Roadha Mihaaru
ސިންގަޕޫރު އަތުން ވެސް އަންހެން ވޮލީ ޓީމު ބަލިވެއްޖެ

ސިންގަޕޫރު އަތުން ވެސް އަންހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެ

24 ފެބުރުއަރީ 2023

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބަރާތުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން މިއަދު ސިންގަޕޫރާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބަރާތުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން މިއަދު ސިންގަޕޫރާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ސެޓްތައް ސިންގަޕޫރުން ގެންދިޔައީ 28-26، 25-21 އަދި 25-14 އިންނެވެ. ފުރަތަމަ މެޗުން މެލޭޝިއާ އަތުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ.

ތިން ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ލިބޭނީ ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށެވެ. ރާއްޖެ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާތީ ރާއްޖެ އަށް މި ބުރުން ލިބެނީ ތިން ވަނަ އެވެ. އެކަމަކު ފައިނަލުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ މުބާރާތް އޮންނަ ގޮތުން، ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ފައިނަލަށް ނުހޮވޭ ދެ ޓީމު ކުޅެ މޮޅުވާ ޓީމަކަށް ވާތީ އެވެ.

ފައިނަލުގެ ޖާގަ ހޯދަން ރާއްޖެ ބައްދަލުކުރާ ޓީމެއް ޔަގީން ވާނީ މާދަމާ މެންދުރު މެލޭޝިއާ އާއި ސިންގަޕޫރު ބައްދަލުކުރާ މެޗަށް ފަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލް ޔަގީންވާއިރު، ބަލިވާ ޓީމަކާއި ރާއްޖެ ކުޅެ މޮޅުވާ ޓީމަކަށް އަނެއް ޖާގަ ލިބޭނެ އެވެ.

ސިންގަޕޫރު ކުޅުންތެރިން ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --މިހާރު ފޮޓޯ: ފަޔާޒް މޫސާ

ސިންގަޕޫރު ކުޅުންތެރިން ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --މިހާރު ފޮޓޯ: ފަޔާޒް މޫސާ

ދިގު ރެލީތަކެއް ފެނުނު މިއަދުގެ މެޗު ފުރަތަމަ ސެޓްު ދިޔައީ ވަރަށް އެއްވަރުކޮށެވެ. ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ ގެ އެޓޭކްތައް ރިސީވް ކުރަން ސިންގަޕޫރުގެ ކުޅުންތެރިންނަށް އުނދަގޫވި އެވެ. އަދި ރާއްޖޭން ދެ ޕޮއިންޓްގެ ލީޑެއް ނެގި ހިސާބުން ސިންގަޕޫރަށް ކުރި ހޯދަން އުނދަގޫވި އެވެ. އެކަމަކު ސެޓް ޕޮއިންޓަށް ވެފައި ވަނިކޮށް 24-23 އިން ސިންގަޕޫރުން ކުރި ހޯދި އެވެ. ރާއްޖޭން މި ސެޓް ހޯދަން މަސައްކަތް ކުރި ނަމަވެސް 28-26 އިން ސެޓް ގެންދިޔައީ ސިންގަޕޫރުންނެވެ.

ދެ ވަނަ ސެޓް ރާއްޖޭން ފެށީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެކަމަކު ސިންގަޕޫރުން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖޭގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ރާއްޖޭން ފަރަގު ކުޑަކުރަން މަސައްކަތް ކުރި ނަމަވެސް 13-10 އިން ސިންގަޕޫރުން އަނެއްކާވެސް ލީޑް ފުޅާ ކުރުމުން ރާއްޖޭން ނެގީ ޓައިމް އައުޓެކެވެ. މި ޓައިމް އައުޓްގެ ބޭނުން އެންމެ ރަނގަޅަށް ރާއްޖެއަށް ނުހިފި، ފެނުނީ ފަސް ޕޮއިންޓަށް ލީޑް ފުޅާވެގެން ދިޔަތަނެވެ.

ދެ ވަނަ ސެޓް ގައި ނަތީޖާ 17-12 އިން ރާއްޖެ ފަހަތުގައި އޮއްވައި ވެސް ރާއްޖެއިން އުންމީދު ކަނޑާނުލައި ކުރި ހިތްވަރުން ދެ ޕޮއިންޓަށް ގާތް ކުރި އެވެ. އެކަމަކު ދެން ވެސް ފެނުނީ ސިންގަޕޫރުން ނެގި ޓައިމްއައުޓާ އެކު ރާއްޖެއަށް ބޯޅަތައް ރިސީވް ކުރަން އުނދަގޫވެ، ހަތް ޕޮއިންޓަށް ލީޑް ފުޅާވި އެވެ. ދިގު ރެލީތަކަކާ އެކު ހިތްވަރުން ރާއްޖޭން މި ފަރަގު ތިން ޕޮއިންޓަށް ކުޑަވެސް ކުރި އެވެ. އެކަމަކު ސިންގަޕޫރުން ސެޓް ގެންދިޔައީ 25-21 އިންނެވެ.

ސިންގަޕޫރުން ފަހު ސެޓް ފެށީ ކުރީ ސެޓް ނިންމާލިއިރު ތިބި ރޫހުގަ އެވެ. ރާއްޖެ އަށް ކުރި ހޯދަން ފުރުސަތެއް ނުދީ ސިންގަޕޫރުން މި ސެޓް ގެންދިޔައީ 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިންގަޕޫރުގެ އެސް. ޓީ. ކުއެކް އެވެ.