Roadha Mihaaru
ޓްރާންސްޕޯޓުގެ ޝިމާޒަށް އިންޒާރުދިން މައްސަލަ ބަލަނީ

ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒަށް އިންޒާރުދިން މައްސަލަ ތަހުގީގުކުރަނީ

13 ނޮވެމްބަރ 2022

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިމާޒަށް އިންޒާރުދިން މައްސަލަ ހުށަހަޅާފައި ނުވިޔަސް އެ އިދާރާގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ. އެހެންވެ، އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ޝިމާޒު ވާހަކައެއް ނުދެއްކެވި އެވެ. އެކަމަކު، ގެއްލުންދިން ސައިކަލުގެ ފޮޓޯއަކާ އެކު މިދިޔަ ހުކުރު ދުވަހު އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ދޮގު ތުހުމަތު އެޅުވުމަށް ފަހު ސައިކަލު ހަލާކުކޮށްލައި އަދި އިންޒާރުގެ މެސެޖުކޮށް އާއިލާއަށް ގުޅައި އިންޒާރުދޭން ފެށީ ކޮން ކަމެއް ނުވެގެންތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ޝިމާޒުގެ ސައިކަލުގެ މަޑީގައި ހުރީ ތޫނު އެއްޗެއް އަޅައި ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ.

އޭނާގެ ސައިކަލަށް ގެއްލުންދީ، އިންޒާރުދިން އިރު، ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ޝިމާޒަށް ކޮށްފައިވެ އެވެ. އެކަމަކު އެ ކަންކަން ދޮގުކޮށް ޝިމާޒު ވިދާޅުވީ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި ހުރިހާ ޒިންމާއެއް އަދާކުރައްވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް އެނގިވަޑައިގެން ކަމަށެވެ.

މިނިސްޓަރު ނަހުލާގެ ކަންބޮޑުވުމަކީ، އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތާ ފުށުއަރާ އަމަލުތައް ޝިމާޒް ހިންގެވުމެވެ.

މި ފަހުން ރައީސް އޮފީހަށް ފޮނުވި ސިޓީގައި ނަހުލާ ވަނީ، ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް މިނިސްޓަރު ތުހުމަތު ކުރައްވަ އެވެ.