Roadha Mihaaru
އިޒްރޭލު ސިފައިން ނާބުލުސްއަށް ވަދެގަނެ ހައްޔަރުކުރަނީ

އިޒްރޭލު ސިފައިން ނާބުލުސްއަށް ވަދެގަނެ އާންމުން ހައްޔަރުކުރަނީ

07 ޑިސެމްބަރ 2022

ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކާ އެކު އިޒްރޭލު ސިފައިން މިއަދު ފަތިހު އިރުމަތީ ގުދުސްގެ ނާބުލްސް އަށް ވަދެގަނެ ގެތައް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ފަށައިފި އެވެ.

ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކާ އެކު އިޒްރޭލު ސިފައިން މިއަދު ފަތިހު އިރުމަތީ ގުދުސްގެ ނާބުލްސް އަށް ވަދެގަނެ ގެތައް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ފަށައިފި އެވެ.

ނާބުލުސްގައި ދިރިއުޅޭ އާންމުންނާ ހަވާލާ ދީ އަލް ޖަޒީރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ނާބުލްސް އަށް ވަދެގަތުމާ އެކު ބާރު ގޮވުންތަކެއްގެ އަޑު އިވެން ފެށި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ކޮންމެވެސް ބައެއްގެ މެދުގައި ބަޑީގެ ހަމަލާ ބަދަލުކުރާ އަޑު އިވެން ފަށާފައިވާ ކަމަށްވެ އެވެ.

އަލް ޖަޒީރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ނާބުލްސް އަށް ވަދެ ގެތައް ބަލައި ފާސްކުރަން ފެށުމާއެކު، ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެންބަރުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާ ބަދަލުކުރަން ފެށުނެވެ. އެއާ އެކު، އިޒްރޭލު ސިފައިން، ނާބުލްސްގެ ޔާސްމީނާ އަވަށުގައި ހުރި ގެއެއް ހިސޯރުކުރި އެވެ. ނަމަވެސް އެ ގޭގައި ތިބީ ކޮން ބައެއް ކަމާއި ކިހާ މީހުންނެއްކަން ނޭނގޭ ކަމަށް އެ ނޫހުން ބުނެ އެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި މިއަދު ފަތިހު އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ވަރަށް ގިނަ ރަށްތަކަށް ވަދެގަތެވެ. ނާބުލްސް އާއި ގުދުސް އާއި ރާމަﷲ އާއި ބައިތު ލަހްމު އަދި ޚަލީލު ސަހަރަށް ވަދެގަނެ، ބައެއް ގެތައް ބަލައި ފާސްކޮށް އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ބައެއް ސަހަރުތަކަށް އަރައިގަނެ ފަލަސްތީނު މީހުން ހައްޔަރުކުރުމުގެ ހާއްސަ ހަރަކާތްތަކެއް ފަށައިގެން އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭގެ ތެރެއިން ވެސް އިޒްރޭލު ސިފައިން އެންމެ ގިނައިން ވަދެގަނެ މީހުން ހައްޔަރުކޮށްފައިވަނީ ނާބުލްސް އާއި ޖެނީން އިންނެވެ.

މިއަހަރު ފެށުނު ފަހުން އިޒްރޭލު ސިފައިން، ފަލަސްތީނުގެ ރަށްތަކަށް ވަދެގަނެ ހިންގި އުދުވާނީ އަމަލުތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 215 އަށް ވުރެ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ހުޅަނގު އައްސޭރިން ޝަހީދުކޮށްލި 159 މީހުންނާއި ގާޒާ އިން ޝަހީދު ކޮށްލި 52 މީހަކު ހިމެނެ އެވެ.