Roadha Mihaaru
އެމްޑީޕީއަކީ ވަކި ބޭފުޅެއް ނޫން ކަން ދައްކައިފި:ނާޝިޒް

އެމްޑީޕީއަކީ ވަކި ބޭފުޅެއް ނޫން ކަން ދައްކައިފި: ނާޝިޒް

16 އެޕްރީލް 2023

އެމްޑީޕީއަކީ ވަކި މީހެއްގެ ބާރާއި ނުފޫޒުގައި އޮންނަން ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި ގަބޫލުކުރާ ސިޔާސަތުތަކެއްގެ މައްޗަށް ވަރަށް ހަރުދަނާކޮށް ހިނގަމުން އަންނަ ޕާޓީއެއްގެ ގޮތުގައި ބަލައިގަންނަ ކަން ގުރައިދޫ ދާއިރާގެ ނަތީޖާ އިން ހާމަވި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަކީ ވަކި މީހެއްގެ ބާރާއި ނުފޫޒުގައި އޮންނަން ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި ގަބޫލުކުރާ ސިޔާސަތުތަކެއްގެ މައްޗަށް ވަރަށް ހަރުދަނާކޮށް ހިނގަމުން އަންނަ ޕާޓީއެއްގެ ގޮތުގައި ބަލައިގަންނަ ކަން ގުރައިދޫ ދާއިރާގެ ނަތީޖާ އިން ހާމަވި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް އިންތިހާބުތައް ކާމިޔާބުވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޯސްޓަރު ހިފައިގެން ނުކުމެ ކެމްޕޭންކޮށްގެން ކަމަށް އެމަނިކުފާނުގެ އަރިސް މެމްބަރުން ވިދާޅުވެ އެވެ. މި ސަރުކާރާ ދެކޮޅަށް ނަޝީދު ނުކުންނެވުމަކީ އެމްޑީޕީއަށް ތާއީދު ފަނޑުވެ, އިންތިހާބުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީއަށް ގެއްލޭނެ ކަމެއްގެ ގޮތުގައި ވެސް ސިފަކުރެ އެވެ.

"ވަކި ބޭފުޅެއްގެ ޕޯސްޓަރެއް ހިފައިގެން ވަކި ބޭފުޅެއްގެ ވަކި ވާހަކަތަކެއް ދައްކައިގެން ނޫން ކާމިޔާބު މިވީ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ރައްޔިތުންނަށް ބަލައިގަނެވޭލެއް ބޮޑުކަމުން މި ކުރިއެރުން ލިބުނީ. -- ނާޝިޒް

ގުރައިދޫ ދާއިރާއިން އިދިކޮޅު ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ފުރަތަމަ ފަހަރަށް އިއްޔެ ކާމިޔާބު ހޯދީ ޕާޓީގެ ރައީސް ނަޝީދުގެ އެއްވެސް ބައިވެރިވުމެއް ނެތި އެވެ. މިއީ ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ވެސް އެއީ އެމްޑީޕީއަށް ނެގުނު ގޮނޑިއެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން މެނޭޖަރު, ނާޝިޒް ވިދާޅުވި ގޮތުގައި، ގުރައިދޫ ބައި އިލެކްޝަނުގައި ރައްޔިތުން އެންމެ މުހިއްމު ކަމަކަށް ބަލައިގަތް އެއް ކަމަކީ އެމްޑީޕީއަކީ ވަކީ މީހެއް ނޫން ކަމެވެ.

"ވަރަށް ގިނަ ރައްޔިތުން ބަލައިގެންފި އެމްޑީޕީއަކީ އާއްމު މެމްބަރުންގެ ޕާޓީއެއް ކަމާއި ދިވެހި ރައްޔިތުންގެ ޕާޓީއެއްކަން," ނާޝިޒް ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ކެމްޕޭންގައި އެ ރަށްތަކުގައި އުޅުއްވި ނާޝިޒް ވިދާޅުވީ އެމްޑީޕީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ހިންގާ "ފިކުރެއްގެ ދިރުން" ހަރަކާތުގެ ބައެއް ބޭފުޅުން ޕީޕީއެމަށް ކާމިޔާބު ހޯދަން އެ ޕާޓީގެ ކެމްޕޭން ޓީމާއެކު މަސައްކަތްތަކެއް ކުރި ކަމަށެވެ.

އެމްޑީޕީގެ ކެމްޕޭނެއްގައި ރައީސް ނަޝީދު ވާހަކަ ދައްކަވާއިރު ރައީސާއި ޕާޓީގެ އިސް ބޭފުޅުން އަޑުއައްސަަވަނީ.

އެމްޑީޕީގެ ކެމްޕޭނެއްގައި ރައީސް ނަޝީދު ވާހަކަ ދައްކަވާއިރު ރައީސާއި ޕާޓީގެ އިސް ބޭފުޅުން އަޑުއައްސަަވަނީ.

އެ އުނދަގޫތަކާ އެމްޑީޕީން ގޮނޑި ކާމިޔާބުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑަޝިޕްގެ ދަށުގައި ކަން ފާހަގަކުރައްވައި ނާޝިޒް ވިދާޅުވީ ޕާޓީ މިސްރާބާއި ހިންގާ ގޮތް ރައްޔިތުންނަށް ކަމުދެ އެވެ.

"ވަކި ބޭފުޅެއްގެ ޕޯސްޓަރެއް ހިފައިގެން ވަކި ބޭފުޅެއްގެ ވަކި ވާހަކަތަކެއް ދައްކައިގެން ނޫން ކާމިޔާބު މިވީ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ރައްޔިތުންނަށް ބަލައިގަނެވޭލެއް ބޮޑުކަމުން މި ކުރިއެރުން ލިބުނީ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އާއި ޕާޓީގެ ކުރިމަގު ވެސް އޮންނާނީ އަދި ދިވެހި ރައްޔިތުން އިންތިހާބު ކާމިޔާބުކޮށްދޭނީ ޕާޓީގެ ވަކި ބޭފުޅަކު ނިންމާ ނިންމުމެއްގެ މައްޗަށް ނޫން ކަމަށެވެ. އިންތިހާބުގެ ނަތީޖާ ނުކުންނާނީ ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންގެ މަންފާ އާއި ފައިދާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮށްދެއްވި މަސައްކަތްތަކުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

މި ދާއިރާގެ 2019 ގައި ބޭއްވި އިންތިހާބުގައި ގުރައިދޫ ޕީޕީއެމުން ކާމިޔާބުކުރީ 246 ވޯޓުގެ ތަފާތަކުން އެމްޑީޕީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިފަހަރު، އެމްޑީޕީ ކާމިޔާބު ހޯދީ ގުރައިދޫން 242 ވޯޓުގެ ކުރިއެރުމަކާ އެކުގައި ކަމަށް ނާޝިޒް ވިދާޅުވި އެވެ.

"ހަތަރު އަހަރު ފަހުން، އެ ތަފާތު 4 ވޯޓަށް ކުޑަވީ." ގުރައިދޫން ލިބުނު ތާއީދު ފާހަގަކުރައްވައި ނާޝިޒް ވިދާޅުވި އެވެ.

މި ކާމިޔާބު ލިބުނީ އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތާއި ގެންނަ ތަރައްގީ އާއި ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަންނަލެއް ބޮޑުކަމުންނެވެ.

"ކެމްޕޭގައި ގުރައިދޫ ދާއިރާއިން ދިމާވި ހުރިހާ ރައްޔިތުންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ސަރުކާރުގެ މަސައްކަތްތައް ބަލައިގަންނަ ކަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގުރައިދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކެއްގެ ބޮޑު ބައެއް ސަރުކާރުން މިވަނީ ހައްލުކޮށްދީފައި. އެކަންތައްތަކާ ހެދި ސަރުކާރަށް އޮތް ތާއީދު މިއަދު ފެނިގެން މިދިޔައީ."

ނާޝިޒް ވިދާޅުވީ އެމްޑީޕީއަށް މިހާ ބޮޑު ތާއީދެއް ދާއިރާއެއްގެ ދިގު ތާރީޚުގައި އަލަށް ކާމިޔާބުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަރަށް ރަނގަޅު ފާލެކެވެ.