެން ޗެމްޕިއަންކަން އިންޑޮނޭޝިއާގެ އައި މޭޑް ޕަޖަރު އަރިޔާނާ ހޯދި އިރު، އަންހެން އޯޕަންޗެ ޗެމްޕިއަންކަން ޖަޕާނުގެ މިރާއީ އިކޭޑާ ހޯދައިފި އެވެ.

ކ. ތުލުސްދޫގައި ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގައި ފިރިހެން ޗެމްޕިއަންކަން އިންޑޮނޭޝިއާގެ އައި މޭޑް ޕަޖަރު އަރިޔާނާ ހޯދި އިރު، އަންހެން އޯޕަންޗެ ޗެމްޕިއަންކަން ޖަޕާނުގެ މިރާއީ އިކޭޑާ ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންޝީޕްސްގައި ވެސް ފިރިހެން އޯޕަންގެ ޗެމްޕިއަންކަން ހޯދީ އިންޑޮނޭޝިއާގެ ސާފަރެކެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ޖަޕާނުގެ ސާފަރެކެވެ.

މިދިޔަ އަހަރުގެ ފިރިހެން ޗެމްޕިއަން، ދަނީ ވިޑީއަންޓޯ މިއަހަރު ކެޓީ ވާދަވެރި ސެމީ ފައިނަލުންނެވެ.

އިއްޔެ އޮތް ފައިނަލް ހީޓުގައި ޕަޖަރް، ވާދަ ކޮށްފައި ވަނީ އައި މޭޑް ޖޮއި ސަޓްރިއާވަން އާއި ޖަޕާނުގެ އިކޯ ވަޓަނަބޭ އަދި ޖަޕާނުގެ ޓާކީ ކަނަޒާވާއާ ދެކޮޅަށެވެ.

ޕަޖަރް ޗެމްޕިއަންކަން ހޯދާފައި ވަނީ ޖުމްލަ 15.50 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ލިބުނީ މޭޑް ޖޮއި ވަނީ 14.34 ޕޮއިންޓް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި، ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ އޭރުގެ ސާފަރު މިހާރުގެ ކޯޗު ހުސެއިން އަރީފް (އިބޫ) ގެ ފަހަތުން ނިންމާލި ވަޓަނަބޭ ވަނީ މިއަހަރު ތިންވަނަ ހޯދައިފަ އެވެ. އޭނާ ބްރޯންޒް މެޑަލް ޔަގީން ކުރީ 11.80 ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި ނިންމި ކަނަޒާވާ އަށް ލިބުނީ 9.07 ޕޮއިންޓެވެ.

އަންހެން ޗެމްޕިއަންކަން ހޯދި މިރާއީ ވަނީ މިދިޔަ އަހަރު މި ބައިން ދެވަނަ ހޯދައިފަ އެވެ. މިއަހަރު ޗެމްޕިއަންކަން ހޯދީ އިއްޔެ އޮތް ފައިނަލް ހީޓުގައި 12.93 ޕޮއިންޓް ހޯދައިގެންނެވެ.

އަންހެން އޯޕަން ބައިން ދެވަނައަށް ދިޔައީ 11.83 ޕޮއިންޓް ހޯދި ޖަޕާނުގެ އަންރީ މަޓްސޫނޯ އެވެ. އަދި ތިންވަނަ ހޯދި ޗައިނާގެ ސިގީ ޔަންގް ވަނީ 8.16 ޕޮއިންޓް ހޯދައިފަ އެވެ. ފައިނަލް ހީޓުގެ ފުލުގައި ނިންމި އިންޑޮނޭޝިއާގެ ޓައިނާ އެންޖެލް އިޒްގުއެރާޑޯ އެވެ.

ފިރިހެން އޯޕަން ބައިން ރާއްޖޭން އެންމެ ދުރަށް ދިޔައީ ހޫދު އަހުމަދު (ހޫބްޒް) އެވެ. އޭނާ ވަނީ ކުއާޓާ ފައިނަލްގައި ވާދަ ކޮށްފަ އެވެ. އަދި އަންހެން އޯޕަން ބައިގައި މަރިޔަމް ރާހިލް ނަސީމް (އާޔާ) ވަނީ ތިންވަނަ ބުރުގެ ހީޓުގައި ރާޅާ އަޅައިފަ އެވެ.

އަންހެން އަދި ފިރިހެން އޯޕަން ބައިން ވެސް ދެކުނު އޭޝިއާގެ އެއްވަނަ ގައުމުގެ ގޮތުގައި ރާއްޖެއަށް ވަނީ 2026 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ސާފިން އިން ޖާގައެއް ޔަގީން ކޮށްފަ އެވެ.