Roadha Mihaaru
މާފުށިން 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަނީ

މާފުށިން 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން އިއުލާންކޮށްފި

31 މާޗް 2023

ކ. މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހިއްކި ބިމުން ގޯތި ދޫކުރަން ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ކަމަށެވެ. އަދި މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރިކުރާ މާފުއްޓަކީ މާލެ އަށް ފަހު ބިމުގެ އަގު އެންމެ މަތީގައި އުޅޭ އެއް ރަށެވެ.

ގޯއްޗަށް ކުރިމަތިލާން މީހުންގެ ޝަރުތުތައް

- ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން.

- އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ، އެ ބިން ދޫކޮށްލުން.

- ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން.

- އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ދޫކޮށްލައި ނުވަތަ ހިބައިން ދީފައިވާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވުން.

މާފުށީގައި އަލަށް ހިއްކި ބިން: މި ބިމުން 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ:މިހާރު

މާފުށީގައި އަލަށް ހިއްކި ބިން: މި ބިމުން 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ:މިހާރު

މާފުށި ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު ސަރުކާރުގެ ގެޒެޓުންނާއި އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ ކަމަށެވެ. އަންނަ މަހުގެ 9 އިން ފެށިގެން ފޯމު ބަލައި ގަންނާނީ އެ މާފުށި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 15 ކަމަށް ވެސް ކައުންސިލްގެ އިދާރާގެ އިއުލާނުގައި ބުންޏެވެ.

މާފުށިން ގޯތި ދޫކުރަން އިއުލާންކުރި އިރުގައި، އެ ރަށް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 15 އިގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ވަނީ 2021 ވަނަ އަހަރު މާފުށީ ފަޅުގެ ދެކުނު ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.