Roadha Mihaaru

ޗައިނާގައި 19 އިމާރާތް 10 ސިކުންތުން ބިމާ ހަމަކޮށްލައިފި

24 ޖެނުއަރީ 2017

ޗައިނާގައި ހޮނިހިރު ދުވަހު 19 އިމާރާތެއް އެންމެ 10 ސިކުންތު ތެރޭ ބިމާ ހަމަކޮށްލައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޗައިނާގައި ހޮނިހިރު ދުވަހު 19 އިމާރާތެއް އެންމެ 10 ސިކުންތު ތެރޭ ބިމާ ހަމަކޮށްލައިފި އެވެ.

ގޮވާތަކެތި ބޭނުންކޮށްގެން ގޮއްވާލި މި އިމާރާތްތަކަކީ 12 ބުރިއަށް ހަދާފައި ހުރި ތަންތަނެވެ. ވޫހާން ސިޓީގައި ހުރި މި އިމާރާތްތަކަކީ ފްލެޓްތަކެކެވެ. މި ތަންތަން ތަޅާލީ ވިޔަފާރިއަށް ހާއްސަ އިމާރާތްތަކެއް ހެދުމަށެވެ. އޭގެ ތެރޭގައި 707 މީޓަރުގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ.

މި ތަން ގޮއްވާލާފައި ވަނީ ރޭގަނޑުގެ ވަގުތެއްގައި، ފަސް ޓަނުގެ ގޮވާތަކެތި ބޭނުންކޮށްގެންނެވެ. މި ގޮއްވާލުމުގައި 150،000 އަކަ މީޓަރުގެ ކޮންކްރީޓާއި ބިއްލޫރި އާއި ދަގަނޑު ފުނޑުފުނޑުވެގެން ދިޔަ އެވެ.

މިކަން ކުރުމުގެ ކުރިން، އެ ސަރަހައްދުގައި އުޅޭ އާންމުން ވަނީ ދުރު ހިސާބުތަކަށް ގެންގޮސްފަ އެވެ. މި އިމާރާތްތައް ހުރީ ސިޓީގެ މެދުތެރޭ ސަރަހައްދުގެ ހިސާބެއްގައި ކަމަށް ވުމުން، އިމާރާތްތައް ގޮއްވާލީ އެހެން އިމާރާތްތަކާއި މަގުމަތީގައި ހުރި ބޮކި ދަނޑިތައް ފަދަ އެއްޗިއްސަށް ގެއްލުމެއް ނުވާނެ ގޮތަށެވެ.

ޗައިނާގައި 19 އިމާރާތެއް އެއްފަހަރާ ގޮއްވާލަނީ. މި ހުރިހާ ތަނެއް ބިމާ ހަމަވީ އެންމެ 19 ސިކުންތު ތެރޭގައި. -- ފޮޓޯ: ރޮއިޓާސް

ޗައިނާގައި 19 އިމާރާތެއް އެއްފަހަރާ ގޮއްވާލަނީ. މި ހުރިހާ ތަނެއް ބިމާ ހަމަވީ އެންމެ 19 ސިކުންތު ތެރޭގައި. -- ފޮޓޯ: ރޮއިޓާސް

މި މަސައްކަތްކުރި ކުންފުނީގެ މީހުންނާ ހަވާލާދީ މީޑިއާގައި ބުނެފައި ވަނީ އިމާރާތްތަކުގެ 120،000 ތަނެއްގައި، ފަސް ޓަނުގެ ގޮވާތަކެތި ހަރުކޮށްގެން ކަމަށެވެ. މިއިން ކޮންމެ އެއްޗެއް ގޮއްވާލާފައި ވަނީ ދާދި އެކުއެކީގަ އެވެ.

"ގޮއްވާލި އިރު، މަގުމަތީގައި ހުރި އެއްވެސް އެއްޗަކަށް އެއްވެސް ގެއްލުމެއް ނުވޭ،" ގޮއްވުމުގެ މަސައްކަތްކުރި ކުންފުނީގެ މެނޭޖަރެއް ކަމަށްވާ ޖިއާ ޔޮންގްޝެންގް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިއީ "އިމްޕްލޯޝަން ޓެކްނިކް" ބޭނުންކޮށްގެން ތަނެއް ގޮއްވާލި ފުރަތަމަ ފަހަރު ކަމަށެވެ.