Roadha Mihaaru
ފުލުހުން ބަދުނާމް ކޮށްގެން ވާނީ ގެއްލުން: އިމްރާން

ފުލުހުން ގޯސް ހަދާ ކަމަށް ބުނެ ބަދުނާމްކުރުން ރަނގަޅެއް ނޫން: އިމްރާން

21 މާޗް 2022

ފުލުހުން ގަސްތުގައި ރާވައިގެން ގޯސް ހަދަމުންދާ ކަމަށް ބުނެ އެ މުއައްސަސާ ބަދުނާމް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން ގަސްތުގައި ރާވައިގެން ގޯސް ހަދަމުންދާ ކަމަށް ބުނެ އެ މުއައްސަސާ ބަދުނާމް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ނިޒާމް ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ގަސްތުގައި ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވަނިކޮށެވެ.

އެފަދަ ފަރާތްތަކާ މެދު އަޅަނީ ކޮން ފިޔަވަޅެއްތޯ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ ސީދާ ވަކި ފުލުހަކު އެނގި ހުރެގެން ގަސްދުގައި އެފަދަ އަމަލެއް ހިންގި މައްސަލައެއް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

ފުލުހުންގެ މުއައްސަސާ އަށް ނިސްބަތްކޮށް އެފަދަ ގޮތަކަށް ބަސްތައް ބޭނުން ކުރުމާއި އެ މުއައްސަސާ އާ ބެހޭ ގޮތުން އެފަދަ ވާހަކަ ދެއްކުމަކީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އޭނާ ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިމްރާން ފުލުހުން ދިފާއު ކުރެއްވި އެވެ.

"ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާއި ޒިންމާދާރު ކުރުމަށް އަދި ފުލުހަކާ މެދުގައި ތުހުމަތެއް އުފެދިއްޖެ ކަމަށް ވާނަމަ އެކަމެއް އެކަށީގެންވާ ރަނގަޅުގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރުން ވަނީ ވަރަށް ބޮޑުތަނުން ހަރުދަނާ ކޮށްފައި،" ނަޝީދު ވިދާޅުވި އެވެ.

ގޯސް ހަދާ ކަމުގެ ތުހުމަތެއް އެއްވެސް ފުލުހަކަށް ކުރެވިއްޖެ ނަމަ ފިޔަވަޅު އަޅާފައި ވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. މިދިޔަ އަހަރު ވެސް ބައެއް އޮފިސަރުންނާ ދޭތެރޭގައި ފިޔަވަޅު އަޅާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެހެން ނަމަވެސް ސީދާ އެނގިތިބެ ފުލުހުން ގަސްތުގައި މިކަން މިގޮތަށް ކުރެއޭ ނުވަތަ ގަޑުބަޑު ކުރޭ ބުނުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ،" އިމްރާން ވިދާޅުވި އެވެ.

ފުލުހުން ގޯސް ހަދާ ކަމަށް ރިޕޯޓް ކޮށްފައި ނެތް ކަމަށް އިމްރާން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަނައިބު ހުވާ މަތީ ހުންނަވައިގެން މަޖިލީހަށް ވަޑައިގަނެ އެކަން ހިނގާ ކަމަށް ވިދާޅުވުމަކީ ހުރިހާ މުއައްސަސާތަކަށް ރިޕޯޓް ކުރުން ކަމަށެވެ.

"އެ މައްސަލަަ ރިޕޯޓް ނުކުރެވި، ސިޓީއަކުން ފޮނުވައި ރިޕޯޓް ނުކުރެވުމުން، އަމަލު ނުކުރައްވާ ހުންނެވުމަކީ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ތެރޭގައި މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުނުވާ ކަމަށެވެ. ނަމަވެސް ރާވައިގެން އެނގިތިބެ ލޫޕް ހޯލްތައް ބަލައިގެން ގަޑުބަޑު އުފައްދަން މަސައްކަތް ކުރާ ވާހަކަ އިމްރާން ގަބޫލެއް ނުކުރައްވަ އެވެ.

"ފުލުހުންގެ ހިދުމަތުގައި ހުރި މައްސަލަތައް ދެނެގަނެ ރަނގަޅު ކުރުމަކީ އެންމެން ވެސް ކުރަންވީ ކަމެއް. މުޅި މުއައްސަސާ އަށް ގެއްލުންވާ ގޮތަށް ވާހަކަ ދެއްކުމަކީ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ވާނެ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ އެ ވާހަކައާ މެދު ވެސް ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހުންގެ މުޅި މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ.

މިދިޔަ މަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ރިފްއަތު ވިދާޅުވީ ކޯޓުތަކުން ބޮޑެތި ކުށްވެރިން ދޫވަނީ މައިގަނޑު ދެ ސަބަބަކާ ހެދި ކަމަށެވެ. އެއް ސަބަބަކީ ފުލުހުންނާއި ތަހުގީގީ އިދާރާތަކުގެ ތެރޭގައި ނުވަތަ ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކުގައި ވެސް ރޭވި އިންތިޒާމް ވެގެން ގޯސް ހަދާ މީހުން ތިބޭތީ ކަމަށާއި ދެވަނަ މައްސަލައަކީ އެކަށީގެންވާ ގާނޫނުތައް ހަދާފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.