Roadha Mihaaru
ވެމްކޯ އަށް މާލޭގެ ކުނި މެނޭޖެއް ނުކުރެވޭ: މުއިއްޒު

ތިން މިލިއަން ރުފިޔާ ހަރަދުކުރިއިރު ވެސް، ވެމްކޯ އަށް މާލޭގެ ކުނި މެނޭޖެއް ނުކުރެވޭ: މުއިއްޒު

15 އޯގަސްޓް 2021

މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުމުގެ ކަން ކަމަށް އެ ކައުންސިލުން މިދިޔަ ޖޫން މަހު ތިން މިލިއަން ރުފިޔާ ހަރަދުކުރިއިރު ވެސް، އެ މަސައްކަތް ރަނގަޅަށް ނުކުރާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުމުގެ ކަން ކަމަށް އެ ކައުންސިލުން މިދިޔަ ޖޫން މަހު ތިން މިލިއަން ރުފިޔާ ހަރަދުކުރިއިރު ވެސް، އެ މަސައްކަތް ރަނގަޅަށް ނުކުރާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.

މިދިޔަ ޖޫން މަހުގެ، ސިޓީ ކައުންސިލްގެ ވެމްކޯ ބިލުތަކުގެ ތަފުސީލު ހަމާކުރައްވާ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކުންފުންޏަށް ކުނި މެނޭޖް ނުކުރެވޭ މައްސަލަ އިސްލާހު ކުރުވަން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކައުންސިލްއާ އެކު ވެމްކޯން އިން ވެފައިވާ އެއްބަސްވުން ވެސް އާންމުކުރެއްވި އެވެ.

މާލެ އާއި ވިލިމާލޭގެ މުނިސިޕަލް ތަންތަން ސާފުކުރުމާއި މަގުތަކުން ކުނި ކަހައި ސާފުކުރަން މިދިޔަ ޖޫން މަހު ސިޓީ ކައުންސިލުން ވެމްކޯ އަށް 3،100،438.57ރ. ހަރަދުކޮށްފައި ވެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާންމުކުރެއްވި މިދިޔަ ޖޫން މަހު މާލެ ސިޓީ ކައުންސިލުން ވެމްކޯ އަށް ކުރި ހަރަދުގެ ތަފުސީލު.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާންމުކުރެއްވި މިދިޔަ ޖޫން މަހު މާލެ ސިޓީ ކައުންސިލުން ވެމްކޯ އަށް ކުރި ހަރަދުގެ ތަފުސީލު.

ވެމްކޯ އިން ގޭގެ އަށް ވަދެ ކުނި ނެގުން ހުއްޓާލައިފައި އޮތުން ނިމުމަކަށް ގެނެސް އަންނަ ހަފުތާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް މުއިއްޒު ވިދާޅުވިޔަސް، އެ ބަދަލު ގެންނަން ނިންމާފައި ނުވާ ކަމަށް ވެމްކޯ އިން އިއްޔެ ބުނުމުން، އެ މައްސަލައިގައި ވެސް މުއިއްޒު ވަނީ މިއަދު ރައްދު ދެއްވައިފަ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދުގެ ޓުވީޓަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ ކައުންސިލުން ވެމްކޯއާ އެކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މާލޭގެ ގޭގެއިން ކުނި ނެގުމުގައި ކުރިން އޮތް ގޮތަށް އަމަލުކުރަން އެއްބަސްވުމަށް ފަހު، އެ ވާހަކަތައް ދޮގުކޮށް، އެ ކުންފުނިން ބަޔާނެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ބައްދަލުވުމުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ބަދަލުކުރައްވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މާފަންނު ރައްޔިތުންނާ އެކު މާލޭ ސިޓީ ކައުންސިލުން މިދިޔަ ހުކުރު ދަވުހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ގޭބިސީތަކުން އުކާލާ ކުނި މި މަހުގެ 21 އިން ފެށިގެން ނަގަމުން ދާނީ ކުރިއެކޭ ވެސް އެއްގޮތަށް ގޭބިސީތަކަށް ވަދެ ކަމަށެވެ.

މުއިއްޒުގެ ނަން ނުގެނެސް، އެކަމަކު އޭނާގެ ވާހަކަ ދޮގުކޮށް، ވެމްކޯ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް 16 އިން ފެށިގެން މާލެ ސަރަހައްދުގެ ގޭގެ އިން ކުނި ނެގުމުގައި އަމަލުކުރަން ފެށި އުސޫލަށް ބަދަލު ގެނައި ކަމަށް ބުނެ ފަތުރަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ގޭބީސީތަކުން ކުނި ނަގައި، ކުނި އުކުމުގެ ހިދުމަތް ދެނީ ވެމްކޯ އިން ކަަމަށް ވުމުން އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ އެ ކުންފުންޏަށް ކަމަށް ވެސް ބުނެފައި ވެ އެވެ.

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުން ކުރީގެ އުސޫލާ އެއްގޮތަށް ވެމްކޯ އިން އަދި ކުރިއަށް ގެންދަން ނިންމާފައި ނުވިޔަސް، ކޮވިޑް ފެތުރޭވަރު ވަރަށް ބޮޑުތަން މަދުވުމުން އެހެން ހުރިހާ ކަމެއް ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ. އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކުރިން އަޅާފައިވާ މައިގަނޑު ހުރިހާ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.