ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށްވާ ފުޓްސަލްގެ ގައުމީ ލީގެއް މި އަހަރުގެ މެދުތެރޭގައި ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
21 މާޗް 2023
ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށްވާ ފުޓްސަލްގެ ގައުމީ ލީގެއް މި އަހަރުގެ މެދުތެރޭގައި ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެ އެސޯސިއޭޝަނުން މިކަން އިއުލާންކުރީ، ދާދި ފަހުން ސްޕޯޓްސް މިނިސްޓްރީން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ފުޓްސަލް ނުހިމެނޭތީ، އެ ކުޅިވަރުގައި ޝާމިލްވާ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ. މިނިސްޓްރީން ބުނީ ފުޓްސަލް ކުޅުންތެރިންނަށް އެވޯޑް ނުދެވުނީ ކުޅުން ވަޒަންކުރާނެ، އެ ކުޅިވަރުގެ ގައުމީ މުބާރާތެއް ނެތުމުން ކަމަށެވެ.
މިނިސްޓަރު އަހުމަދު މަހުލޫފްއާ ބައްދަލުކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ވަނީ ފުޓްސަލް ލީގު ފެށުމަށް އެފްއޭއެމުން ގެންގުޅޭ ޕްލޭންތައް ހިއްސާކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ ޕްލޭންތަކާ މެދު މިނިސްޓަރު ހުންނެވީ ހިތްހަމަޖެހިވަޑައިގެން ކަމަށާއި އަދި އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި ކަމަށެވެ.
މަހުލޫފު ވެސް ވަނީ އެކަމަށް މަރުހަބާ ދަންނަވައި، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ ޓްވީޓެއްކުރައްވައިފަ އެވެ.
ފުޓްބޯޅައިގެ ޑިސިޕްލިންއެއް ކަމަށްވާ ފުޓްސަލް ރާއްޖޭގައި، ކުޅެން ފެށީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅެވެ. އޭގެ ފަހުން 2005 އާއި 2006 ގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލައި އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރި އެވެ. އެ ޓީމުގައި ގިނައިން ތިބީ ރިޓަޔާޑް ފުޓްބޯޅަ ކުޅުންތެރިންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއްގެ ތެރެއިން: ފުޓްސަލް ފޯރި ވަރަށް ބޮޑު.
ރާއްޖޭގައި މީގެ 16 އަހަރު ކުރިން ފުޓްސަލް ވަރަށް ބޮޑަށް މަގުބޫލުވެ މިހާރު އެ ކުޅިވަރުގެ ވަރަށް ގިނަ މުބާރާތްތަކެއް މާލެ އާއި އަތޮޅުތެރޭގައި އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރެއިން އޮފީސްތަކަށް ހާއްސަ ކްލަބް މޯލްޑިވްސް ކަޕާއި ރަށްރަށް ހާއްސަ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ، ފޯރި އަށް ބަލާއިރު ރާއްޖޭގައި މިހާރު ބާއްވާ އެންމެ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ދެ މުބާރާތެވެ. އަދި ފުޓްސަލް ކުޅެގެން އާމްދަނީ ހޯދާ ކުޅުންތެރިން ވެސް ރާއްޖޭގައި ވަރަށް ގިނަ އެވެ.
އަދި ކުރީ ސަރުކާރާއި މި ސަރުކާރުން ވަނީ ރަށްރަށުގައި ފުޓްސަލް ޕިޗުގެ ސައިޒަށް ޓާފް ދަނޑުތަކެއް އަޅައިފަ އެވެ. އެކަމަކު އިންޑޯ ކުޅިވަރެއްގެ ގޮތުގައި އޮންނަ ފުޓްސަލް އަށް ހާއްސަ އިންޑޯ ވެނޫއެއް ރާއްޖޭގައި ނެތެވެ. އޭގެ ސަބަބުން ބޭރުގެ މުބާރާތްތަކަށް ގޮސް ފެންވަރު ދައްކަން ދިވެހި ކުޅުންތެރިންނަށް އުނދަގޫވެ އެވެ.
ފީފާގެ ގަވާއިދުގެ ދަށުން ފުޓްސަލް އޮންނަން ޖެހެނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ދަށުން ކަމަށްވާތީ އެފްއޭއެމުން 2017 ވަނަ އަހަރު ފުޓްސަލް އަށް ސަބް އެސޯސިއޭޝަނެއް ހެދި އެވެ. އަދި އިންޑޯ ގޭމްސް އަށް ފުޓްސަލް ޓީމެއް ފޮނުވި އެވެ.
ބައްސާމް އޭރު ވިދާޅުވީ ފުޓްބޯޅަ އާއި ފުޓްސަލް މުޅިން ވަކިކޮށްލުމަށް ފަހު ކުޅުންތެރިން މީގެ ތެރެއިން ކޮންމެވެސް އެއް ކުޅިވަރެއް ކުރިމަގުގައި އިހުތިޔާރުކުރަން ޖެހޭނެ ވިދާޅުވެފަ އެވެ. އަދި ބޭނުންވާ ވަރަށް ފުޓްސަލްގެ ކަންކަން ކުރިއަށްގެންދަން އޮތް ހުރަހަކީ އިންޑޯ ހޯލެއް ނެތުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ފުޓްސަލް އެރީނާއެއް އަޅާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ ކޯޗިން ނުވަތަ ރެފްރީސް ކޯސް ފުޓްސަލް އަށް މި އޮތީ މަޑުޖެހިފައި އިންޑޯ ހޯލެއް ނެތީމާ،" ބައްސާމް އޭރު ވިދާޅުވި އެވެ.
އެފްއޭއެމުން އަލަށް ފަށާ ގައުމީ ލީގާ އެކު އެރީނާއެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ފުޓްސަލަށް އެފްއޭއެމުން ދޭނެ ޖަވާބަކީ ފުޓްސަލް އެރީނާ
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
ބައްސާމްގެ ފްލެޓް މައްސަލަ: ބެންޗުން ވެސް ނުބެލި
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
އެފްއޭއެމްގެ ހިޔާނަތް: ބައްސާމަށް އިތުރު ދައުވާތަކެއް
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް