Roadha Mihaaru
އަންހެން ވޮލީބޯޅަ ޓީމަށް ރިހި މެޑަލް

އަންހެން ވޮލީބޯޅަ ޓީމަށް ރިހި މެޑަލް

27 ފެބުރުއަރީ 2023

ފޯ ނޭޝަންސް ކަޕް އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ވާދަވެރި ކުޅުމަކަށް ފަހު ސިންގަޕޫރު އަތުން 3-2 ސެޓުން ބަލިވެ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ރަނަށް ކުރި އުއްމީދު ހާސިލްނުވެ މުބާރާތް ނިންމާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފޯ ނޭޝަންސް ކަޕް އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ވާދަވެރި ކުޅުމަކަށް ފަހު ސިންގަޕޫރު އަތުން 3-2 ސެޓުން ބަލިވެ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ރަނަށް ކުރި އުއްމީދު ހާސިލްނުވެ މުބާރާތް ނިންމާލައިފި އެވެ.

އެކަމަކު މުބާރާތުން ރިހި މެޑަލް ލިބުމަކީ ވެސް ރާއްޖެ އަށް ބޮޑު ކާމިޔާބެކެވެ. މިއީ އަންހެން ޓީމު ހޯދި ބައިނަލްއަގްވާމީ ދެ ވަނަ ރިހި މެޑެއްޔެވެ.

މެޗުގެ ފުރަތަމަ ދެ ސެޓް 25-18 އަދި 25-22 އިން ސިންގަޕޫރު ކާމިޔާބު ކުރި ނަމަވެސް ރާއްޖޭން ވަނީ ތިން ވަނަ ސެޓާއި ހަތަރުވަނަ ސެޓު ވެސް 25-19 އިން ކާމިޔާބު ކޮށްފަ އެވެ. ފަސްވަނަ ސެޓު ރާއްޖެއަށް ގެއްލުނީ 15-11 އިންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފުރާ ތިބި ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު ފައިނަލް މެޗު ރާއްޖޭގެ ޓީމުން ފެށީ ވަރުގަދަކޮށް، އިއްޔެ މެލޭޝިއާ އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ނިންމާލިއިރު ތިބި ޖޯޝާއި ފޯރީގަ އެވެ. ސަޕޯޓަރުންގެ ފޯރި ގަދަވި ވަރަކަށް ސިންގަޕޫރު ޓީމުގެ ފަރާތުން ޕްރެޝަރު ފާހަގަވި އެވެ.

ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖޭން ތިން ޕޮއިންޓުގެ ލީޑަކާ އެކު ކުރިއަށް ދިޔަނަމަވެސް 9-9 އިން ޕޮއިންޓް އެއްވަރު ވުމުން ރާއްޖެ ޓީމުން ޓައިމްއައުޓެއް ނެގި އެވެ. ޓައިމްއައުޓަށް ފަހު ރަނގަޅަށް ފަށަން މަސައްކަތް ކުރި ނަމަވެސް ސިންގަޕޫރުން ފުރަތަމަ ފަހަރަށް މި ސެޓް ގައި ރާއްޖޭގެ މައްޗަށް ކުރި ހޯދި އެވެ. އަދި މަޑުމަޑުން ގޭމްގެ ތެރެއަށް ވަދެ، މި ސެޓް 25-18 އިން ކާމިޔާބު ކުރި އެވެ.

ދެ ވަނަ ސެޓުގައި ގިނަ ވަގުތު ލީޑުގައި އޮތީ ސިންގަޕޫރެވެ. އެކަމަކު ފަހުކޮޅުގައި ރާއްޖޭން ފުރުސަތުތަކުގެ ބޭނުން ހިފައި 20-20 އިން އެއްވަރު ކޮށްފައި ވަނިކޮށް ސިންގަޕޫރުން ދެ ޕޮއިންޓުގެ ލީޑެއް ނެގީ ރާއްޖެއަށް އެޓީމުގެ ސާވިސްތައް ރިސީވް ނުކުރެވިގެންނެވެ. އެ ލީޑާ އެކު ސިންގަޕޫރުން އިތުބާރާ އެކު ކުޅެ ސެޓް ކާމިޔާބު ކުރީ 25-22 އިންނެވެ.

ތިން ވަނަ ސެޓުގައި ވެސް ސިންގަޕޫރު ފެނުނީ ވަރުގަދަކޮށެވެ. ސިންގަޕޫރުން ބޮޑު ލީޑެއް ނެގި ނަމަވެސް ރާއްޖޭގެ ޓީމުން ހިތްވަރުކޮށް ފަރަގު ކުޑަ ކުރަން މަސައްކަތް ކުރި އެވެ. އެކަމަކު ތަފާތު ފެނުނީ މި ސެޓުގައި ހައްވާ ސަހާ ކުޅެން އެރި ހިސާބުންނެވެ ރާއްޖޭގެ ބްލޮކް ތަކާއި އެޓޭކްތައް ވަރުގަދަކޮށް، ދިގު ރެލީތަކުގައި ވެސް ރަނގަޅަށް ކުޅެ ރާއްޖެއިން ނަތީޖާ 13-13 އިން އެއްވަރު ކުރި އެވެ.

އޭގެ ފަހުން ވެސް ސިންގަޕޫރުން މި ސެޓުގައި ލީޑު ނެގި އެވެ. އެކަމަކު ރާއްޖޭން ވަނީ ކެޕްޓަން ހައްވާ ރާޝިދާގެ އެޓޭކަކުން ފުރަތަމަ ފަހަރަށް މި ސެޓުގައި 18-17 އިން ލީޑު ނަގައިފަ އެވެ. އަދި ހައްވަގެ ކާމިޔާބު އެޓޭކުތަކުން އިތުރު ދެ ޕޮއިންޓު ހޯދައި ލީޑު ފުޅާ ވެސް ކުރި އެވެ. އެއަށް ފަހު އައިޝަތު މާޖިދާގެ ސާވިސް އަކުން ނަތީޖާ 21-17 އަށް ބަދަލު ކޮށްލިއިރު ދެން ފެނުނީ ސިންގަޕޫރު ޓީމަށް އިތުރު ފުރުސަތެއް ނުދީ ސެޓް ހޯދަން ޕޮއިންޓަކަށް ގާތް ކުރި ތަނެވެ. ރާއްޖޭން މި ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ.

ހަތަރު ވަނަ ސެޓުގައި ރާއްޖޭގެ ޓީމު ފެނުނީ ތަފާތު ރޫހެއްގަ އެވެ. މި ސެޓުގައި ހައްވަގެ ކާމިޔާބު އެޓޭކްތަކުން ފަސް ޕޮއިންޓުގެ ލީޑެއް ރާއްޖޭން ނެގި އެވެ. ދިގު ރެލީތަކުގައި ވެސް ސިންގަޕޫރަށް ރާއްޖޭން ފޮނުވާލި ބޯޅަތައް ރިސީވް ކުރަން އުނދަގޫވި އެވެ. ފާތިމަތު ޖޫޒަން ޒަރީރާއި ލިބަރޯ ފައިހާ މުހައްމަދުގެ ރަނގަޅު ރިސީވްތަކާއި އާމިނަތު ރިޔާޝާގެ ރަނގަޅު ބްލޮކްތަކެއް ވެސް ފެނުނު މި ސެޓުގައި ނަރީމާ އިދުރީސް އާއި އާމިނަތު ޝަހާ ޝާމިން ވެސް ރާއްޖޭގެ އެޓޭކު ތަކުގައި ރަނގަޅު ކުޅުމެއް ދައްކައި 21-15 އިން ހަ ޕޮއިންޓަށް ލީޑު ފުޅާ ކުރި އެވެ. އޭގެ ފަހުން ސިންގަޕޫރުން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރަން ފެށުމުން ހައްވަ ވަނީ ބްލޮކަށް އަރައި ސިންގަޕޫރުގެ އެޓޭކް ތައް ނާކާމިޔާބު ކޮށްލައިފަ އެވެ. ފަސް ވަނަ ސެޓަށް ދިޔައީ 25-19 އިން ރާއްޖޭން މި ސެޓް ކާމިޔާބު ކުރުމުންނެވެ.

ފަހު ސެޓު އެއްވަރު އެއްވަރުކޮށް ދިޔަ ނަމަވެސް ގިނަ ވަގުތު ކުރީގައި އޮތީ ސިންގަޕޫރެވެ. ސިންގަޕޫރުން ބޮޑު ލީޑު ފުޅާ ކުރީ 11-11 އިން ނަތީޖާ އެއްވަރު ވެފައި ވަނިކޮށެވެ. ސިންގަޕޫރުން މި ސެޓް ކާމިޔާބު ކުރީ 15-11 އިންނެވެ.