Roadha Mihaaru
ލޭ އޮހޮރުވުމަކަށް ގޮވާލި ޓްވިޓާ އެކައުންޓު ސަސްޕެންޑް

ލޭ އޮހޮރުވުމަކަށް ގޮވާލި ޝިއުނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި

04 ފެބުރުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ ޓްވީޓުކުރި މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާގެ ޓުވިޓާ އެކައުންޓު މިއަދު ސަސްޕެންޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ ޓްވީޓުކުރި މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާގެ ޓުވިޓާ އެކައުންޓު މިއަދު ސަސްޕެންޑުކޮށްފި އެވެ.

"ނަންނަޒީވް"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ޓްވީޓުގައި ބުނީ "ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ" ކަމަށެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ލިޔެފައި އޮތީ ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ކަމަށާއި ރައީސް ހަމަ ބިމަށް ތިރިކުރަން ވެއްޖެ ކަމަށެވެ.

"ޓްވީޓްކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަންވެއްޖެ،" އެ ޓްވީޓްގައި އޭނާ ބުންޏެވެ. އެ ޓުވީޓްގެ ސަބަބުން އެތައް ބައެއްގެ ނުރުހުން އަމާޒުވެ، ފާޑުކިޔުން ބޮޑުވުމުން ޝިއުނާ ފަހުން ޓްވީޓު ޑިލީޓުކުރި ނަމަވެސް، ލޭ އޮހޮރުވުމަކަށް ގޮވާލި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ފުލުހުން ބުނީ ޝިއުނާ ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އޭނާގެ އެ ޓްވީޓާ ގުޅިގެން އެތައް ބަޔަކު ވަނީ އެ އެކައުންޓްގެ މައްސަލަ ރިޕޯޓުކޮށްފަ އެވެ. ޓްވިޓާގެ ގަވައިދުތަކަށް ހިލާފުވި ކަމަށް ބުނެ ޝިއުނާގެ އެކައުންޓު ސަސްޕެންޑުކުރިއިރު ފޮލޯވަރުންގެ ގޮތުގައި 10،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.

ޓެރަރިޒަމަށް ހިތްވަރުދިނުމަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ. މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި އެފަދަ ކަންކަމަށް ހިތްވަރުދީ ޕޯސްޓުތައް ކުރާ މީހުން ހައްޔަރުކޮށް، ދައުވާ ވެސް އުފުލާފައިވެ އެވެ.