Roadha Mihaaru
ޓެކްސް ބިލަށް މިއަދު ވެސް ވޯޓަށް ނޭހި!

ޓެކްސް ބިލަށް މިއަދު ވެސް ވޯޓަށް ނާހައި ޖަލްސާ ނިންމާލައިފި

15 ނޮވެމްބަރ 2022

ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހާ މެދު ގޮތެއް ނިންމަން ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހާ މެދު ގޮތެއް ނިންމަން ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު، އިއްޔެގެ ޖަލްސާގައި ވެސް ޓެކްސް ބިލަށް ވޯޓަށް ނާއްސަވައި ނިންމާލެއްވީ ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެ އެވެ.

އެ މައްސަލަ ހޫނުވެ މެންބަރުން ތަޅުމުގައި އަޑުގަދަ ކުރުމަށް ފަހު ބައެއް މެންބަރުން ވަނީ އެ މައްސަލަ ބަލަން ވެސް ގޮވާލައިފަ އެވެ.

މަޖިލީހުގައި މިއަދު އަލުން އެ މައްސަލާގައި ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުވައިލެއްވުމުން ގިނަ މެމްބަރުންތަކެއް ބަހުސް ކުރެއްވި އެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުން ކުރިއަށް ގެންދިޔަ ވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވޯޓަށް އެއްސެވީ ދަނގެތީ ދާއިރާގެ އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި، ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައާ ގުޅޭ ގޮތުންނެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުން އެ ގަރާރު ކޮށްލީ ބޭރެވެ.

އެ ގަރާރު ބަލައިގަތުމާ މެދު މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެލުމުގެ ވޯޓަށް އެއްސެވުމަށް ފަހު، ޓެކްސް ބިލުގެ ވޯޓާ މެދު އަޅާނުލައްވައި ނަޝީދު ޖަލްސާ ނިންމައިލެއްވީ އެވެ.

ނަޝީދުގެ ފެކްޝަންގެ އަފީފު، އިއްޔެގެ ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށް ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރެއްވުމުން ނަޝީދު މިއަދު ވިދާޅުވީ، ހަމްދު ކިޔުމަށް ފަހު "މަޖިލިސް ނިމުނީ" އޭ ރިޔާސަތުން ވިދާޅުވުމުން ޖަލްސާ ނިމޭނެ ކަމަށެވެ.

މަޖިލީހުގެ ބަހުސް ނިމުމަށް ފަހު ވޯޓަށް އެހުމަށް ތިން ވަނަ ކިޔުން ކިޔާނެ ކަމަށާއި އިއްޔެ ތިން ވަނަ ކިޔުން ނުކިޔާތީ ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ނަޝީދު ވިދާޅުވި އެވެ.