Roadha Mihaaru
އެމްޑީޕީއާ ކޯލިޝަން ހަދަން ސިޔާމްގެ ޕާޓީން ނިންމައިފި

ރައީސަށް ތާއީދުކޮށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ސިޔާމްގެ ޕާޓީން ނިންމައިފި

24 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމައި އެކަން ދާދި ދެންމެއަކު އިއުލާންކޮށްފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމައި އެކަން ދާދި ދެންމެއަކު އިއުލާންކޮށްފި އެވެ.

ޓޫރިޒަމްގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާޓީން، މިގޮތަށް ނިންމީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން ވެސް އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ހުށަހަޅައި އެކަމުގެ މަޝްވަރާ ވެސް ކޮށްފައި ވަނިކޮށެވެ.

އެމްޑީއޭ އިން ވަނީ އިއްޔެ ޕްރޮގްރެސިވް ކޯލިޝަނާ އެކު މަޝްވަރާކުރުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުންތަކަށް ރިއާޔަތްކޮށް އެ ޕާޓީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޕާޓީގެ ކައުންސިލުން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދޭން ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ޕޮލިޓިކަލް ސްޓޭބިލިޓީ ގާއިމްކުރުމަށްޓަކައި، އެމްޑީއޭގެ ކައުންސިލް މީޓީން އިން މިއަދު ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތްކޮށްދިނުމަށްޓަކައި، އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް،" ރައީސް ސޯލިހާއި ސިޔާމްގެ ފޮޓޯއަކާ އެކު އެ ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އެމްޑީއޭ އާއި އެމްޑީޕީ އިން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން.

އެމްޑީއޭ އާއި އެމްޑީޕީ އިން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން.

އެމްޑީއޭ އަކީ މި އަހަރުގެ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހެދި ދެ ވަނަ ޕާޓީ އެވެ. އަނެއް ޕާޓީ އަކީ އަދާލަތެވެ. ކޯލިޝަނުގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަށް ވެސް ރައީސް ވަނީ ކޯލިޝަނުގެ ދައުވަތު ދީފަ އެވެ.

މީގެ ތެރެއިން ޖުމްހޫރީ ޕާޓީން، އަމަލުކުރާނެ ގޮތެއް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ނިންމާނެ އެވެ. ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވަކިން ވާދަކުރުމަށް ގޮވާލާ ގަރާރެއް ވަނީ ކޮންފަރެންސަށް ހުށަހަޅައިފަ އެވެ. އަދި ގާސިމް ވަކިން ވާދަކުރެއްވުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބާރުއަޅުއްވާ ކަމަށް ވާހަކަ ދެކެވެ އެވެ. ނަޝީދު ވަނީ، އެމަނިކުފާނާ ވާދަކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި މިހާރުގެ ރައީސް ސޯލިހާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިޔާމްގެ ކުއްލި ބަދަލު

ސިޔާމް ކުރިން ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގޮތަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އެ ޕާޓީން ބުނީ އެކަމަށްޓަކައި ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަމާޒަކީ ދެ މަސް ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކޮށް، ބޮޑު ޖަލްސާއެއްގައި ކެންޑިޑެސީ އިއުލާންކުރުން ކަމަށް ބުންޏެވެ. އޭގެ ފަހުން ސިޔާމްގެ އަމިއްލަ މީޑިއާ ހައުސް ކަމަށްވާ، ސަން މީޑިއާ ގްރޫޕް ރީބްރޭންޑްކޮށް، ވަރަށް ބޮޑަށް ފުޅާ ވެސް ކުރި އެވެ.

އެކަމަކު މިދިޔަ ބުދަ ދުވަހު އެ ޕާޓީން ބުނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ބަދަލުގައި، ސިޔާމް ނިންމެވީ ކޯލިޝަނެއް ހެއްދެވުމަށް ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް މިއީ އެކަމަށް އެންމެ މުނާސަބަތު ވަގުތެއް ނޫން ކަމަށް އެމަނިކުފާނު ނިންމެވި،" އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.

ސިޔާމް (ކ) ރައީސް ޔާމީންއާ އެކު: ކުރިން ގާތް ގުޅުމެއް އޮތް.

ސިޔާމް (ކ) ރައީސް ޔާމީންއާ އެކު: ކުރިން ގާތް ގުޅުމެއް އޮތް.

އެ ނިންމުން ނިންމުމުގެ ކުރިން ސިޔާމް ވަނީ ރައީސް ސޯލިހާ، ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ. އެކަމަކު އެ ބައްދަލުވުމުގެ ތަފްސީލެއް ރައީސް އޮފީހުން ވެސް އަދި އެމްޑީއޭ އިން ވެސް ހާމައެއް ނުކުރެ އެވެ.

ސިޔާމް ފެށުނީއްސުރެ ސިޔާސީ ދާއިރާގައި މަސައްކަތްކުރެއްވީ، އޭނާއާ އޭގެ ކުރިން ވެސް ގާތް ގުޅުމެއް އޮންނަ، ޕްރޮގްރެސިވް ކޯލިޝަނުގެގެ ލީޑަރު އަބްދުﷲ ޔާމީންއާ އެކު އެވެ. އެންމެ ފުރަތަމަ ޑީއާރްޕީގައި އުޅުއްވުމަށް ފަހު ސިޔާމް ދެން ޕާޓީ އުފެއްދެވީ އެވެ. އަދި އެ ޕާޓީން، 2013 ގެ އިންތިހާބުގައި ޔާމީނަށް ތާއީދުކޮށް ޕީޕީއެމްއާ އެ ކޯލިޝަން ހެދި އެވެ.

އެކަމަކު 2018 ގެ އިންތިހާބުގެ ކުރިން އެމްޑީއޭ އިން އެ ކޯލިޝަން ދޫކޮށްލި އެވެ. ރަސްމީކޮށް ދެއްކި ސަބަބަކީ ކޯލިޝަން އެއްބަސްވުމުގެ މުއްދަތު ހަމަވުމެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އަސްލު ސަބަބަކީ އެމްޑީއޭ އަށް ސަރުކާރުން ދޭން އެއްބަސްވި ހިއްސާ ނުދިނުމާއި ޔާމީން އާއި ސިޔާމްއާ ދެމެދު މައްސަލަ ޖެހުމެވެ.

އެ ޕާޓީން 2018 ގެ އިންތިހާބުގައި އެއްވެސް ޕާޓީއަކާ ނުގުޅެ އެވެ. އަދި 2019 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ސިޔާމް ކުރިމަތިލައްވާ ކަން އެމްޑީއޭ އިން އިއުލާން ކުރުމާ ހަމައަށް ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި، ހިމޭނުންނެވެ.