Roadha Mihaaru
ހަތަރު މަސް ތެރޭ ވިޔަފާރި ބަނދަރު ބޮޑުކުރަން ފަށަނީ

100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ވިޔަފާރި ބަނދަރު ބޮޑުކުރަނީ

17 ޖެނުއަރީ 2017

ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން މާލޭގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ވިޔަފާރި ބަނދަރުގެ މަގަތު ފާލަން 600 މީޓަރަށް ދިގު ކުރުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ ތަފްސީލީ ކުރެހުން ތައްޔާރުކުރަން ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މަގަތު ފާލަމުގައި އެއް ފަހަރާ ދެ ބޯޓު ބާއްވައިގެން މުދާ އަރުވައި ބާލަން. މިހާރު މި ތަނަށް ކައިރިކުރެވެނީ އެންމެ ބޯޓެއް. އޭގެ ސަބަބުން މުދާ ބޭލުމަށް ވެސް ކޮންޓެއިނަރު އަރުވަން ވެސް ވަރަށް ގިނަ ވަގުތު އެބަ ނަގާ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއަށް ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ވަރުގެ އިންވެސްޓެއް ކޮށްފި ނަމަ ކުރިޔަށް އޮތް 20 އަހަރުގެ ތެރޭގައި ވެސް ބަނދަރު ބޮޑުކުރަން ނުޖެހޭނެ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

"މުދާ އަރުވައި ބޭލުމަށް މިހާރު ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ. އަޅުގަނޑުމެން ދާދި ފަހުން ގެނައި ވެހިކަލްތަކާ އެކު ވެސް މަސައްކަތް ވަރަށް އަވަސް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.