Roadha Mihaaru
އިތުރުފުޅު ހެއްދެވީ އިމްރާންތޯ، ރިފްއަތުތޯ ބަލަނީ!

އިތުރުފުޅު ހެއްދެވީ އިމްރާންތޯ، ރިފްއަތުތޯ ބަލަނީ!

28 މާޗް 2022

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފާސްކޮށްފި އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ މިދިޔަ މަހު 17 ގައި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތެރޭގަ އާއި އެހެން އިދާރާތަކުގައި ވެސް ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ރިއްފަތު ވިދާޅުވި ކަމަށާއި ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލު ކުރުމުން ގަސްތުގައި އެފަދަ ކަމެއް ކުރާ ފުލުހުން ނޫޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައިވާ ގޮތުން މަޖިލިސް މެމްބަރަކު މިނިސްޓަރަކާ ކުރާ ކޮންމެ ސުވާލަކަށް ތެދު ބަހުން ޖަވާބު ދޭން ޖެހޭނެ އެވެ.

އިމްރާން ނުވަތަ ރިއްފަތު މަޖިލީހަށް ދޮގު ހަދާފައިވާ ކަމަށާއި ދޮގު ހެދި ބޭފުޅަކު ދެނެގަތު އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ހުށަހެޅުއްވި އެވެ.

އެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ވޯޓު ދެއްވީ 13 މެމްބަރެކެވެ. އެހެންކަމުން އެ މައްސަލަ ފާސްވެއްޖެ ކަމަށް ނިންމައި މަޖިލީހުގައި މިއަދު ބަހުސް ފެށި އެވެ.

އެ މައްސަލަ އަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ހިމެނޭ ހުރިހާ އިބާރާތަކަށް ތާއީދު ނުކުރައްވާ ކަމަށާއި ނަމަވެސް އިތުރުފުޅު ހެއްދެވި މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން ބެލުމަށް އޭނާ ހުށަހެޅި އެވެ. އެ ހުށަހެޅުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތާއީދު ވެސް ކުރެއްވި އެވެ.

އާދަަމް ޝަރީފްގެ ކުއްލި މައްސަލަ އަށް ވޯޓު ދެއްވި ސަބަބު ބަޔާން ކޮށްދެއްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެއީ މަޖިލީހުގެ އިމްތިޔާޒާ ގުޅޭ މުހިންމު މައްސަލައެއް ކަމަށެވެ.

ގަސްތުގައި ގޯސް ހަދާ ފުލުހުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ތިބިއިރު އެކަން ނުބަލައި ދިވެހި ފުލުހުން އެހެން ނުހަދާނޭ ކުއްލިއަކަށް ނުބުނެވޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އޭގައި ހަގީގަތެއް ނެތި އެވަރުގެ ވާހަކައެއް އެޓާނީ ޖެނަރަލް ވިދާޅެއް ނުވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.