Roadha Mihaaru
އެންމެ އުސް ޓޫރިސްޓް ހޮޓާ ޗައިނާގައި ހުޅުވައިފި

އެންމެ އުސް ޓޫރިސްޓް ހޮޓާ ޗައިނާގައި ހުޅުވައިފި

01 ޖުލައި 2021

ދުނިޔޭގެ އެންމެ އުސް ޓޫރިސްޓް ހޮޓަލުގެ ގޮތުގައި ޗައިނާގައި ދަ ޖޭ ހޮޓެލް ޝަންހާއީ ޓަވާ ހުޅުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ އުސް ޓޫރިސްޓް ހޮޓަލުގެ ގޮތުގައި ޗައިނާގައި ދަ ޖޭ ހޮޓެލް ޝަންހާއީ ޓަވާ ހުޅުވައިފި އެވެ.

ފްރާންސްގައި ހުންނަ އައިފުލް ޓަވަރަށް ވުރެ ދެ ގުނަ އުސް އަދި ޗައިނާގައި މި ވަގުތު ހުރި އެންމެ އުސް އިމާރާތުގެ ޝަރަފު ވެސް ހޯދާފައިވާ މި ހޮޓަލަކީ 632 މީޓަރު (2،000 ފޫޓް) ގެ ތަނެކެވެ.

އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޖޭ ހޮޓެލް ޝަންހާއީ ޓަވަރު ހުޅުވާފައި ވަނީ މި މަހުގެ 19 ގަ އެވެ. އެތަނުގައި 165 ކޮޓަރި ހިމެނޭ އިރު،. އޭގެ ތެރެއިން 34 ތަނަކީ އެންމެ މަތީ ފަންތީގެ ސުއިޓްސް އެވެ. އަދި އޭގެ ތެރޭގައި ވެސް ހަތަރު ގިންތިއެއްގެ ތަންތަން ހިމެނެ އެވެ.

ގިނަ ހިދުމަތްތައް ހަފުތާއެއްގެ ހުރިހާ ދުވަހެއްގައި 24 ގަޑި އިރު ލިބޭ ގޮތަށް ހުޅުވާފައިވާ ހޮޓަލުގެ އަގުތަކަށް ބަލާ އިރު އެންމެ ދަށް އަގަކަށް ވެސް ރެއަކަށް ޗާޖްކުރަނީ 557 ޑޮލަރު (8,549ރ.) އެވެ.

ޖޭ ހޮޓެލް ޝަންހާއީ ޓަވަރުގައި ހަތް ރެސްޓޯރަންޓެއް ހުންނަ އިރު އޭގެ ތެރޭގައި އެންމެ ހާއްސަ ތަން، "ހެވެންލީ ޖިން" ހުންނަނީ އިމާރާތުގެ 120 ވަނަ ފަންގިފިލާގަ އެވެ. ރެސްޓޯރަންޓްތަކުން ދުނިޔޭގެ އެކި ހިސާބުތަކަށް ހާއްސަ ކެއުންތައް ލިބޭނެ އެވެ.

ޖޭ ހޮޓެލް ޝަންހާއީ ޓަވާ އަކީ ޗައިނާގައި ޓޫރިޒަމް ދާއިރާގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި އަދި ސަރުކާރު ހިއްސާވާ އެ ދާއިރާގެ އެންމެ ބޮޑު ކުންފުނި ޖިން ޖިއަންގް އިންޓަނޭޝަނަލް އިން އޮޕަރޭޓްކުރާ ތަނެކެވެ.

މި ވަގުތު ދުނިޔޭގެ އެންމެ އުސް ހޮޓަލަކީ ޗައިނާގެ ޖޭ ހޮޓެލް ޝަންހާއީ ޓަވަރު ކަމަށް ވިޔަސް، ދުނިޔޭގެ ރެކޯޑް ފޮތުން އެންމެ އުސް ހޮޓަލުގެ ގޮތުގައި ރަސްމީކޮށް އަދި ކަނޑައަޅާފައި އޮތީ ދުބާއީގެ ޖެވޯރާ ހޮޓެލް އެވެ.

އެތަނަށް 2018 ގައި އެ ރެކޯޑް ލިބުނު އިރު، ހޮޓަލުގެ އުސްމިނަކީ 356 މީޓަރު (1،168 ފޫޓް) އެވެ. އެކަމަކު އެތަނަށް ވުރެ ޖޭ ހޮޓެލް ޝަންހާއީ ޓަވަރު 276 މީޓަރު އުހެވެ.

މި ވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތަކީ ދުބާއީގެ ބުރުޖް ޚަލީފާ އެވެ. އެތަނުގެ އުސްމިނަކީ 828 މީޓަރު (2،717 ފޫޓް) އެވެ. ރަޝިއާ އިން މިހާރު ވަނީ ދެވަނަ އަށް އެންމެ އުސް އިމާރާތް އެ ގައުމުގައި ހަދަން މަސައްކަތްކުރަމުންނެވެ.