Roadha Mihaaru
ލީބިޔާގައި ހުރި ޔޫރޭނިއަމްތަކެއް ގެއްލިއްޖެ

ލީބިޔާގައި ހުރި ޔޫރޭނިއަމްތަކެއް ގެއްލިއްޖެ

16 މާޗް 2023

ލީބިޔާގައި ގުރި ގުދުރަތީ ޔޫރޭނިއަމްތަކެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން އިއްޔެ ބުނެފި އެވެ.

ލީބިޔާގައި ގުރި ގުދުރަތީ ޔޫރޭނިއަމްތަކެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން އިއްޔެ ބުނެފި އެވެ.

އެ އިދާރާގެ ވެރިޔާ ރަފައޭލް ގްރޮސީ، އެ ޖަމާއަތުގެ މެމްބަރު ގައުމުތަކަށް މި ހަފުތާގައި ފޮނުވި އެންގުމެއްގައި ބުނެފައިވާ ގޮތުގައި ގެއްލުނު ޔޫރޭނިއަމްތައް ހުރި ސަރަހައްދަކީ، ލީބިޔާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ނޫނެވެ. އެހެންކަމުން އެ ޔޫރޭނިއަމްތަކަށް ވީގޮތެއް، އަދި އެ ތަކެތި ގެންދިޔައީ ކޮން ބަޔަކު ކޮން ތަނަކަށްކަން ދެނެގަތުން ފަސޭހަނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫރޭނިއަމް ބަންދުކޮށްފައި ހުރި 10 ފީފާ ވަނީ ގެއްލިފަ އެވެ. އެތަކެތީގެ ބަރުދަން ގާތްގަނޑަކަށް 2.3 ޓަނަށް އަރާނެ ކަމަށް ރަފައޭލް ވިދާޅުވި އެވެ. ގެއްލުނު ޔޫރޭނިއަމްތައް ހުރި ސަރަހައްދަކީ ލީބިޔާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިޔަސް، އެ ސަރަހައްދާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެހެން ނަމަވެސް، އެ ތަކެއްޗަށް ވީ ގޮތެއް ބެލުމުގެ މަސައްކަތް އައިއޭއީއޭ އިން ކުރަމުން ގެންދާނެ ކަމަށް ރަފައޭލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތަކެތި މިހާރު ހުރި ތަނެއް ނޭނގުމަކީ، ރޭޑިއޭޝަން ފެތުރުމުގެ ކަންބޮޑުވުން އިތުރުވާ ކަމެކެވެ.

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމުގައި އެ ގައުމުން ހިންގަމުން އައި ނިއުކްލިއާ މަޝްރޫއުގެ މަސައްކަތް ހުއްޓައިލީ، އިނގިރޭސި ވިލާތާއި އެމެރިކާއާ އިން ލީބިޔާއާ އެކުގައި ކުރި މަޝްވަރާތަކަށް ފަހު، 2003 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ ދަށުން ކުރި މަސައްކަތުގެ ތެރެއިން، ނިއުކްލިއާ ބޮން އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިއަމް ފައްކާ ކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖްތައް ހުރީ އުފައްދައިފަ އެވެ.

ނަމަވެސް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަމާ އަޅައި ބަލާއިރު، ލީބިޔާގެ ނިއުކްލިއާ މަޝްރޫއު ކުރިއަށް ގޮސްފައި އޮތީ ވަރަށް އާދައިގެ ގޮތަކަށެވެ. އަދި ނިއުކްލިއާ ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރަށް ވެސް އެ މަޝްރޫއު ތަރައްގީއެއް ނުކުރެވެ އެވެ.

ލީބިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ނޭޓޯ އިން އަސްކަރީ އަދި މާލީ އެހީތެރިކަން ދީގެން، އެ ގައުމުގައި އުފެއްދި ހަމަނުޖެހުންތަކުގެ ތެރޭގައި، 2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވެއްޓިގެން ދިއުމާއެކު، މުޅި ލީބިޔާ ބައިބައިވެގެން ދިޔަ އެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް، އެ ގައުމަށް ސިޔާސީ ހަމަނުޖެހުމެއް ނާދެ އެވެ.

ލީބިޔާގެ ހުޅަނގު ސަރަހައްދުގައި އޮންނަ ވެރިރަށް ޓްރިޕޮލީގައި އޮތީ، ހުޅަނގުގެ ގައުމުތަކުން ތާއީދު ކުރާ ވަގުތީ އިންތިގާލީ ސަރުކާރެކެވެ. އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ވެރިކަން ކުރަނީ، ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ޚަފްތަރަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރުގައި އުފައްދާފައި އޮންނަ ސަރުކާރަކުންނެވެ.

ދެ ސަރުކާރުގެ ދެމެދުގައި ވަރުގަދަ ހަނގުރާމަތަކެއް ކުރުމަށް ފަހު، ދެ ފަރާތުގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު، 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ހަނގުރާމަ ހުއްޓާލައިފަ އެވެ. ނަމަވެސް މިހާރުވެސް ދޭތެރެ ދޭތެރެއިން ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރެ އެވެ.