Roadha Mihaaru
ހިލްޓަން މައްސަލާގައި ސަރުކާރާ އެއްވެސް ޑީލެއް ނެތް: އެމްޑީއޭ

ހިލްޓަންގެ މައްސަލާގައި ސަރުކާރާ އެއްވެސް ޑީލެއް ނެތް: އެމްޑީއޭ

25 ފެބުރުއަރީ 2023

ސަން ޓްރެވެލްސް އިން ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ދޭން ޖެހޭ ގޮތަށް ސިވިލް ކޯޓުން އައިސްފައިވާ އަމުރާ ގުޅިގެން ސަރުކާރާއި ސަން ޓްރެވެލްސްއާ ދެމެދު އެއްވެސް ޑީލެއް ނެތް ކަމަށް އެ ކުންފުނީގެ ޗެއާމަން އަހުމަދު ސިޔާމްގެ ޕާޓީ އެމްޑީއޭ އިން ބުނެފި އެވެ.

ސަން ޓްރެވެލްސް އިން ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ދޭން ޖެހޭ ގޮތަށް ސިވިލް ކޯޓުން އައިސްފައިވާ އަމުރާ ގުޅިގެން ސަރުކާރާއި ސަން ޓްރެވެލްސްއާ ދެމެދު އެއްވެސް ޑީލެއް ނެތް ކަމަށް އެ ކުންފުނީގެ ޗެއާމަން އަހުމަދު ސިޔާމްގެ ޕާޓީ އެމްޑީއޭ އިން ބުނެފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ސަން ޓްރެވެލްސްގެ ޑިރެކްޓަރު އަލީ މައުރޫފު އިއްޔެ އެހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ސިޔާމް އަދި އެމްޑީއޭ އިން ނިންމުމުގެ ފަހަތުގައި "ކޯޓުން ލުއިތަކެއް ހޯދުމުގެ ޑީލް" އެއް އުޅޭ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކާ ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުންނެވެ.

ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ދޭން ސަން ޓްރެވެލްސް ކުންފުނީގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވާ އެންގުން ބަލައި ނުގަނެވޭނެ ސަބަބެއް ނެތް ކަމަށާއި އެހެންވެ، މިހާތަނަށް ނުދައްކައި ހުރި ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އޮތީ މި މަހުގެ 9 ގައި އަމުރުކޮށްފަ އެވެ.

އަލީ މައުރޫފު ވިދާޅުވީ، މިހާރުގެ ސަރުކާރުން ކޯޓުގެ ތެރެއަށް އަތްބާނާ ކަމަށް އެ ބޭފުޅުން ގަބޫލު ނުކުރައްވާ ކަމަށާއި އިސްތިއުނާފު ކުރުމުގެ ހައްގު އޮތުމުން ސިވިލް ކޯޓުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

"އަދި ސުޕްރީމް ކޯޓާ ހިސާބަށް ވެސް ދާނަން. އަދި އެ ނިހާއީ ހުކުމެއް އައުމަށް ފަހުގައި އެ ކަން ނިމިގެން ދާނީ. އަޅުގަނޑުމެންނަކީ ވިޔަފާރީގެ ކުންފުންޏަކަށް ވީތީ އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް ވެސް ދެވޭތޯ ބަލާނަން،" ސިޔާމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ މައުރޫފް ވިދާޅުވި އެވެ.

"އެހެންވީމާ މިއިީކީ ފޮރުވިފައި އޮތް ކަމެއް ނޫން. އެއްގޮތަކަށް ވެސް އަޅުގަނޑުމެން މި ކޯލިޝަން ހެދުމާއި އިބްރާހިމް މުހައްމަދު ސޯލިހަށް ބައިއަތު ހިފުމާ އެއްވެސް ގުޅުމެއް ނެތް މި ކޭސްގައި. މި ހަމަ ސްމޫތުކޮށް، އެ ދާން ވާ ގޮތަކަށް ކޯޓު ތެރެއިން ދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީއޭގެ އިއްޔެގެ ނިއުސް ބްރީފިންގައި އެ ޕާޓީގެ ބައެއް އިސްވެރިން.---ފޮޓޯ: އެމްޑީއޭ

އެމްޑީއޭގެ އިއްޔެގެ ނިއުސް ބްރީފިންގައި އެ ޕާޓީގެ ބައެއް އިސްވެރިން.---ފޮޓޯ: އެމްޑީއޭ

ސަން ޓްރެވެލްސްގެ އެއް ޑިރެކްޓަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ އިއްޔެ ވަނީ އެއީ ހިލްޓަން އަށް 24 މިލިއަން ޑޮލަރު ނުދެވޭވަރުގެ ކުންފުންޏެއްތޯ ސުވާލު ކުރައްވައިފަ އެވެ. ވިދާޅުވީ، ސަން ޓްރެވެލްސް އަކީ ރާއްޖޭގައި އެންމެ ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުނި ކަމަށް ވާއިރު އެ ކުންފުނީގެ ވެރިޔާ އަށް އެ އަދަދު ނުދެއްކޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"މިއީ ރައްޔިތުންނާ އަޅުގަނޑު ކޮށްލާ ސުވާލެއް. އަޅުގަނޑުމެންނަކީ އެ ލެވެލްގެ ބައެއް ތޯ؟ ސައުވީސް މިިލިއަނަކާ ހެދި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ނަފުސު ވިއްކާލާކަށް ނުޖެހޭނެ. އެ ލެވެލެއް ނޫން އަޅުގަނޑުމެން. އަޅުގަނޑުމެންގެ އެބަތިބި އެ ވަރަށް މުދާ،" އައިޝަތު ރަފިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ހިލްޓަން ކޭސްއާ ގުޅުވައިގެން ތަފާތު ވާހަކަތައް ދައްކަނީ "ސަން ޓްރެވެލް ސިޔާމް މި ގައުމުގެ ވެރިކަން ކޮށްފާނެތީ" އެވެ.

އަލީ މައުރޫފު ވިދާޅުވީ، އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވަޑައިގެންނެވި ދެ މަންދޫބުންނާ މަޝްވަރާ ކުރުމަށް ފަހު، "ތަނަވަސް" ނުވަތަ "ރީޒަނަބަލް" ގޮތްތަކެއް ވާނީ ނިންމާފައި ކަމަށެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައިފި ނަމަ އެމްޑީއޭ އަށް "ރީޒަނަބަލް އެއްޗެއް" ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ އަލީ މައުރޫފު ވިދާޅުވިގޮތުގައި، އެއީ ސަރުކާރުން ލިބެންޖެހޭ ސިޔާސީ މަގާމުތަކުގެ ވާހަކަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިިހާބަށް އެމްޑީޕީއާއެކު ކުރިއަށް ދާން މިހާތަނަށް ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެވެ. މި ކޯލިޝަންގައި ހިމެނޭ އަނެއް ދެ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓި އާއި އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.