Roadha Mihaaru
ސްމައިލީ ބަލިކޮށް ގައްދޫ ޗެމްޕިއަންކަން ނަޖާހު އަށް

ސްމައިލީ ބަލިކޮށް ގައްދޫގެ ޗެމްޕިއަންކަން ނަޖާހް އަށް

17 ފެބުރުއަރީ 2023

އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް ގދ. ގައްގޫ މުބާރާތުގެ ޗެމްޕިއަންކަން ނަޖާހު މުހައްމަދު (ކަނބޯ) ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް ގދ. ގައްގޫ މުބާރާތުގެ ޗެމްޕިއަންކަން ނަޖާހު މުހައްމަދު (ކަނބޯ) ހޯދައިފި އެވެ.

މިދިޔަ އަހަރުގެ "ކަޅެގަލެކޮޑާ" ފައިނަލްގައި ވެސް ވާދަކުރީ ގައްދުއަށް ނިސްބަތްވާ މި ދެ އެތުލީޓުންނެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ސްމައިލީ އެވެ.

ފައިނަލް ހީޓުގައި އެންމެ ފުރަތަމަ ރާޅު ދުއްވާލީ ކަނބޯ އެވެ. އެ ރާޅަށް ކަނބޯ ވަނީ 8.33 ޕޮއިންޓް ހޯދައިފަ އެވެ. އެއަށް ފަހު ސްމައިލީ ވަނީ ދެ ރާޅު އަޅައި 7.17 އަދި 7.83 ޕޮއިންޓް ހޯދައި ޖުމްލަ ސްކޯ 15.00 އަށް ހަދާލައިފަ އެވެ. ކަނބޯ ލީޑު ހޯދީ އޭނާގެ ދެވަނަ ރާޅުގައި 7.00 ޕޮއިންޓް ހޯދައިގެން ޖުމްލަ 15.33 ޕޮއިންޓް ހަމަކޮށްގެންނެވެ.

ފައިނަލް ގައި ވާދަކުރި ސްމައިލީގެ ސަޕޯޓަރުން އޭނާ ރަނަރަޕް ޓޮރޮފީއާ ހަވާލުވާން ގެންދަނީ، އެމްއެސްއޭ އިން ގައްދޫގައި ބޭއްވި ފުރަތަމަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް އޭނާ.-- ފޮޓޯ: އެމްއެސްއޭ

ފައިނަލް ގައި ވާދަކުރި ސްމައިލީގެ ސަޕޯޓަރުން އޭނާ ރަނަރަޕް ޓޮރޮފީއާ ހަވާލުވާން ގެންދަނީ، އެމްއެސްއޭ އިން ގައްދޫގައި ބޭއްވި ފުރަތަމަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް އޭނާ.-- ފޮޓޯ: އެމްއެސްއޭ

ހާލަތު ބަދަލު ކޮށްލަން ސްމައިލީ އަށް 7.51 ޕޮއިންޓް ބޭނުން ވި އެވެ. ނަމަވެސް ހީޓްގެ ބާކީ ބައިގައި އޭނާ ދުއްވާލި ދެ ރާޅުން ވެސް އެ ނަތީޖާއެއް ނުހޯދުނެވެ. މިއީ ސްމައިލީ ގައްދޫ މުބާރާތެއްގެ ހީޓަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މިއީ ކަނބޯ އެމްއެސްއޭ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ގައްދޫ މުބާރާތުގެ އިތުރުން މ. މުލީގައި އޮތް މުބާރާތުގެ ފައިނަލް ގައި ވެސް އޭނާ ވަނީ ވާދަ ކޮށްފަ އެވެ.

މި އަހަރުގެ މުބާރާތުގެ ފައިނަލަށް ކަނބޯ ދަތުރު ކުރީ މިއަދު ހެނދުނު އޮތް ސެމީ ފައިނަލް ގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ އާ ވާދަކޮށް 14.83 ޕޮއިންޓް ހޯދައިގެންނެވެ. ޔޫސުފް ކަޔާން އަށް ލިބުނީ 8.83 ޕޮއިންޓެވެ.

މިއަހަރުގެ ފައިނަލަށް ސްމައިލީ ދަތުރު ކުރީ ސެމީ ފައިނަލް ހީޓުގައި ހަސަން ނާސިހު (ޗިކާ) ފަހަތަށް ޖައްސާލައިފަ އެވެ. ސެމީ ފައިނަލް ހީޓުގައި ޗިކާ އަށް 11.34 ޕޮއިންޓް ލިބުނު އިރު ސްމައިލީ ވަނީ 13.66 ޕޮއިންޓް ހޯދައިފަ އެވެ.

މިއީ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ގައްދޫ ގައި ބޭއްވި ތިންވަނަ މުބާރާތެވެ. މިދިޔަ އަހަރުގެ ލީގު ފުރަތަމަ އިވެންޓް ގެ އިތުރުން 2020 ވަނަ އަހަރު "ގައްދޫ ޕްރޯ" ނަމުގައި ބޭއްވި އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ވެސް ސްމައިލީ އެވެ.