Roadha Mihaaru
100 ވަނަ މެރެތަން އަށް ނަސްރު ތައްޔާރުވަނީ

100 ވަނަ މެރެތަން އަށް ނަސްރު ތައްޔާރުވަނީ

05 ޖެނުއަރީ 2023

އެންމެ ގިނަ މެރެތަންގައި ދުވި ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) މި އަހަރު އޭނާގެ 100 ވަނަ މެރެތަންގައި ދުވަން އަމާޒުކޮށް ހާއްސަ ގޮތެއްގައި އެކަން ފާހަގަކުރަން ތައްޔާރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެންމެ ގިނަ މެރެތަންގައި ދުވި ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) މި އަހަރު އޭނާގެ 100 ވަނަ މެރެތަންގައި ދުވަން އަމާޒުކޮށް ހާއްސަ ގޮތެއްގައި އެކަން ފާހަގަކުރަން ތައްޔާރު ވެއްޖެ އެވެ.

ދެކުނު އޭޝިއާ އިން ވެސް އެންމެ ގިނަ މެރެތަންގައި ވާދަކުރި އެއް ދުވުންތެރިޔާ މިދިޔަ އަހަރު ވަނީ އޭނާގެ މެރެތަންގެ އަދަދު 86 އަށް ގެންގޮސްފަ އެވެ. އެ އަދަދު 100 އަށް ގެންދަން 14 މެރެތަންގައި މި އަހަރު އޭނާ ވާދަކުރަން ޖެހޭނެ އެވެ.

ނަސްރު ބުނީ 100 ވަނަ މެރެތަން ޓޯކިޔޯ ނުވަތަ ލަންޑަނުގައި ފުރިހަމަ ކުރަން ވިސްނަމުންދާ ކަމަށެވެ.

"މި ދެތަނުން ކޮންމެ ވެސް އެއް ތަނެއްގައި 100 ވަނަ މެރެތަން ދުވާނީ އިރާދަކުރެއްވިއްޔާ. އަދި ވަކި ތަނެއްކަމެއް ނުވިސްނަން،" މިދިޔަ އަހަރު 10 މެރެތަންގައި ދުވި ނަސްރު ބުންޏެވެ.

100 ވަނަ މެރެތަން ހާއްސަ ގޮތެއްގައި ފާހަގަ ކުރަނީ

ޑިސްޓެންސް ރަނިން ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނަސްރު ބުނީ އޭނާގެ 100 ވަނަ މެރެތަންގައި ރާއްޖޭގެ ބައެއް އެހެން ދުވުންތެރިން ވެސް ބައިވެރި ވާނެ ކަމަށެވެ.

އޭނާ ބުނީ ބައެއް އެހެން ދުވުންތެރިންނާ އެ ވާހަކަ ދެއްކުމުން އެ ދުވުންތެރިން ވެސް އެކަމަށް ޝައުގުވެރި ވާކަން ހާމަކޮށްފައިވާ ކަމަށެވެ.

"އެގޮތަށް އެ ވާހަކަ ދައްކާލީމަ 10 ވަރަކަށް މީހުން ބުނެފި ބައިވެރި ވާނަމޭ،" ނަސްރު ބުންޏެވެ.

"އަޅުގަނޑު ވިސްނައިގެން މިހުރީ އަޅުގަނޑާއެކު އެ މެރަތަން އަށް ދާ މީހުން ބޭނުމިއްޔާ އެ މެރެތަން އަށް ހާއްސަކޮށް އެ ފަރާތްތަކަށް ހިލޭ ޓްރޭނިން ފޯރުކޮށްދޭ ގޮތަށް."

މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރެތަންއިން، ދުވަން ފެށި ނަސްރުގެ ކެރިއަރުގައި އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު ޖުމުލަ 13 މެރެތަންގައި ދުވެ އެ ހުރިހާ މެރެތަން އެއް ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ.