Roadha Mihaaru
ޗާގޮސް މައްސަލަ: ސަރުކާރު ދިފާއުވާން ބަހުސްކުރަނީ!

އިމުގެ މައްސަލާގައި ސަރުކާރު ދިފާއުވާން އިދިކޮޅުގެ ކުއްލި މައްސަލަ ފާސްކޮށްފި

24 އެޕްރީލް 2023

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި "ސަރުކާރުން ހެދި ޑީލް" ހާމަ ކުރުމަށާއި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލަ ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި "ސަރުކާރުން ހެދި ޑީލް" ހާމަ ކުރުމަށާއި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލަ ފާސްކޮށްފި އެވެ.

މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ އިރު އިދިކޮޅު ފަރާތްތަކުން ހުށަހަޅާ އެއްވެސް ކުއްލި މައްސަލަތައް ވަރަށް މަދުން ނޫނީ މީގެ ކުރިން ފާހެއް ނުވެ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީފުޅު ހާމަކުރުމަށާއި ސަރުކާރުން މިހާތަނަށް ގެންގުޅުނު ސްޓޭންޑް ބަދަލު ކުރުމަށް އަޑި ނޭނގޭ ޑީލެއް ހެދި ކަމަށް ތުހުމަތު ކުރާ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން 23 މެންބަރުންގެ ވޯޓާއެކު ފާސްކުރި އެވެ.

އެ މައްސަލަ އަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ހިމެނެ އެވެ. މައްސަލަ ފާސްކުރުމާ ދެކޮޅަށް ސަރުކާރަށް ތާއީދު ކުރާ 19 މެންބަރަކު ވޯޓު ދެއްވި އެވެ.

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން އިދިކޮޅު ފަރާތްތަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން އެކަން ކުރީ ރައްޔިތުންގެ މަޖިލީހަށް ސިއްރުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ޑީލެއް ހިނގި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ. އަދި އެއީ މި ސަރުކާރުން ރާއްޖޭގެ ބޮޑު ބައެއް ވިއްކާލުން ކަމަށް ވިދާޅުވެ އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ސަރުކާރު ފެކްޝަންގައި ހުންނެވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުއްޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ޗާގޯސް މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ނަމަވެސް ރާއްޖެ އިން އެއްވެސް ސަރަހައްދެއް ނުގެއްލޭ ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އެއްޗެއް ނޫން. އެހެންވެ ގެއްލުނު ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ކީއްވެގެންތޯ މަނިކުފާނުގެ [ނަޝީދުގެ] ވެރިކަމުގައި ފޯޅަވެއްސަކީ މިތަނުގެ ތަނެއް ކަމުގައި ނިންމަވާފައި ނެތީ. ކީއްވެގެންތޯ ކޯޓަށް މައްސަލަ ހުށަހެޅުއްވީ. އެއަށް ޖަވާބު ދެއްވާ -- ޝަރީފް

ޝަހީމް ވިދާޅުވިގޮތުގައި، އެ މައްސަލަ އަށް ބަހުސް ކުރަން އޭނާ ވޯޓު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މިއަދު ތިއްބެވި ސަރުކާރަށް ތާއީދު ކުރައްވާ ހުރިހާ މެންބަރުން ވެސް ހަގީގަތަށް ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މީގެ 500 އަހަރު ކުރިން ހިފާފައި އޮތް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ހުކުމް ކުރުމަކީ ރާއްޖޭގެ ބާރު އޮތް ކަމެއް ނޫން ކަމަށާއި ބައިނަލްއަގުވާމީ ކޯޓެއްގައި ހިނގާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ބަރޯސާވާ ކަންކަން ނޫން ކަމަށެވެ.

"ކީއްވެގެންތޯ މަނިކުފާނުގެ [ނަޝީދުގެ] ވެރިކަމުގައި ފޯޅަވެއްސަކީ މިތަނުގެ ތަނެއް ކަމުގައި ނިންމަވާފައި ނެތީ. ކީއްވެގެންތޯ ކޯޓަށް މައްސަލަ ހުށަހެޅުއްވީ. އެއަށް ޖަވާބު ދެއްވާ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވާހަކަ ދައްކަވަމުން ދިޔަ އިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ގެންދެވީ ތަކުރާރުކޮށް ވާހަކަ މެދު ކަނޑާލައި އެ މައުލޫއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައި ވަނީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ މައްސަލައެއް ދިމާވެދާނެތީ ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ.

ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.

އަންނަ ހުކުރު ދުވަހު އެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.