Roadha Mihaaru
އިޒްރޭލުން ހަމަލާދީ ފަލަސްތީނު 3 ޒުވާނަކު ޝަހީދުކޮށްފި

އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ތިން ޒުވާނަކު ޝަހީދުކޮށްލައިފި

09 ފެބުރުއަރީ 2022

އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގައި، ފަލަސްތީނުގެ ތިން ޒުވާނަކު ދަތުރުކުރި ކާރަކަށް އިޒްރޭލު ސިފައިން އިއްޔެ ބަޑިޖަހައި، އެ ތިން ޒުވާނުން ޝަހީދުކޮށްލައިފި އެވެ.

އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގައި، ފަލަސްތީނުގެ ތިން ޒުވާނަކު ދަތުރުކުރި ކާރަކަށް އިޒްރޭލު ސިފައިން އިއްޔެ ބަޑިޖަހައި، އެ ތިން ޒުވާނުން ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ބަޑިޖެހީ ކޮން ތުހުމަތެއްގައި ކަމެއް، އަދި ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. މިއީ އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ހިންގި ލާއިންސާނީ ޖަރީމާއެއް ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފަލަސްތީނުގެ ތިން ޒުވާނުން ދަތުރުކުރި ކާރު ދުއްވީ އާދަޔާ ހިލާފަށް ބާރަކަށް ވެސް ނޫނެވެ. އެ ކާރު ދުއްވާފައި ދަނިކޮށް ފަހަތުން އައި އާދައިގެ ކާރެއްގައި އާދައިގެ ހެދުމުގައި ތިބި ބަޔަކު އެ ކާރަށް ބަޑިޖަހަން ފެށި އެވެ. ގާތްގަނޑަކަށް މިނެޓެއްހާއިރު ވަންދެން ބަޑިޖެހުމަށް ފަހު، އެ ކާރު އެނބުރި ދިޔައީ އެވެ.

ހަމަލާ ދިން ކާރު ފިލައިގެން ދިއުމުން، އާންމުން ގޮސް ބެލި އިރު ފަލަސްތީނުގެ ޒުވާނުން ދުއްވި ކާރު އޮތީ، ބަޑީގެ އުންޑަތަކުން ފުރޭންޏެއް ގޮތަށް ތޮރުފިފަ އެވެ. ކާރުގައި ތިބި ތިން ޒުވާނުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު، އެމީހުންގެ ހަށިގަނޑުތައް އޮތީ ކާކުކަން ވަކިނުވާ ވަރަށް، ބަޑީގެ ވަޒަންތަކުން ޒަހަމްވެފަ އެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ވަނީ ސިފައިންގެ ސިއްރު ފައުޖުގެ ބަޔަކު ހިންގި މި އަސްކަރީ ހަރަކާތަށް ހިތްވަރުދީ ތައުރީފުކޮށްފަ އެވެ. މި ހަމަލާ ދިނުމުގައި ބައިވެރިވީ އިޒްރޭލު ސިފައިންގެ ހާއްސަ ފައުޖުގެ ބައެއް ކަމަށާއި އެމީހުން އެކަމުގައި ބައިވެރިވީ ކާކުކަން ނޭނގޭނެ ގޮތަށް، އާދައިގެ ހެދުމުގައި ކަމަށްވެ އެވެ.

އިޒްރޭލުގެ މި އުދުވާނީ ހަމަލާ ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގު ކުރުމަށް، ފަލަސްތީނުގެ ހާރިޖީ ވުޒާރާއިން ވަނީ ގޮވާލައިފަ އެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް، މި ހަމަލާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނެ ކަމަށް ވެސް ފަލަސްތީނުގެ ހާރިޖިއްޔާ އިން ބުނެ އެވެ.

"އިޒްރޭލު ސިފައިން ހިންގާ މިފަދަ ލާއިންސާނީ ޖަރީމާތަކުގެ ކުރިމަތީގައި ބައިނަލްއަގުވާމީ މުޖްތަމައު ހަނު އޮތުމަކީ، މިފަދަ ޖަރީމާތައް ފޮރުވުމަށް ލިބޭ ހިއްވަރެއް. އަދި މިފަދަ ޖަރީމާތައް ތަކުރާރުކުރުމަށާއި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް އިޒްރޭލު ސަރުކާރަށް ދެވޭ ހިތްވަރެއް،" ފަލަސްތީނުގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލުން ބުނި ގޮތުގައި މި ހަމަލާގައި މަރައިލީ، ދާދި ފަހުން އިޒްރޭލު ރައްޔިތުންނަށް އެކިފަހަރު މަތިން ހަމަލާ ދިނުމުގައި ބައިވެރިވި ފަލަސްތީނުގެ ތިން ހަނގުރާމަވެރިއެކެވެ. އެ ތިން މީހުން ވެސް މަރައިލީ އެމީހުން ތިބި ކާރުގެ ތެރޭގައި ކަމަށާއި، އެމީހުން މަރުވީ އިޒްރޭލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ކަމަށް ވެސް އިޒްރޭލު ސަރުކާރުން ބުންޏެވެ.