Roadha Mihaaru
މެޑައްޔަށް އަމާޒުކޮށް ސާފިން ޓީމުގެ ޓްރޭނިން ފަށައިފި

މެޑައްޔަށް އަމާޒުކޮށް ގައުމީ ސާފިން ޓީމުގެ ޓްރޭނިން ފަށައިފި

20 ފެބުރުއަރީ 2023

ބައިނަލްއަގުވާމީ މުބާރާތްތަކުން އެންމެ މަދުވެގެން ތިން މެޑެއްޔަށް ޓާގެޓް ކޮށްގެން، ރާއްޖޭގެ ގައުމީ ރާޅާއަޅާ ޓީމުގެ ފަރިތަކުރުންތައް ގދ. ގައްދޫގައި ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބައިނަލްއަގުވާމީ މުބާރާތްތަކުން އެންމެ މަދުވެގެން ތިން މެޑެއްޔަށް ޓާގެޓް ކޮށްގެން، ރާއްޖޭގެ ގައުމީ ރާޅާއަޅާ ޓީމުގެ ފަރިތަކުރުންތައް ގދ. ގައްދޫގައި ފަށައިފި އެވެ.

ގައްދޫގައި ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު ގައުމީ ޓީމުގައި ހަ އެތުލީޓުން ހިމެނެ އެވެ. އެންމެ ގިނައީ ވެސް ގައްދޫ ރާޅާއެޅުންތެރިންނެވެ. ގައްދޫގެ ރާޅާއެޅުންތެރިންގެ ތެރޭގައި ހިމެނެނީ ނަޖާހު މުހައްމަދު (ކަނބޯ)، ޖައިލަމް ނިޒާރު، ހޫދު އަހުމަދު (ހޫބްޒް) އަދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ދެން ހިމެނެނީ ކ. ތުލުސްދޫ އަހުމަދު އާގިލް (އަންމަޑޭ) އާއި ރ. ރަސްމާދޫ ހުސެއިން އަރީފް (އިބޫ) އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ މި އަހަރުގެ ވޯލްޑް ސާފިން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތުރުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ގައި ބައިވެރިވާން ނިންމައިފަ އެވެ.

އެންމެ ފުރަތަމަ ވާދަކުރަން އޮތީ، އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) އިން ބާއްވާ ވޯލްޑް ސާފިން ގޭމްސް އެވެ. މެއި 30 ވަނަ ދުވަހު ފަށާ މި މުބާރާތް އޮންނާނީ އެލް ސަލްވަޑޯ ގަ އެވެ.

ދެކުނު އެފްރިކާގެ ތަޖުރިބާކާރު ކޯޗު ކްލައިޑް މާޓިންގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ދާއިރު، އެމްއެސްއޭ އިން ފާހަގަ ކުރާ ގޮތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ވަކިވަކި އެތުލީޓުންގެ ވީޑިއޯ އެނާލިސިސް ހަދަން ބޭނުންވާ ސާމާނު ލިބިފައި ނެތުމެވެ. ނަމަވެސް ޔޫތު މިނިސްޓްރީ އިން އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދައިދޭނެ ކަމުގެ އިޝާރާތެއް ވެފައި ވާކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރާޅާއަޅާ ގައުމީޓީމެއް އެކުލަވާލީ 2019 ވަނަ އަހަރެވެ. އެ އަހަރު ރާއްޖޭން އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަ ކުރި އެވެ. ޗައިނާ ގައި އޮތް އެ މުބާރާތުގެ ފައިނަލް ހީޓުގައި ވާދަކޮށް އިބޫ ވަނީ ވަނީ ބްރޮންޒް މެޑަލް ހޯދައިފަ އެވެ.

ރާއްޖޭގައި ސާފިން ކުރިއަރުވައި، އެތުލީޓުން ކުރިއަރުވަން އެމްއެސްއޭ އިން އަންނަނީ ފާއިތުވި ދެތިން އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި މުބާރާތް ބާއްވާ އުސޫލުން މިދިޔަ އަހަރު ވަނީ ދިވެހި ސާފް ލީގެއް ވެސް ފަށައިފަ އެވެ.

މީގެ އިތުރުން މުޅިން އަލަށް ޖޫނިއާ ޗެމްޕިއަންޝިޕެއް ވެސް މިދިޔަ އަހަރު ވަނީ ބާއްވައިފަ އެވެ. އަދި ޖޫނިއާ ޗެމްޕިއަންޝިޕުން ޖޫނިއާ ގައުމީ ޓީމު އެކުލަވާލައި، 16 އަހަރުން ދަށުގެ ބައެއް އެތުލީޓުންނަށް އޯޕަން ބައިގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި މި އެތުލީޓުންގެ ފަރާތުން ފާހަގަ ކޮށްލެވޭ ކުރިއެރުން ވެސް ފެނެ އެވެ.

ސާފިން އެސޯސިއޭޝަންގެ މޯލްޑިވްސް ޔޫތު ސާފިން ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެމްވައިއެސްޑީޕީ) ގެ ދަށުން މިދިޔަ އަހަރުން ފެށިގެން އެމްއެސްއޭ އިން އަންނަނީ ޒުވާން ރާޅާއެޅުންތެރިން ތަމްރީންކުރަން "ރާޅުދާނަ" ނަމުގައި ޕްރޮގުރާމެއް ހިންގަމުންނެވެ.

ރާއްޖޭގެ ދެ ރާޅާއެޅުންތެރިން އަންނަނީ ބައިނަލްއަގުވާމީ ސްކޮލާޝިޕެއްގެ ދަށުން ރާއްޖޭގައި ތަމްރީނު ކުރަމުންނެވެ. ޒުވާން ރާޅާއެޅުންތެރިޔާ މުހައްމަދު ޒަޔާން (ޗޮއްޕު) އަށް އައިއެސްއޭ ސްކޮލާޝިޕެއް މިދިޔަ އަހަރު ލިބުނު އިރު، ސްމައިލީ އަށް ވަނީ އަންނަ އަހަރު ފްރާންސް ގައި އޮންނަ އޮލިމްޕިލް މުބާރާތަށް ކޮލިފައިވާން އެހީވުމަށްޓަކައި ކުރިއަށް ގެންދާ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލާޝިޕް ލިބިފަ އެވެ. އެމްއެސްއޭގެ ޑެވެލޮޕްމަންޓް ޕާޓްނަރަކީ ބީއެމްއެލް އިސްލާމިކް އެވެ.