Roadha Mihaaru
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕެއިނެއް ފަށަނީ

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕެއިނެއް ފަށަނީ

30 މެއި 2019

މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ސިލްސިލާ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ސިލްސިލާ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވީ މި ޕްރޮގްރާމް ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އާއި ފުލުހުންގެ އިތުރުން 20 ކުންފުންޏަކުން މި ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކެމްޕެއިނުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މާލޭގެ އެއް ނަންބަރު ފާލަން ސަރަހައްދުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި އެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ފަހު، ހޭލުންތެރި ކުރުމުގެ ތަފާތު ހަރަކާތްތައް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި އާދިއްތަ ދުވަހުގެ ހަވީރު 4:30 ން 5:45 އަށް ކުރިއަށް އޮންނާނެ އެވެ.

މިނިސްޓަރު މަހްލޫފު ވިދާޅުވި ގޮތުގައި، މި ކެމްޕެއިނުގެ މައިގަނޑު އަމާޒަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.

"ޖުމްލަކޮށް މި ހަރަކާތުގައި އޮންނާނީ އަޅުގަނޑުމެން ފްރޭމްތަކެއް ތައްޔާރުކޮށް، ވީހާ ވެސް ގިނަ ބަޔަކާ އެކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، އެކްސިޑެންޓުތައް މި ރޯދަ މަހު ގިނަވެފައިވާއިރު، މިއީ މި ދުވަސްވަރަށް ވަރަށް މުހިއްމު ކެމްޕެއިނެއް ކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ކުރިން ހިންގި ކެމްޕެއިންތަކުގައި މީހުންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަކުރެއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ، އަލަށް މި ފަށާ ކެމްޕެއިނަށް ފަހު ވެސް އެކްސިޑެންޓްތަކާއި ހިތާމަވެރި ހާދިސާތައް މަދުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ކެމްޕެއިނުގައި އެންމެ އިސްކަމެއް ދީގެން އަލިއަޅުވާލާނީ ބާރަށް ދުއްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކަމަށް ސުޕްރިންޓެންޑެންޓް އަދި ޓްރެފިކް ޕޮލިހުގެ ހެޑް ހުސައިން ސަމީރު ވިދާޅުވި އެވެ. މީގެ އިތުރުން، ކުޑަކުދިން ގޮވައިގެން ދުއްވާއިރު، ރައްކާތެރިވުމުގެ މުހިއްމު ކަމާއި މަގު ހުރަސް ކުރަނީ ރައްކާތެރި ވަގުތެއްގައި ކަމަށް ހެދުމުގެ މުހިއްމުކަން ވެސް މި ކެމްޕެއިންގައި ކިޔައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުވާރަކީ ހިނގައި އުޅޭ މީހުންނަށް ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ތަނަކަށް ހެދުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވެސް ހޭލުންތެރި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައިގަނޑު ތިން ހޭޝްޓެގެއް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ކެމްޕެއިނުގެ ހަރަކާތްތައް މާލޭގެ ނުވަ ސަރަހައްދެއްގަ އާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދާނެ ކަމަށް ޔޫތް މިނިސްޓްރީގެ ކޮމިއުނިޓީ އެމްޕަވާމެންޓް ކޮންސަލްޓަންޓް ފާތިމަތު ޝެހިޒިނީ ވިދާޅުވި އެވެ.

މާލޭގައި މި ކެމްޕެއިނުގެ ހަރަކާތްތައް އޮންނާނީ އެއް ނަމްބަރު ފާލަމާއި ހުޅުމާލެ ފެރީ ޓާމިނަލް، ނިއުޕޯޓުން ބްރިޖް ކައިރި، ސްޓެލްކޯ ފުރަގަސް (ހެލިޕޭޑް ސަރަހައްދު)، ބަސް ޓާމިނަލް، ސުނާމީ ބިނާ، ރަސްފަންނު، އެމްޕީއެލް ކަސްޓަމްސް ސަރަހައްދު އަދި ވިލާ ކޮލެޖުގެ ބޭރުގަ އެވެ. ހުޅުމާލޭގައި ހަރަކާތްތައް ކުރިއަށް ގެންދާނީ ސެންޓްރަލް ޕާކު އަދި ބާބެކިއު ސަރަހައްދުގަ އެވެ.

މި ކެމްޕެއިނުގެ ހޭޝްޓެގަކީ ފުލުހުން އާންމުކޮށް ބޭނުންކުރާ "މިހާރު އެނގިއްޖެ" އާއި "ރޯޑް ސޭޕްޓީ އިޒް އިމްޕޯޓަންޓް" އަދި "ރައްކާތެރި މަގުމަތި" އެވެ.

ކޮންމެ މަހަކު ވެސް މިފަދަ ކެމްޕެއިނެއް ކުރިއަށް ގެންދަން ވިސްނަވާފައި ވާ ކަމަށް ޔޫތު މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އަދި އެކަންތައް ކުރިއަށް ގެންދާނީ ހަމައެކަނި މާލޭގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.