Roadha Mihaaru
ސޫދާންގެ ހާލަތު: ގައުމުތަކުން ފިޔަވަޅު އަޅަން ފަށައިފި

ސޫދާންގެ ހާލަތު ނުރައްކާ، އެހެން ގައުމުތަކުން ފިޔަވަޅުތައް އަޅަން ފަށައިފި

23 އެޕްރީލް 2023

ޚަރުޠޫމް (އޭޕްރީލް 23) - ސޫދާންގައި މިހަރު ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކުގެ ޝިކާރައަކަށް އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ވެދާނެ ކަމުގެ ބިރު އޮތުމުން އެ ގައުމުތަކުން ފިޔަވަޅު އަޅަން ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޚަރުޠޫމް (އޭޕްރީލް 23) - ސޫދާންގައި މިހަރު ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކުގެ ޝިކާރައަކަށް އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ވެދާނެ ކަމުގެ ބިރު އޮތުމުން އެ ގައުމުތަކުން ފިޔަވަޅު އަޅަން ފަށައިފި އެވެ.

ދެ ކަފިވެފައިވާ ސޫދާންގެ އަސްކަރިއްޔާގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ދެ ފަރާތުގެ ކުރިމަތިލުންތަކުގައި އެއާޕޯޓްގެ އޮޕަރޭޝަންތައް ވަނީ ހުއްޓުވާލައިފަ އެވެ. އެހެންވެ އެ ގައުމުން ދޫކޮށް ފުރައިގެން ދިއުމުގެ ފުރުސަތު އޮތީ ބަންދު ވެފަ އެވެ. އެކަމަކު އިއްޔެ ސޫދާންގެ އަސްކަރިއްޔާއިން ބުނީ ގައުމުން ބޭރު މީހުން، ސަލާމަތުން ގައުމު ދޫކޮށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އަސްކަރިއްޔާއިން ބުނީ އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ އަދި ފްރާންސްގެ ރައްޔިތުންނާއި ޑިޕްލޮމެޓުން ސޫދާނުން ފުރުވާލުމަށް އެހީތެރިވާނެ ކަމަށެވެ. ސައުދީ އަރަބިއްޔާ އާއި އުރުދުން އިން މިހާރު ވެސް ދަނީ ރަތް ކަނޑު ބަނދަރު މެދުވެރިކޮށް އެ ދެ ގައުމަށް ނިސްބަތްވާ މީހުން ސޫދާނުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީ ސަރުކާރުން ބުނީ އެ ގައުމުގެ 157 މީހުންނާއި އެހެން ގައުމުތަކުގެ މީހުން ވެސް ސޫދާނުން ބޭރަށް ނެރެފައިވާ ކަމަށެވެ. ކަނޑުގެ ސިފައިގެން ބޯޓެއްގައި މީހުންތައް ފުރުވާލާ މަންޒަރުގެ ވީޑިއޯ ފްޓޭޖުތައް ސައުދީގެ ގައުމީ ޓީވީން ދެއްކި އެވެ ސޫދާންގައި ތިބި ކުވައިތުގެ ބައެއް ރައްޔިތުން ސައުދީގެ އުޅަނދުގައި ޖިއްދާއަށް ގޮސްފައިވާ ކަމަށް ކުވައިތުގެ ސަރުކާތުން ބުންޏެވެ. އުރުދުން އިން ބުނީ ސޫދާގައި ދިރިއުޅޭ އެ ގައުމުގެ އިތުރު 300 ރައްޔިތުން ގެއިން ބޭރަށް ނެރެގެން ސަލާމަތްތެރި ތަނަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެމީހުން ވެސް ސޫދާނުން ފުރުވާލުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދާނެ އެވެ.

އަސްކަރިއްޔާގެ ދެ ގޮފިން ހަނގުރާމަ ހުއްޓާލައި ސުލުހަ ވުމަށް އދ. އާއި ބައެއް ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް މިހާތަނަށް އެ ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެ އެވެ.

ސޫދާންގައި މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، ސޫދާންގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ސަރުކާރުގެ މުހިންމު ތަންތަނަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ. އޭގެ ތެރޭގައި ރިއާސީ ގަނޑުވަރާއި ސަރުކާރުގެ ޓީވީ ސްޓޭޝަނާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމެނެ އެވެ.