Roadha Mihaaru
މެލޭޝިއާ ބަލިކޮށް ގައުމީ އަންހެން ޓީމު ފައިނަލަށް

މެލޭޝިއާގެ މައްޗަށް ބަދަލުހިފައި ގައުމީ އަންހެން ޓީމު ފައިނަލަށް

26 ފެބުރުއަރީ 2023

ފޯ ނޭޝަންސް ކަޕް އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މެލޭޝިއާގެ މައްޗަށް 3-2 ސެޓުން ކާމިޔާބު ހޯދައި ރާއްޖޭގެ އަންހެން ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފޯ ނޭޝަންސް ކަޕް އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މެލޭޝިއާގެ މައްޗަށް 3-2 ސެޓުން ކާމިޔާބު ހޯދައި ރާއްޖޭގެ އަންހެން ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ސެޓްތައް ސަޕޯޓަރުންގެ ފުރިހަމަ ތާއީދާ އެކު ރާއްޖޭން ގެންދިޔައީ 25-23، 17-25، 25-22، 21-25 އަދި 15-9 އިންނެވެ. ލީގު ބުރުގައި މެލޭޝިއާ އަތުން ރާއްޖެ ބަލިވީ ފަސް ސެޓު ކުޅެގެން، 3-2 އިންނެވެ.

މާދަމާ ހަވީރު 4:30 ގައި ކުޅޭ ފައިނަލް މެޗުގައި ރާއްޖޭގެ އަންހެން ޓީމު ބައްދަލު ކުރާނީ، ލީގު ބުރުގައި ކުޅުނު ދެ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބު ކުރި ސިންގަޕޫރާ ދެކޮޅަށެވެ.

ފުރަތަމަ ސެޓުގައި ރާއްޖެއިން މޮޅަށް ކުޅެމުން ގޮސް ފަސް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް މެލޭޝިއާ އިން 22-22 އިން ނަތީޖާ އެއްވަރު ކޮށްފައި ވަނިކޮށް ރާއްޖޭން މެޗް ޕޮއިންޓަށް ގާތް ކުރީ ނަރީމާ އިދުރީސް ބްލޮކް މަތިން ވައްޓާލި ބޯޅައިންނެވެ. އަދި 25-23 އިން ސެޓް ކާމިޔާބު ކުރީ އައިޝަތު މާޖިދާގެ އެޓޭކަކުންނެވެ. މާޖިދާގެ ރަނގަޅު ރިސީވްތަކެއްގެ އިތުރުން ހައްވާ ރާޝިދާ އާއި އާމިނަތު ޝަހާ ޝާމިންގެ ވަރުގަދަ އެޓޭކްތަކެއް މި ސެޓުގައި ފެނުނެވެ.

މެލޭޝިއާ އިން ދެވަނަ ސެޓު ވަރުގަދަކޮށް ފަށިއިރު ރާއްޖެއަށް އެޓީމުގެ އެޓޭކްތައް ރިސީވް ކުރަން އުނދަގޫވި އެވެ. އެކަމަކު 10-4 އިން މެލޭޝިއާ ލީޑުގައި އޮއްވައި ރާއްޖެއިން ނެގި ޓައިމްއައުޓާ އެކު ވެސް ހެދުނު ގޯސްތައް ރަނގަޅު ނުކުރެވި މެލޭޝިއާގެ ލީޑް އަށް ޕޮއިންޓަށް ފުޅާ ކުރި އެވެ. މެލޭޝިއާގެ ލީ ޖިއޭ ރޫ ވަނީ މި ސެޓުގައި ރާއްޖޭން ފޮނުވާލި ބޯޅަތައް ރިސީވް ކުރަން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މެލޭޝިއާ 20-11 އިން ނުވަ ޕޮއިންޓަށް ލީޑުފުޅާ ކޮށްފައި ވަނިކޮށް ހައްވާ ސަޚާ އާއި ފާތިމަތު ސަމްހާ ކުޅެން އެރި ފަހުން ރާއްޖޭގެ އެޓޭކްތައް ކުރިއަށް ވުރެ ވަރުގަދަ ވިތަން ފެނުނެވެ. ފުލުފުލުގައި ޝަހާ ހޯދައިދިން ޕޮއިންޓް ތަކާ އެކު ވެސް މެލޭޝިއާ އިން ހޯދާފައިވާ ބޮޑު ލީޑާ އެކު މި ސެޓް ރާއްޖެ އަށް ގެއްލުނީ 25-17 އިންނެވެ.

ތިންވަނަ ސެޓު ރާއްޖޭން ފެށީ ވަރުގަދަކޮށެވެ. ނަމަވެސް ގިނަ ގޯސްތަކެއް ހެދިގެން ނަތީޖާ މެލޭޝިއާ ކޮޅަށް ބުރަ ވާން ފެށި އެވެ. އެކަމަކު ޖޫޒަން ޒަރީރު ސެޓް ކޮށްދިން ބޯޅަތަކުގައި މާޖިދާ އާއި ހައްވަގެ އެޓޭކްތައް ވަރުގަދަކޮށް ރާއްޖޭގެ ޓީމުން މި ސެޓް ކާމިޔާބު ކުރީ 25-22 އިންނެވެ.

ހަތަރުވަނަ ސެޓް ރާއްޖޭން ފެށީ ސާވިސް ތަކާއި ބްލޮކް ތަކަށް ވެސް ވިސްނައިގެންނެވެ. ހައްވަ އާއި އާމިނަތު ރިޔާސާގެ ރަނގަޅު ބްލޮކްތަކެއް މި ސެޓްގެ ކުރީކޮޅު ފެނުނުއިރު ނަރީމާ ވެސް ދިޔައީ ރާއްޖޭގެ އެޓޭކްތަކުގައި ވަރަށް ރަނގަޅަށް ބައިވެރި ވަމުންނެވެ. އެކަމަކު ދިގު ރެލީތަކެއް ދިޔަ ބޯޅަތަކުގައި މެލޭޝިއާ އިން ފައިދާ ނަގައި ހަތަރު ޕޮއިންތްގެ ލީޑެއް ނެގި އެވެ. ފަހުން ރާއްޖޭން ނަތީޖާ އެއްވަރު ކުރި ނަމަވެސް މި ސެޓް މެލޭޝިއާ ގެންދިޔައީ 25-21 އިންނެވެ.

ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓް ގެ ފެށުން ދެޓީމުން ވެސް ވަރަށް އެއްވަރުކޮނެވެ. ރާއްޖޭން އަރިމަތިތަކުން ކުރި އެޓޭކްތައް ބްލޮކް ކުރުމުގައި މެލޭޝިއާ އިން މޮޅަށް ކުޅުނުއިރު ބޮޑަށް ފައިދާ ކުރީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މާޖިދާ ފޮނުވާލި ބޯޅަތަކުންނެވެ. އޭގެ ފަހުން ޝަހާ ވެސް މޮޅު އެޓޭކެއް ކުރި އިރު ސަމްހާގެ ރަނގަޅު ސާވިސްއަކުން ކޯދި ޕޮއިންޓާ އެކު ހަތް ޕޮއިންޓްގެ ލީޑެއް ހޯދައި، މެޗް ކާމިޔާބު ކުރީ 15-9 އިންނެވެ.