މިދިޔަ ހަތަރު އަހަރަށް އެކަނި ބެލިޔަސް، ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ލަންކާއާ ދެކޮޅަށް ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. ހަމަކޮންމެ ފަހަރަކު ކަހަލަގޮތަށް ތިން މެޗު ކުޅެ އެވެ. ރޭ ނިންމާލީ މިފަހަރުގެ ސީރީޒްގައި ތިން މެޗު ކުޅެ އެންމެ ސެޓެއް ވެސް ނުލިބުނެވެ. ޖުމުލަ 9-0 ސެޓުން ރާއްޖެ ބަލިވީ އެވެ.
17 އޯގަސްޓް 2023
މިދިޔަ ހަތަރު އަހަރަށް އެކަނި ބެލިޔަސް، ރާއްޖޭގެ ފިރިހެން ޓީމުން ވަނީ ލަންކާއާ ދެކޮޅަށް ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. ހަމަކޮންމެ ފަހަރަކު ކަހަލަގޮތަށް ތިން މެޗު ކުޅެ އެވެ. ރޭ ނިންމާލީ މިފަހަރުގެ ސީރީޒްގައި ތިން މެޗު ކުޅެ އެންމެ ސެޓެއް ވެސް ނުލިބުނެވެ. ޖުމުލަ 9-0 ސެޓުން ރާއްޖެ ބަލިވީ އެވެ.
މިހާހިސާބުން ރާއްޖޭގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ވޮލީގެ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. ލަންކާއާ ދެކޮޅަށް ރާއްޖޭން ގިނަ މެޗުތަކެއް ކުޅުނު އިރު ވެސް ހުރިހާ މެޗަކަށް ރާއްޖެއިން ނުކުތީ އެއް ވިސްނުމެއްގައި ކަމަށް ވެސް އެމީހުން ފާހަގަ ކުރި އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފް، ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފޭސްބުކްގައި އޭނާ އެދުނީ އެއް މެޗެއް 10 ފަހަރު ކުޅުން އެއީ ތަޖުރިބާކަމަށް ނުބުނުމަށެވެ.. އޭނާ ކުރި އެހެން ޕޯސްޓެއްގައި ބުނީ މެޗެއް ހަމަ ކުޅެގެން ފަރުޖައްސާލެވެން ނެތް ކަމަށެވެ.
"ދަރިންނޭ ހަމަ ކުޅުނަކަސް ނުވާނެ އެވެ. މިއީ އެންމެން އެކީ މާ ބޮޑު ފޯރީގައި ޖޯޝާއީ ރޭވުންތެރިކަމާއި ވިސްނުންތެރިކަމާ އެކު ޖެއްސިއްޖެނަމަ ނުވާވާރު ކަމެއް ނޫނެވެ،" ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ދިވެހި ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފޭސްބުކްގައި ޝަރަފް ލިޔުނެވެ.
ލަންކާ އާއި ރާއްޖެ މީގެ ކުރިން ކުޅުނު މެޗެއްގެތެރެއިން
އޭނާގެ އެ ވާހަކަ އަށް ބާރު ދެމުން ވޮލީގެ އެހެން ތަޖުރިބާކާރަކު ބުނީ، ލަންކާއާ ދެކޮޅަށް އަބަދު މިހެން ކުޅެކުޅެ ތިބެގެން ވާން ނެތް ކަމަށެވެ. ވޮލީގެ ޓެކްނިކަލް މީހުން އެކުގައި އިށީންދެ ތިބެ އާ ވިސްނުމެއް ހޯދުން މުހިންމު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ސަރަހައްދީ ވޯލީގައި ވެސް ރާއްޖެ އަށް ކާމިޔާބެއް ހޯދަން އުންމިދު ކުރެވޭނީ އެންމެ މެޗަކުން ނަމަވެސް ލަންކާ ބަލި ކުރެވިގެން ކަމަށެވެ. މިހާތަނަށް ރާއްޖެ އަށް ލަންކާގެ މައްޗަށް އެންމެ މެޗަކުން ވެސް މޮޅުވެވިފައެއް ނެތެވެ. ރާއްޖެއިން އެދުނު ކޮންމެ ފަހަރަކު ކަހަލަގޮތަކަށް ލަންކާއިން ރާއްޖެ އަށް އައިސް މެޗުތައް ކުޅެދެ އެވެ.
މި ފަހުން އެއިން ކޮންމެ ސީރީޒެއް ކުޅެނީ ރާއްޖެއިން ކުރިމަތިލާ މުބާރާތަކަށް ދިވެހި ޓީމު ތައްޔާރު ކުރުމުގެ ގޮތުން "ވެދޭ އެހީއެއް" ގެގޮތުގަ އެވެ. އެކަމަކު ލަންކާ މެޗުން ރާއްޖެ އަށް އާ ކަންތައްތަކެއް ދަސްކުރެވޭތޯ ސުވާލު އުފައްދަންޖެހޭ ކަމަށް ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.
"ހަމަ ޔަގީނުން ވެސް ލަންކާ ދަނީ ކޮންމެ ފަހަރަކު ކަހަލަގޮތަކަށް ރާއްޖެއާ ދެކޮޅަށް އާ ވިސްނުމެއްގައި ކުޅެމުން،" އޭނާ ބުންޏެވެ.
"މިފަހަރު ރާއްޖެ އައި ލަންކާގެ ޓީމުގައި އެ ގައުމުގެ އެންމެ މޮޅެތި ކުޅުންތެރިންނެއް ނާދޭ. އެކަމަކު ވެސް މިފަހުން ރާއްޖެ އަށް ކުޅެން އައިސް ލަންކާއިން ގެންގުޅޭ ތަފާތު ގޭމް ޓެކްޓިކްސް އެ ޓީމުން މިފަހަރު ވެސް ކޮންމެ މެޗެއްގައި ބޭނުން ކުރި."
ރާއްޖޭގެ ގައުމީ ވޮލީ ޓީމް ޑިސެމްބަރު 2021 ގައި ލަންކާ އާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލަންކާ ޓީމް -- ފައިލް ފޮޓޯ/ ފަޔާޒު މޫސާ| މިހާރު
އޭނާ ބުނީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ކުރިން ވޮލީގެ ޓެކްނިކަލް މީހުން އެކުގައި އިށީންދެ ރާއްޖެއިން ގެންގުޅޭނެ އާ ވިސްނުންތަކާ ބެހޭގޮތުން މަޝްވަރާކުރަން ޖެހޭ ކަމަށެވެ.
"ބޭނުން ކުރާނީ އާ ކޮން ވިސްނުމެއްތޯ. މިއީ އެންމެ މީހަކަށް ނިންމޭނެ ކަމެއް ނޫން. ވޮލީގެ ޓެކްނިކަލް އެންމެ މަޝްވަރާކޮށް އެ ވިސްނުމެއް، އެ ޕްލޭނެއް ފޯމް ކުރެވިދާނެ،" އޭނާ ބުންޏެވެ.
"އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއިން ލަންކާއާ ދެކޮޅަށް މިކަހަލަ ސީރީޒް މެޗުތައް ކުޅޭނެހެން. އެހެންވެއްޖެއްޔާ ރާއްޖެ އަށް އެ ލިބެނީ ފުރުސަތެއް. މިބުނާ އާ ވިސްނުން އިމްޕްލިމެންޓް ކުރަން. ފަހަރެއްގައި ރާއްޖެ މޮޅު ނުވެދާނެ. އެކަމަކު ޓެކްނިކަލީ މި ބަދަލު އިމްޕްލިމެންޓް ކުރީމަ ދެން ވާ ގޮތް އައިޑެންޓިފައި ކުރެވޭނެ."
އޭނާ ބުނީ މެޗުތަކުގެ ސީރީޒް ނިމުމަށް ފަހު ވެސް ޓެކްނިކަލް ޓީމުން މަޝްވަރާ އަށް އިށީންންނަށް ޖެހޭނެ ކަމަށެވެ.
"ބޭނުމަކީ ފޯމް ކުރި އާ ވިސްނުމުން ޓެކްނިކަލީ އައި ބަދަލުތައް އައިޑެންޓިފައިކޮށް އެކަން ފާހަގަ ކުރަން،" އޭނާ ބުންޏެވެ.
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
އަފްޣާނިސްތާން ބަލިކޮށް ރާއްޖެ ޗެލެންޖަށް ތައްޔާރު!
ތިން މެޗުން ލަންކާއިން ރާއްޖެއަށް ސެޓެއް ވެސް ނުދިން
ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ސެޓެއް ނުލިބުނު
އަންހެން އަދި ފިރިހެން ވޮލީޓީމުވެސް ލަންކާ އަތުން ބަލި
ގައުމީ ވޮލީޓީމުތައް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ
ބޭނުމީ ގައުމަށް ރަން މެޑަލް ހޯދައިދޭން، އެވޯޑެއް ނޫން
ދެން މަސައްކަތް ފަށަންވީ ހިސާބު ދެނެގަނެވިއްޖެ: ރަނޭ
ދިވެހި ވޮލީގެ ފެންވަރު މައްޗަށް، ސަޕޯޓަރުންނަށް ޝުކުރު
އަންހެން ވޮލީބޯޅަ ޓީމަށް ރިހި މެޑަލް