Roadha Mihaaru
ޔާމީނަށް ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ދޫކޮށްފި

ޔާމީނަށް ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ދޫކޮށްފި

26 ޑިސެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ނުލިބިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރިޕޯޓް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ނުލިބިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރިޕޯޓް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމުގެ ހުލާސާ ރިޕޯޓް ނުލިބޭތީ ޔާމީންގެ ވަކީލުންނާއި އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރިޕޯޓް މިއަދު މެންދުރު ހަވާލު ކޮށްފައިވާކަން ކޯޓުން ކަށަވަރުކޮށް ދިނެވެ.

އެ ޝަރީއަތުގެ ޔޫޓިއުބްގެ ލައިވް ސްޓްރީމް ވެސް މިއަދު ޔޫޓިއުބުން ނުފެނެ އެވެ. އެހެން ނަމަވެސް މިހާރު ވަނީ އާންމުކޮށް ފެންނަ ގޮތަށް ހަދައިފަ އެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ވަކީލުން ވަނީ ނިންމައިފަ އެވެ.

ޔާމީންގެ އިތުރުން ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް މިހާރު ތިއްބެވީ މާފުށީ ޖަލުގަ އެވެ.