Roadha Mihaaru
ގައުމީ ސާފް ލީގު މި އަހަރުވެސް ފަސް ސަރަހައްދެއްގައި

ގައުމީ ސާފް ލީގު މި އަހަރު ވެސް ފަސް ސަރަހައްދެއްގައި

06 ޖެނުއަރީ 2023

ރާއްޖޭގެ ސާފިން އެސޯސިއޭޝަން، އެމްއެސްއޭ އިން މުޅި ރާއްޖެއަށް ފުޅާ ކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ދިވެހި ސާފް ލީގު، މި އަހަރު ވެސް ފަސް ސަރަހައްދެއްގައި ބާއްވަން ނިންމައި، ލީގުގެ ކަލަންޑަރު އާއްމުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ ސާފިން އެސޯސިއޭޝަން، އެމްއެސްއޭ އިން މުޅި ރާއްޖެއަށް ފުޅާ ކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ދިވެހި ސާފް ލީގު، މި އަހަރު ވެސް ފަސް ސަރަހައްދެއްގައި ބާއްވަން ނިންމައި، ލީގުގެ ކަލަންޑަރު އާއްމުކޮށްފި އެވެ.

އެމްއެސްއޭ އިން އިއްޔެ އާއްމު ކުރި ދިވެހި ސާފް ލީގުގެ ކަލަންޑަރުގައި އެންމެ ފުރަތަމަ އޮތީ މިދިޔަ އަހަރެކޭ އެއްގޮތަށް ގދ. ގައްދޫ ގައި ކުރިއަށް ގެންދާ ކަޅެގަލެކޮޑާ މުބާރާތެވެ. މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 14 އިން 18 ގެ ނިޔަލަށެވެ.

ގައްދޫގައި މުބާރާތް ބޭއްވުމަށް ފަހު ދެން އޮންނާނީ މ. މުލީގައި ބާއްވާ މުލީކޮޅު ރާޅުގަނޑު މުބާރާތެވެ. މި މުބާރާތް އޮންނާނީ މެއި މަހުގެ 2 އިން 6 އަށެވެ. އެއަށް ފަހު ޖުލައި 4 އިން 8 އަށް ކ. ހިންމަފުށީގައި ގާމާދޫކޮޅު މުބާރާތް ކުރިއަށް ގެންދިޔުމަށް ފަހު، ޖުލައި 31 އިން އޮގަސްޓް 5 އަށް ހުރާކޮޅުރާޅުގަނޑު ކުރިއަށް ދާނީ ރ. ކިނޮޅަހުގަ އެވެ.

މި އަހަރުގެ ވެސް އެންމެ ފަހު މުބާރާތަކަށް ވާނީ މާލޭގައި ބާއްވާ ގައުމީ މުބާރާތް، ނުވަތަ ރަންނަމާރި ޗެލެންޖް އެވެ. ރަންނަމާރި ޗެލެންޖް ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.

މިދިޔަ އަހަރުގެ ލީގު ކާމިޔާބު

ކާމިޔާބުކަމާއެކު ނިންމާލި މިދިޔަ އަހަރުގެ ސާފް ލީގުގެ ޗެމްޕިއަނަކީ ކ. ތުލުސްދު އަށް އުފަން އަހުމަދު އާގިލް (އަންމަޑޭ) އެވެ. މިދިޔަ އަހަރުގެ ލީގުގެ ފުރަތަމަ މުބާރާތް، ކަޅެގަލެކޮޑާގެ ކުއާޓާ ފައިނަލުން އަންމަޑޭ ކެޓި ނަމަވެސް އޭނާ ވަނީ މުލީކޮޅު ރާޅުގަނޑާއި ހުރާކޮޅު ރާޅުގަނޑު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ގާމާދޫކޮޅާއި ރަންނަމާރި ޗެލެންޖް ނިންމާލީ ސެމީ ފައިނަލާ ހަމައިންނެވެ.

މިދިޔަ އަހަރުގެ ކަޅެގަލެކޮޑާ މުބާރާތް ކާމިޔާބު ކުރީ މުބާރާތް ބޭއްވި ގައްދު އަށް ނިސްބަތްވާ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ނަމަވެސް މުލީކޮޅު ރާޅުގަނޑުގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ސީޒަން މާ ކާމިޔާބުކޮށް ނިންމާލެވޭ ގޮތެއް ނުވި އެވެ. އަދި އޭނާ އަށް ވަނީ ރޭންކިންގެ ގަދަ 4 ގެއްލި، މި އަހަރުގެ ގައުމީ ޓީމުން ޖާގަ ގެއްލިފަ އެވެ.

އެންމެ ފުރަތަމަ 2019 ވަނަ އަހަރު ގައުމީ ސާފިން ޓީމު އެކުލަވައިލަން ބޭއްވި ޓްރަޔަލް އިން އެއް ވަނަ ހޯދައިގެން މިދިޔަ އަހަރާ ހަމައަށް ވެސް ސްމައިލީ އަކީ ގައުމީ ސާފިން ޓީމުގެ އެތުލީޓެކެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން 2024 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކް މުބާރާތަށް ކޮލިފައިވުމަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ އޮލިމްޕިކް ސޮލިޑަރިޓީ ސްކޮލާޝިޕް ވެސް ހޯދައިފަ އެވެ.

ސާފް ލީގުގެ ގަދަ ހަތަރަކަށް ޖެހިގެން އަންނަ އަހަރުގެ ގައުމީ ޓީމުން ޖާގަ ދޭ ގޮތަށް ހަމަޖެހިފައި ވާއިރު، އަލަށް ގައުމީ ޓީމުގެ ޖާގަ ހޯދީ ގައްދުއަށް ނިސްބަތްވާ ޖައިލަމް ނިޒާރެވެ. އޭނާ ނިންމާލީ ލީގުގެ ތިން ވަނައިގައި އެވެ. ދެ ވަނައިގައި އެރަށު ނަޖާހު މުހައްމަދު (ކަނބޯ) ނިންމިއިރު، ހަތަރު ވަނައިގައި ނިންމާލީ ހަމަ އެ ރަށަށް ނިސްބަތްވާ ހޫދު އަހުމަދު (ހޫބްޒް) އެވެ.

އަންމަޑޭ އާއި ކަނބޯ އަދި ހޫބްޒް އަކީ މިދިޔަ އަހަރު ވެސް ސާފިން ގައުމީ ޓީމުގައި ހިމެނުނު އެތުލީޓުންނެވެ.

ގިނަ ދުވަސްތަކެއް ރާޅާއެޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް ގާމާދޫކޮޅުގައި ޗެމްޕިއަންކަން ގޯދީ ރާއްޖޭގެ ސާފިން ލެޖެންޑް ހުސެއިން އަރީފް (އިބޫ) އެވެ. އަދި މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖް ކާމިޔާބު ކުރީ މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ.