Roadha Mihaaru
ފުލުހުން އަމަލުކުރީ މަޖިލިހުގެ ގަވާއިދާ ހިލާފަށް:އީވާ

ފުލުހުން މަޖިލިހުގެ ގަވާއިދާ ހިލާފުވި ކަމަށް ބުނެ އީވާގެ ކަންބޮޑުވުން

21 މާޗް 2023

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭގެ މުޒާހަރާގައި "ހައްޔަރުކުރީ" ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭގެ މުޒާހަރާގައި "ހައްޔަރުކުރީ" ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ ސިޔާމް ހައްޔަރު ކުރުމަށް ފަހު ހަތަރު ގަޑިއިރުގެ ތެރޭގައި އޭނާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކުރި ކަން މަޖިލީހަށް އަންގާފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) އާ ހަވާލާ ދެއްވައި އީވާ ވިދާޅުވީ މެންބަރަކު ހައްޔަރުކޮށްފި ނަމަ ގަޑިއިރެއް ތެރޭގައި މަޖިލީހަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ. ފުލުހުން އަމަލު ކޮށްފައި ވަނީ އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިޔަށް ގެންދެވެން ނެތް ހާލަތެއްގައި މެންބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި ބަންދުކުރާތާ ގިނަވެގެން ގަޑިއިރެއްގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ އަމީންއާންމަށް އަންގަން ޖެހޭނެ އެވެ.

"މަޖިލީހުގެ ގަވައިދާ ހިލާފަށް އަދި މެންބަރަކު ހައްޔަރު ކުރުމުން މަޖިލީހަށް އަންގާފައި ނެތުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" އީވާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޝިޔާމް ހައްޔަރުކުރީ ކަމަށް އީވާ ވިދާޅުވި ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން މީހަކު ހައްޔަރު ކުރުމާއި ހައްޔަރަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ދެ ކަމެކެވެ. މީހަކު ހައްޔަރުކުރާ ނަމަ ގާނޫނީ އިންޒާރު ދިނުން ފަދަ، ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކެއް އޮވެ އެވެ. މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ގިނަ މީހުން ހައްޔަރު ނުކޮށް ދޫކޮށްލަ އެވެ.

މާލޭގައި ޕީޕީއެމް އިން ރޭ ކުރި މުޒާހަރާގެ ތެރެއިން ޝިޔާމްގެ އިތުރުން އަށް ފިރިހެނުންނާއި ނުވަ އަންހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ދޫކޮށްލާފައި ވަނީ ޝިޔާމް އެކަންޏެވެ.

މުޒާހަރާ ކުރިޔަށް ދިޔަ ވަގުތު އެ ސަރަހައްދުން ރައީސްގެ މޮޓޯކޭޑް ހުރަސް ކުރަން އުޅުމުން މޮޓޯކޭޑް ހުއްޓުވި މައްސަލާގައި ވެސް އިތުރު ހަތަރު މީހަކު ހައްޔަރު ކުރުމަށް ފަހު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.