Roadha Mihaaru

ރައީސް، ސަން ސިޔާމްއާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް، ސަން ސިޔާމްއާ ބައްދަލުކުރައްވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

31 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގަ އެވެ. އެ އޮފީހުން އެކަން "މިހާރު" އަށް ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސިޔާމް ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ރައީސް ވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. އެހެންވެ، ބެލެވެނީ މިއީ ދެ ބޭފުޅުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މީގެ ކުރިން އެމްޑީޕީން އެމްޑީއޭއާއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެ ޕާޓީން ކުރިން ސިޔާސީ ހަރަކާތްތައް ހިންގީ އެމްޑީޕީއާ ވާދަވެރި ޕީޕީއެމްއާ އެކުގަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްއާއެކު އެ ޕާޓީން ކޯލިޝަން ވެސް ހެދި އެވެ.

މި ސަރުކާރާ އެކު ތިބި އެއްވެސް ޕާޓީއަކުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސްއާއެކު ކޯލިޝަން ހަދާނެ ކަމަކަށް އަދި ނުބުނެ އެވެ. އެކަމަކު ރައީސްގެ ވިސްނުންފުޅު ހުންނެވީ ކޯލިޝަނަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ.