Roadha Mihaaru
މަގުތަކަށް ނެރޭ ކުންޏާ ދޭތެރޭ ދެފަރާތުން އަރައިރުން!

ރޭ ގޭގެއިން ނެރުނު ކުނި ނެގީ ކައުންސިލުން، ވެމްކޯއިން ބުނީ ނަގަން ނުޖެހޭނެ ކަމަށް!

29 ޑިސެމްބަރ 2022

މާލޭގެ ގޭބީސީތަކުން ރޭ މަގުމައްޗަށް ނެރުނު ކުނި ވެމްކޯއިން ނުނެގުމުން ސިޓީ ކައުންސިލުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. އެކަމަކު ވެމްކޯ އިން ބުނަނީ މަގުމަތީގައި ހުންނަ ކުންޏަކީ ސިޓީ ކައުންސިލުން ނަގަން ޖެހޭ އެއްޗެއް ކަމަށެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ގޭބީސީތަކުން ރޭ މަގުމައްޗަށް ނެރުނު ކުނި ވެމްކޯއިން ނުނެގުމުން ސިޓީ ކައުންސިލުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. އެކަމަކު ވެމްކޯ އިން ބުނަނީ މަގުމަތީގައި ހުންނަ ކުންޏަކީ ސިޓީ ކައުންސިލުން ނަގަން ޖެހޭ އެއްޗެއް ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނަގަން ސިޓީ ކައުންސިލުން ފެށީ، ކުރިން ވެމްކޯއާ ހަވާލުކޮށްގެން އެ މަސައްކަތް ކުރުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ ކައުންސިލުން ކުނި ނަގަން ފަށަން ނިންމި ހިސާބުން ވެމްކޯއިން ކުނި ނެގުމަށް ބަދަލުތައް ގެންނަން ފެށި ކަމަށެވެ.

"ދެ ރޭ އަދި މި ވީ އަޅުގަނޑުމެން ނަގާތާ. ފުރަތަމަ ރޭ، އަންގާރަ ދުވަހުގެ ރޭ ހުރި ކޮންމެވެސް ވަރަކަށް ކުނި ނުނަގާ. ރޭގަ ހަމަ އެއްވެސް ވަރަކަށް މާލެ ތެރެއިން ކުނި ނުނަގާ. މިއީ ހަމަ ވެމްކޯއިން ޖެއްސުމަށް ކުރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރޭ ގެތަކުން ނެރުނު ކުންޏަކީ މީގެ ކުރިން ވެސް ނެރޭ ކުނި ކަމަށާއި ނަމަވެސް ވެމްކޯއިން އެ ކުނި، ގަސްތުގައި ނުނެގީ ކަމަށެވެ.

"ރޭ ކުނި ނެގުމަށް އަޅުގަނޑުމެންނަށް ޖޮއިންކުރި ވެމްކޯގެ ކުރީގެ މުވައްޒަފުން، ސިޓީ ކައުންސިލާ ގުޅޭނެ މުވައްޒަފުން ވެމްކޯއިން ބޭއްވި ބައްދަލުވުމަށް ގޮސް އައިސް ބުނީ އެ ބައްދަލުވުމުގައި ބުންޏޭ، މާލެ ސިޓީ ކައުންސިލަކަށް ނުވާނޭ އެކަމެއް. އެކަން ފެންނާނޭ ވަރަށް އަވަހަށް. އެހެންވީމަ މިއީ ހަމަ ގަސްތުގައި ވެމްކޯއިން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރޭ އެކަނި ކައުންސިލުން 10 ޓަނުގެ ކުނި ނެގި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގޭބަސީތަކުން ކޮތަޅުގަ ނެރުން ކުނި، ރޭ އެކަނި 10 ޓަނުގެ ކުނި ކައުންސިލުން ނެގި. އަޅުގަނޑުމެން މި ނެގިޔަސް އަނެއްކާ ގޭޓު ފައިސާ ދީފަ މި ޖެހެނީ ކުނި އުކަން ވަންނަން. އެހާ ދިގު ކިޔުއެއް އޮންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވެމްކޯއިން އެ ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މާލެތެރެ ގޮނޑުވިޔަ ނުދޭނެ ކަމަށާއި ސިޓީ ކައުންސިލުން މާލެތެރެ ސާފު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ވެމްކޯގެ ބަދަލުވެރި ފަރާތް، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހް ވިދާޅުވީ މާލޭގެ މަގުތަކަށް ނެރޭ ކުނި ނެގުމުގެ އެއްވެސް ޒިންމާއެއް ވެމްކޯއިން ނަގަން ނުޖެހޭނެ ކަމަށެވެ.

"ވެމްކޯއަކީ މާލޭގެ ގެތަކުން އުފައްދާ ކުނި ނަގާ ބައެއް. ވެމްކޯއިން ކުނި ނަގާނީ ރަޖިސްޓްރީ ވެފައިވާ އެޕާޓްމެންޓްތަކުންނާއި ދޮރުމަތިން. ކުނި ތިރިއަށް ބާލާކަށް ވެމްކޯއަކުން ނުބުނާނެ. އެންމެ ދުވަހެއްގެ ކުންޏާ ހަވާލުވާން ބަހަނާ ދެއްކުމަކީ ވަރަށް ހުތުރު ކަމެއް،" އަލީ ސޯލިހު ވިދާޅުވި އެވެ.

ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން އެ ކައުންސިލުން ނިންމައިފައި ވަނީ މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނަގަން ވެމްކޯ އަށް ކޮންމެ މަހަކު ސިޓީ ކައުންސިލުން ބޮޑު ބަޖެޓެއް ދިން ނަމަވެސް އެ ކުންފުނިން ގަވާއިދުން އެކަން ކުރަމުން ނުދިއުމެވެ.

އަދި ދެ ފަރާތުން ވާހަކަ ދައްކައިގެން ވެސް އެ މައްސަލަ އަށް ހައްލު ނައުމުން ސިޓީ ކައުންސިލުން ނިންމީ އެއްބަސްވުން އާ ނުކޮށް، އެ ކައުންސިލުން އަމިއްލަ އަށް މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތަކާއި މަގުތައް ސާފުކުރާށެވެ.