Roadha Mihaaru
އީރާންގެ މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މަރު

އީރާންގެ މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

04 ޑިސެމްބަރ 2022

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އީރާންގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އީރާން ސަރުކާރުން އިއްޔެ ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އީރާންގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ މުޒާހަރާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އީރާން ސަރުކާރުން އިއްޔެ ބުނެފި އެވެ.

އީރާންގެ ދާޚިލީ ވުޒާރާގައި އޮންނަ ސަލާމަތީ މަޖިލީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަޑީގައި ތިބީ އީރާނާ ދެކޮޅުވެރި ގައުމުތަކާ ގުޅިގެން އީރާންގެ އެތެރެ ގަޑުބަޑުކުރަން މަސައްކަތްކުރާ އީރާންގެ ޖަމާއަތްތަކެވެ. އަދި އެއީ އީރާންގެ އިންގިލާބާ އިދިކޮޅު ފަރާތްތައް ކަމަށާއި އެފަރާތްތަކުން ހިންގަމުން ދަނީ ޓެރަރިސްޓް އަމަލުތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މަޖިލީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ގައުމުގެ އަދުއްވުން އަޑީގައި ތިބެގެން ހިންގަމުންދާ ޓެރަރިސްޓް ހަރަކާތްތަކުގައި މަރުވި މީހުންގެ ތެރޭގައި އެއްވެސް ކުށެއް ނެތް އާންމުން ވެސް ހިމެނެ އެވެ. އަދި އީރާންގެ އާންމު ރައްޔިތުންގެ ސިކުނޑި އަށް ވަސްވާސް ދީގެން ހިންގި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ ސިފައިންނާއި ފުލުހުން ވެސް މަރުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް މި ހަމަނުޖެހުންތަކުގައި އާންމުންނާއި ސިފައިންނާއި ފުލުހުން މަރުވީ ކީއްވެގެން ކަމެއް ނުބުނެ އެވެ.

ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި، ހަމަނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބުނެފައި މިވަނީ، އެ ހަމަނުޖެހުންތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް، އެ ގައުމުގެ އިންގިލާބީ ލަޝްކަރުގެ އިސް ޖެނެރަލެއް ކަމަށްވާ އަމީރް އަލީ ހާޖީޒާދާ ވިދާޅުވެފައިވަނިކޮށެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވިލާތުގެ ގައުމުތަކުން ބުނާ ގޮތުގައި، އީރާންގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އީރާންގެ އާންމުން މުޒާހަރާ ކުރަމުން އަންނަނީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

އީރާންގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަހްސާގެ މަރާ ގުޅިގެން އާންމުން ކުރަމުންދާ މުޒާހަރާތަކަކީ، މަދަނީ މިންގަނޑުން ވަޒަންކުރެވޭވަރުގެ އިހުތިޖާޖެއް ނޫން ކަމަށާއި، އެއީ ގައުމު ފަނާކުރުމުގެ ހަރަކާތްތަކެއް ކަމަށެވެ. ބައި މަދު ބަޔަކު ނުކުމެ މުޒާހަރާގެ ނަމުގައި ހިންގަނީ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތައް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އީރާންގެ މަދަނީ ޖަމިއްޔާތަކުން ބުނާ ގޮތުގައި މުޒާހަރާތަކަށް ނުކުމެ އުޅުނު ގިނަ ބަޔަކު މަރުވީ، މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އިޒްރޭލުގެ ފުލުހުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުންނެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި އީރާންގެ ފުލުހުންވަނީ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް ޖަލަށް ލައިފަ އެވެ.