Roadha Mihaaru
ބޭރުކުރަން އުޅުނީ ހަނީފްއާ ގުޅުން ހުރި ފައިސާތޯ ބަލަނީ

ބޭރުކުރަން އުޅުނީ އަބޫ ހަނީފްއާ ގުޅުން ހުރި ފައިސާތޯ ތަހުގީގު ކުރަނީ

16 އޮކްޓޯބަރ 2019

ރާއްޖެ އިން މިދިޔަ މަހު ފަހުކޮޅު ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅެނިކޮށް އިމިގްރޭޝަނުން ހުއްޓުވާފައިވާ އިރު އެ ފައިސާއަކީ ޑިޕޯޓްކޮށްލި އަބޫ ހަނީފްއާ ގުޅުން ހުރި ފައިސާތޯ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އިން މިދިޔަ މަހު ފަހުކޮޅު ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅެނިކޮށް އިމިގްރޭޝަނުން ހުއްޓުވާފައިވާ އިރު އެ ފައިސާއަކީ ޑިޕޯޓްކޮށްލި އަބޫ ހަނީފްއާ ގުޅުން ހުރި ފައިސާތޯ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ވަޑިއެއްގެ ނަމުގައި ރާއްޖެ އެތެރެވެ، ބަނޑަހަ ކެފޭގެ ސުޕަވައިޒަރަކަށް އުޅުނު އަބޫ ހަނީފް ފުރަން ދިއުމުން ޑިޕޯޓްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގައި މަނީ ލޯންޑާކުރާ ކަމުގެ ތުހުމަތު އެޅިފައިވާ ހަނީފް، ޑިޕޯޓްކުރި ފަހުން އިމިގްރޭޝަނުން ވަނީ ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު ދެ މީހަކު ހުއްޓުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ޑޮލަރާއި ޔޫރޯ އިން ބޭރުކުރަން އުޅުނު މި ފައިސާގެ އަދަދު 2.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފުރަތަމަ ހުއްޓުވީ މިދިޔަ މަހުގެ 15 ގައި ފައިސާ ބޭރުކުރަން އުޅުނު އިންޑިއާގެ ރައްޔިތެކެވެ. އޭނާގެ އަތުން 60،000 ޑޮލަރު (925،200ރ.) އާއި 5،400 ޔޫރޯ (91،044ރ.) ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން ހުއްޓުވީ 4،600 ޑޮލަރު (70،932ރ.) އާއި 37،500 ޔޫރޯ (594،950ރ.) ބޭރުކުރަން އުޅުނު ދިވެއްސެކެވެ.

ތަހުގީގު ކުރުމަކާ ނުލައި ހަނީފް ޑިޕޯޓްކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މެމްބަރުން ސުވާލު ދެންނެވުމުން ޗީފް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަނީފްގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައީ ޑިޕޯޓްކުރި ފަހުން ކަމަށެވެ. ސޯޝަލް މީޑިއާ އާއި އާއްމުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކާ ގުޅިގެން ހަނީފްގެ މައްޗަށް މަނީ ލޯންޑަރިންގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަބޫ ހަނީފް: އޭނާ ޑިޕޯޓްކޮށްލުމުން ތަހުގީގަށް ސުވާލުކުރަން ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި.

އަބޫ ހަނީފް: އޭނާ ޑިޕޯޓްކޮށްލުމުން ތަހުގީގަށް ސުވާލުކުރަން ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި.

މިހާތަނަށް ބެލި ބެލުމުން، 2015 ގައި ފައިސާގެ މައްސަލަތަކެއްގައި ހަނީފް ފުލުސް އޮފީހަށް ހާޒިރުވެފައިވާ ކަމަށް ބަޝީރު ވިދާޅުވި އެވެ.

"އެއީ، ބަންގްލަދޭޝްގެ 8 ރައްޔިތެއްގެ ފައިސާތަކެއް ހިފައިގެން މީހަކު ދިޔަ މައްސަލައިގައި އެ ފައިސާ އަކީ އެ 8 މީހުންގެ ފައިސާ ކަމަށް ބުނެ ޕޮލިސް އަށް ހާޒިރުވެފައި އެބަހުރި އޭނަ. ދެން އެ މައްސަލައިގައި އޭރު ރެމިޓެންސް ގާނޫނެއް، ގަވާއިދެއް ވެސް ނެތުމާ އެކު ހިފެހެއްޓުނު މީހާ ވަނީ ދޫކޮށްލާފައި،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ މަހު ބޭރަށް ފޮނުވަން އުޅެނިކޮށް ހިފެހެއްޓި ފައިސާގެ ތެރެއިން އެއް ބަޔަކީ ބަނޑަހަ ފައިނޭންޝަލްގެ މެނޭޖިން ޑިރެކްޓަރު ބޭރަށް ފޮނުވަން އުޅުނު ފައިސާ ކަމަށެވެ. އެހެންވެ އޭނަ އާއި ހަނީފްއާ އޮތް ގުޅުން ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވި ގޮތުގައި އަބޫ ހަނީފް ޑިޕޯޓްކޮށްލުމުން ތަހުގީގަށް ސުވާލު ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ދެ ގައުމުގެ އޮންނަ ބައިލެޓްރަލް ގުޅުމުގެ ތެރެއިން ސުވާލު ކުރެވުނަސް ރާއްޖޭގައި ހުރެގެން ކުރާ ގޮތަށް ހަނީފްއާ ސުވާލުކޮށް ތަހުގީގު ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވި ގޮތުގައި، ތަހުގީގަށް އިންޓަޕޮލްގެ އެހީތެރިކަން ހޯދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ އެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި ހަނީފް ފުރުވާލި އިރު އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްކޮށް އެތަނަށް ހުށަހަޅައިފައެއް ނުވެ އެވެ. އޭނާ ފުރުވާލީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަމަށް އެ ތަނުން ބުންޏެވެ.

ހަނީފްއާ ގުޅޭ މައްސަލަތަކެއް ފުލުހުން ބަލަމުން އަންނަ އިރު މަރުކަޒީ ބޭންކުން ވަނީ އޭނާ މަސައްކަތް ކުރި ބަނޑަހަ ކެފޭގެ މަނީ ޗޭންޖާ ލައިސަންސް ހިފަހައްޓައިފަ އެވެ. އޭގެ އިތުރުން ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރެމިޓެންސް ލައިސަންސް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ދެ ތަނުގެ ލައިސަންސް ހިފެހެއްޓީ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުންނެވެ.