Roadha Mihaaru
އާޓް ގެލަރީ ބަންދުކޮށްފައި ހުންނާތީ ކަންބޮޑުވުން

އާޓް ގެލަރީ ބަންދުކޮށްފައި ހުންނާތީ އާޓިސްޓުން ކަންބޮޑުވުން ފާޅުކޮށްފި

15 ޖެނުއަރީ 2023

ނޭޝަނަލް އާޓް ގެލަރީ މަރާމާތަށް ބަންދުކުރި ފަހުން އެތަން ނުހުޅުވާ ގިނަ ދުވަސްތަކެއް ވަމުންދާތީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނޭޝަނަލް އާޓް ގެލަރީ މަރާމާތަށް ބަންދުކުރި ފަހުން އެތަން ނުހުޅުވާ ގިނަ ދުވަސްތަކެއް ވަމުންދާތީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާޓިސްޓުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އާޓް ގެލަރީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް އެކަމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެތަން ބަންދުކޮށްފައި ހުރުމުން އެ ޖަމިއްޔާ އިން ހިންގަން ރާވާފައިވާ ގިނަ އިވެންޓުތައް ވެސް ނުބޭއްވި ލަސްވަމުންދާ ކަމަށް ބުންޏެވެެ.

"ހާއްސަކޮށް ހުނަރުވެރި ޒުވާނުން ބައިވެރިވާ އެގްޒިބިޝަންތައް ނުބޭއްވި ލަސްވާކަމީ ރާއްޖޭގެ އާޓްގެ ދާއިރާ އަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި ނޭޝަނަލް އާޓް ގެލަރީ މަރާމާތަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމުން އާޓްސް މިނިސްޓަރާއި އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި އެންސީއޭގެ ބައެއް ބޭފުޅުންނާ އެކު ވެސް އެތައް ފަހަރަކު މަޝްވަރާކުރެވުނެވެ. އެކަމަކު އެކަމަށް އެދެވޭ ނަތީޖާއެއް މިހާތަނަށް ލިބިފައިނުވާތީ އެ ޖަމިއްޔާ އިން އެކަމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ.

އާޓް ގެލަރީ މަރާމާތަށް ބަންދުކޮށްފައިވާއިރު އެކަމާ ގުޅިގެން އާޓްސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގައި މި ވަގުތު ކުރިއަށް ދަނީ ފިނިޝިން މަސަައްކަތްތައް ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެތަނުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވޭނެ ކަމަށް އޮފިޝަލް ލަފާކުރެއްވި އެވެ.

އެންމެ ކުރިއްސުރެ އާޓިސްޓުންގެ ހުނަރުތައް ދައްކުވައިދެމުން ދިޔައީ އެމީހުންނަށް ހާއްސަކޮށްފައިވާ ގައުމީ ގެލަރީގަ އެވެ. އެކަމަކު އާޓް ގެލަރީން އާޓިސްޓުންނަށް އެކަށީގެންވާ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ކުރިން ވެސް އޮތެވެ.