Roadha Mihaaru
ސައޫދީން ޔޫރޭނިއަމް ބޭނުންކުރަނީ ހަކަތަ އުފައްދަން

ސައޫދީން ފެނުނު ޔޫރޭނިއަމް ބޭނުންކުރަނީ ހަކަތަ އުފައްދަން

12 ޖެނުއަރީ 2023

ސައޫދީ އަރަބިއްޔާ އިން އެކަށީގެންވާ މިންވަރަކަށް ދާދި ފަހުން ޔޫރޭނިއަމް ފެނިފައިވާ ކަމަށާއި، އެ ޔޫރޭނިއަމް ބޭނުންކުރާނީ އެގައުމުގެ ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރަން ކަމަށް ސައޫދީން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާ އިން އެކަށީގެންވާ މިންވަރަކަށް ދާދި ފަހުން ޔޫރޭނިއަމް ފެނިފައިވާ ކަމަށާއި، އެ ޔޫރޭނިއަމް ބޭނުންކުރާނީ އެގައުމުގެ ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރަން ކަމަށް ސައޫދީން ބުނެފި އެވެ.

ސައޫދީގެ ހަކަތައާ ބެހޭ ވަޒީރު އަބްދުލް އަޒީޒް ބިން ސަލްމާން މިއަދު ވިދާޅުވި ގޮތުގައި އެ ގައުމުން މި ފަހުން ފެނުނު ޔޫރޭނިއަމް ބޭނުންކުރާނީ ސުލްހަވެރި ބޭނުންތަކަށެވެ. އެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ޔޫރޭނިއަމްގެ ޒަރީއާއިން، އެ ގައުމުގެ ނިއުކްލިއާ ހަކަތައިގެ ސިނާއަތު ކުރިއަރުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އަށް ބޭނުންވާ މިންވަރަށް ހަކަތަ އުފެއްދުމަށް މިހާރުވެސް ތަފާތު ވަސީލަތްތައް ބޭނުންކުރެ އެވެ. އެހެންކަމުން، އަލަށް ފެނުނު ޔޫރޭނިއަމްގެ ޒަރީއާއިން އެ ގައުމުގެ ހަކަތައިގެ ސިނާއަތު ސިންދަފާތުކުރެވޭނެ ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ.

ޔޫރޭނިއަމް ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގައި ސައޫދީ އަރަބިއްޔާއާ ބައިވެރިވެގެން ވިޔަފާރީގެ އުސޫލުން އެކަން ކުރަން ބޭނުންވާ ބޭރުގެ ކުންފުނިތަކާ އެކުގައި ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ސައޫދީ ވަޒީރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފަށާނީ، ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް އަދި ދެފުށް ހާމަވާ ފަދަ މިންގަނޑަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން، ނިއުކްލިއާ ހަކަތައިގެ ހިންގާ އިންޖީނުގެއެއް މިހާތަނަށް ހުރި ހަމައެކަނި ގައުމަކީ އެމިރޭޓްސް އެވެ.

ސައޫދީ އަރަބިއްޔާގައި ހުރި ގުދުރަތީ ވަސީލަތްތައް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، ޔޫރޭނިއަމް ހުރި ބައެއް ސަރަހައްދުތައް ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ޖިއްދާގެ އިރުއުތުރުން އޮންނަ ޖަބަލު ސައީދު ކިޔާ ސަރަހައްދާއި މަދީނާ އާއި އެ ގައުމުގެ އުތުރުގައި އޮންނަ ޖަބަލް ގާރިއާ ސަރަހައްދު ހިމެނެ އެވެ.

އެ ސަރަހައްދުތައް ހޯދައި ބެލުމުގެ ތެރޭގައި، ޔޫރޭނިއަމްގެ އިތުރުން، ޓައިޓޭނިއަމް ވެސް އެކަށީގެންވާ މިންވަރަށް ފެނިފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެ އެވެ.