Roadha Mihaaru
ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފާސްކޮށްފި

ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފާސްކޮށްފި

28 ނޮވެމްބަރ 2022

ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރުން މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު ދިރާސާކޮށް، މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 52 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ ބިލުގައި އޮތީ ފިހާރަތަކުން މުދާ ވިއްކާއިރު، ޕްލާސްޓިކް ކޮތަޅަށް ލާފައި ތަކެތި ވިއްކާ ނަމަ، ކަސްޓަމަރުންގެ އަތުން ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭ ގޮތަށެވެ. ދައުލަތުން އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ވެސް އެކަން ކުރަން އޮތީ ހިމަނައިފަ އެވެ.

ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި އަގު ހިމަނަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

އެ ބިލު ގާނޫނަކަށް ވުމުން، ހަތަރު މަސްދުވަހުގެ ތެރޭގައި އެގޮތަށް އަމަލުކުރަން ޖެހޭނެ އެވެ.

ކޮތަޅު ހިލޭ ލިބޭނެ ހާލަތުތައް

• ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި

• ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅު

• ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ކޮތަޅު

• 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި

• ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅު

ބިލުގައި ބުނެފައި ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް މީރާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އެ ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފި ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރާނެ ކަމަށެވެ.

ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމަށް، ގާނޫނަށް އަމަލުކުރާތާ ހަ މަސްދުވަހުގެ ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.