Roadha Mihaaru
މުޒާހަރާތަކުން ހައްޔަރުކުރި އިތުރު ދެ މީހަކު މަރައިފި

މުޒާހަރާތަކުން ހައްޔަރުކުރި އިތުރު ދެ މީހަކު ދަންޖައްސައިފި

08 ޖެނުއަރީ 2023

އީރާން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅި މީހުންގެ ތެރެއިން އިތުރު ދެމީހަކު ދަންޖައްސައި މަރާލައިފި ކަމަށް އީރާން ސަރުކާރުން އިއްޔެ ބުނެފި އެވެ.

އީރާން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅި މީހުންގެ ތެރެއިން އިތުރު ދެމީހަކު ދަންޖައްސައި މަރާލައިފި ކަމަށް އީރާން ސަރުކާރުން އިއްޔެ ބުނެފި އެވެ.

އީރާންގެ ޝަރުއީ ދާއިރާގެ ޚަބަރުތައް ފަތުރާ ނޫސް އޭޖެންސީ މީޒާން އިން ބުނި ގޮތުގައި، ހޮނިހިރު ވިލޭރޭ ދަންވަރު ދަންޖައްސައި މަރުގެ ހުކުމް ތަންފީޒުކުރި ދެ މީހުންނަކީ، އީރާންގެ ސަލާމަތީ ބާރުތަކުގައި ހިމެނޭ ސިފައިންގެ މީހަކު މެރުމުގެ ކުށް ސާބިތުވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ މުހައްމަދު މަހްދީ ކަރަމީ ކިޔާ މީހަކާއި ސައްޔިދު މުހައްމަދު ހުސައިނީ ކިޔާ މީހެކެވެ.

މި ދެ މީހުންނަކީ ވެސް، ނޮވެމްބަރު 2 ވަނަ ދުވަހު މުޒާހަރާއަށް ނުކުތް މީހުން މައިތިރިކުރަން ހަރަކާތްތެރިވި، އީރާންގެ އިންގިލާބީ ލަޝްކަރުގެ ފައުޖުގައި ހިމެނޭ މެމްބަރެއް ކަމަށްވާ ރޫހުﷲ އަޖަމައިން އަށް ހަމަލާދީ މަރައިލި ކަމަށް ކޯޓުން ކުށް ސާބިތުވި ދެ މީހުންނެވެ.

މުޒާހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހެޅި މީހުންގެ ތެރެއިން މިހާތަނަށް 16 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އިއްޔެ ދަން ޖައްސައި މެރި ދެ މީހުންނާ އެކު، މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. އެ އެންމެންގެ މައްޗަށް ވެސް މަރުގެ ހުކުމް އިއްވާފައިވަނީ، އާންމުކޮށް ހުޅުވާނުލައި ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކެއްގަ އެވެ.

މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާތީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ އީރާން ކުށްވެރި ކުރަމުންނެވެ. އިއްޔެ ދެ މީހަކު ދަންޖެއްސުމާ ގުޅިގެން، މަރުގެ ހުކުމް ތަންފީޒުކުރުން ވަގުތުން ހުއްޓައިލުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ އީރާނަށް ގޮވާލައިފަ އެވެ.

އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މުޅި އީރާނަށް ފެތުރިފައިވާ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވަނިކޮށް، އެގައުމުގައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މެދުކަނޑާލައި، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނު މުރާޖައާ ކުރަން ވަނީ ނިންމައިފަ އެވެ.

އީރާންގެ ބަންޑާރަ ނާއިބު މުހައްމަދު ޖައުފަރު މުންތަޒިރީ ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގައި އުފައްދާފައި އޮންނަ އަޚުލާގީ ފުލުހުންގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް، ބުރުގާ އެޅުމާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް އުފައްދާފައި އޮންނަ ފުލުހުންގެ އެ ޔުނިޓް ދާއިމީ ގޮތެއްގައި އުވައިލީ ކަމަކަށް އޭނާ ވިދާޅެއްނުވެ އެވެ.