Roadha Mihaaru
މަސްވެރިންގެ އެކައުންޓަށް ފައިސާ ޖަމާކުރަން ފަށައިފި

ހޮރައިޒަނުން ފައިސާ ޖަމާކުރަން ފަށައިފި، އެކަމަކު ފުރާނީ އެއްކޮށް ޖަމާކުރުމުން: މަސްވެރިން

14 ނޮވެމްބަރ 2022

ހޮރައިޒަން ފިޝަރީޒުން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން ފައިސާ ނުދީ ލަސްވާ މައްސަލާގައި، މަސްވެރިން ފަށާފައިވާ މުޒާހަރާތައް ހުއްޓާ ނުލުމުން މަސްވެރިންގެ ފައިސާ، އެ ކުންފުނިން ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަމުން އަންނަ ކަމަށް މަސްވެރިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހޮރައިޒަން ފިޝަރީޒުން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން ފައިސާ ނުދީ ލަސްވާ މައްސަލާގައި، މަސްވެރިން ފަށާފައިވާ މުޒާހަރާތައް ހުއްޓާ ނުލުމުން މަސްވެރިންގެ ފައިސާ، އެ ކުންފުނިން ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަމުން އަންނަ ކަމަށް މަސްވެރިން ބުނެފި އެވެ.

އެ މީހުންނަށް ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ ނުރުހުން ފާޅުކޮށް، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޭރުގައި މިދިޔަ ހޮނިހިރު ދުވަހު ފެށި އިހުތިޖާޖު މެދުކަނޑާލީ މިއަދުގެ އިރުއޮއްސި 6 އާ ހަމައަށް ފައިސާ ހަވާލު ކުރުމަށް މުއްދަތެއް ދިނުމުގެ ގޮތުންނެވެ.

ހޮރައިޒަނުން މިހާތަނަށް 21 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް ވެސް މަސްވެރިން ބުނެ އެވެ. އޭގެ ތެރެއިން 8.6 މިލިއަން ރުފިޔާ އަކީ މިވަގުތު މުޒާހަރާ ކުރަމުންދާ މަސްވެރިންގެ ފައިސާ އެވެ.

ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހޮރައިޒަން ހުންނަ މާންދޫގައި ކުރަމުންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މަސްވެރިއަކު "މިހާރު" އަށް މިރޭ ކިޔައިދިން ގޮތުގައި އެ ކުންފުނިން މިހާރު އަންނަނީ ފައިސާ ޖަމާކުރަމުންނެވެ.

"މިހާރު ކެޔޮޅުންގެ އެކައުންޓުތަކަށް ޖަމާކުރަމުން އެ ދަނީ. މިހާތަނަށް މުޒާހަރާގައި ބައިވެރިވާ 28 ދޯނީގެ ތެރެއިން 18 ދޯންޏަކަށް ވަނީ ޖަމާކޮށްފައި،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ފުރާނީ 8.6 މިލިއަން ރުފިޔާގެ ފައިސާ އެ ދޭން ޖެހޭ ހުރިހާ ދޯންޏަކަށް ފައިސާ ޖަމާކޮށް ނިމުނީމާ. އެކާވީސް މިލިއަނުން ބާކީ ހުރި ފައިސާ ކުރިއަށް އޮތް ހަތް ދުވަސް ތެރޭ ޖަމާކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދީފި."

އޭނާ ބުނިގޮތުގައި ހޮރައިޒަނާއެކު މިހާރު މަސްވެރިން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. އެއީ މަސް ދުވަހުގެ ފައިސާ އެއްކޮށް ދޯންޏާ ހަވާލު ކުރުން ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަޅުގަނޑުމެންނާ އެއްކޮށް އެއްބަސްވުމެއް ހަދާފައި ވަނީ އެ ކުންފުނިން. އެއީ އެއް މަސް ދުވަސް ވަންދެން މަސް ކިރާނީ އަޅުގަނޑުމެން. ކިރާފައި އެއްކޮށް ފައިސާ ބަލައި އަންނާނީ އެއްމަސް ދުވަސް ވުމުން. އެގޮތަށް އަޅުގަނޑުމެން ހުރިހާ އެންމެންވެސް އެއްބަސް،" މަސްވެރިޔާ ބުންޏެވެ.

މާންދޫގެ ފަޅުގައި 28 ދޯންޏަކުން 300 އަށް ވުރެ ގިނަ މަސްވެރިން އެ އިހުތިޖާޖުގައި ބައިވެރިވެ އެވެ. އެ ކަމާ ގުޅިގެން ހޮރަައިޒަނުން ބުނެފައި ވަނީ އެ ކުންފުނިން މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު، ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަނުން ބުންޏެވެ. އެކަމަކު، މައްސަލަ ހައްލު ކުރަން މަސްވެރިންނާއި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.