Roadha Mihaaru
ބޮޑު ދެ ސްކޫލުގެ އިމާރާތް މުއްދަތަކަށް ނުނިމުނު

ދަރުމަވަންތަ އާއި ސަލާހުއްދީން ސްކޫލުގެ އިމާރާތް މުއްދަތަކަށް ނުނިމުނު

23 ޑިސެމްބަރ 2022

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާއި ހުޅުމާލޭގައި އަޅާ ސަލާހުއްދީން ސްކޫލުގެ މަސައްކަތް ނިންމަން ބުނި ތާރީހަށް ނުނިމި، ދިގު ލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާއި ހުޅުމާލޭގައި އަޅާ ސަލާހުއްދީން ސްކޫލުގެ މަސައްކަތް ނިންމަން ބުނި ތާރީހަށް ނުނިމި، ދިގު ލައިގެން ހިނގައްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުން އަންނަ އިމާރާތް މި އަހަރު ނިމުމުގެ ކުރިން ނިންމައި، އަންނަ ޖެނުއަރީ މަހު ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަމިން ކޮންސްޓްރަކްޝަން ކުންފުނިން ހަދާ އެއް ދަންފަޅީގެ ސްކޫލު އިމާރާތް ވެސް، މިހާރު ހިނގަމުން އަންނަ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

މި ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން އަންނަ މަހުގެ 8 ވަނަ ދުވަހު ފަށާނެ އެވެ.

ނަމަވެސް، ދެ ސްކޫލުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ދެ ވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލު އިމާރާތްކޮށް ބޭނުންކުރާކަށް ނުފެށޭނެ އެވެ. ދެ ސްކޫލުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރަމުން އަންނަނީ ސިމެންތި ޖެހުމާއި ފިނިޝިންގެ މަސައްކަތްތަކެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.

ސަލާހުއްދީން ސްކޫލު އަޅަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަމިންއާ ހަވާލުކުރީ، މިދިޔަ އޭޕްރީލް މަހަށް ނިންމާ ގޮތަށް، 118 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ އެވެ.

ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެ ކުންފުންޏާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެންމެ ފުރަތަމަ ސޮއިކުރީ ފެބްރުއަރީ 4، 2020 ގަ އެވެ. އެއް އަހަރުގެ މަސައްކަތް ނިންމަން ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، ސްކޫލު ކުރެހުމުގައި މައްސަލަތަކެއް ހުރުމުން، އިތުރު 20 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިދިޔަ އޮގަސްޓް މަހު ސޮއިކުރި އެވެ. އެއީ، އެ އެއްބަސްވުމުގައި ހިމެނޭ ފިނިޝިން މަސައްކަތްތައް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.