Roadha Mihaaru
ފައިނަލްގެ ޖާގައަކަށް އަންހެން ޓީމު މެލޭޝިއާއާ ދެކޮޅަށް

ފައިނަލްގެ ޖާގައަކަށް ރާއްޖޭގެ އަންހެން ޓީމު ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށް

25 ފެބުރުއަރީ 2023

ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމު ފައިނަލްގެ ފަހު ޖާގައެއް ހޯދަން ނޮކައުޓް މެޗުގައި މެލޭޝިއާ އާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމު ފައިނަލްގެ ފަހު ޖާގައެއް ހޯދަން ނޮކައުޓް މެޗުގައި މެލޭޝިއާ އާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ރާއްޖޭން މެލޭޝިއާއާ ދެކޮޅަށް ކުޅެން ޖެހުނީ މިއަދު ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި އެޓީމު ސީދާ ތިން ސެޓުން ސިންގަޕޫރު އަތުން ބަލި ވުމުންނެވެ. ސިންގަޕޫރުން ވަނީ ކުޅުނު ދެ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފައިނަލްގެ ސީދާ ޖާގައެއް ހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް ސިންގަޕޫރުން ކާމިޔާބު ކުރީ 25-20، 25-14 އަދި 25-19 އިންނެވެ.

ފުރަތަމަ ސެޓް ގައި ސިންގަޕޫރުގެ ލައުކް އާއި ކުއެކްގެ ރަނގަޅު އެޓޭކްތަކެއް ފެނުނެވެ. ހަމަ އެއާ އެކު މެލޭޝިއާގެ ޔޮންގް އަދި އެންޖިންގެ ކުޅުން ފާހަގަ ކޮށްލެވުނެވެ. އެކަމަކު ދެވަނަ ސެޓާއި ތިންވަނަ ސެޓު ވެސް ޓީމެއްގެ ގޮތުގައި މޮޅަށް ކުޅުނު ސިންގަޕޫރުން ފަސޭހަ ކަމާއެކު ކާމިޔާބު ކުރި އެވެ.

މި މެޗްގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިއްޔެ ސިންގަޕޫރުން ރާއްޖެ ބަލި ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ ކުއެކް އެވެ.

ތިން ޓީމު ވާދަކުރާ އަންހެން ބައި ފެށީ ރާއްޖެ އާއި މެލޭޝިއާ ބައްދަލު ކުރި މެޗުންނެވެ. އެ މެޗުން ރާއްޖެ ބަލިވީ މެލޭޝިއާ އަށް ވަރުގަދަ ފައިޓެއް ދީފައި ފަހު ވަގުތު 3-2 ސެޓުންނެވެ.

ރާއްޖެ އާއި މެލޭޝިއާ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ހަވީރު 4:30 ގަ އެވެ. ފައިނަލް މެޗު ކުޅޭނީ ހޯމަ ދުވަހުގެ ހަވީރު އެވެ.