Roadha Mihaaru
ޑްރަގް އެތެރެކުރި މީހަކަށް އެނގޭ ބަހަކާ ދިމައެއްނުވި!

ޑްރަގް އެތެރެކުރި މީހަކަށް އެނގޭ ބަހަކާ ދިމައެއްނުވި!

01 މެއި 2023

ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެން މަސްތުވާތަކެތި ގެނައި މައްސަލައެއްގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އަތުލައިގަތް އިންޑިއާ އަންހެން މީހާ އަށް ހިންދީ ބަސް ވެސް އަދި އިނގިރޭސި ބަސް ވެސް ނޭނގޭތީ އޭނާއަށް ކަންކަން ރަނގަޅަށް ނޭނގޭ ކަމަށް ބަލައި ބަންދަށް ކުރު މުއްދަތެއް ދީފި އެވެ.

ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެން މަސްތުވާތަކެތި ގެނައި މައްސަލައެއްގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އަތުލައިގަތް އިންޑިއާ އަންހެން މީހާ އަށް ހިންދީ ބަސް ވެސް އަދި އިނގިރޭސި ބަސް ވެސް ނޭނގޭތީ އޭނާއަށް ކަންކަން ރަނގަޅަށް ނޭނގޭ ކަމަށް ބަލައި ބަންދަށް ކުރު މުއްދަތެއް ދީފި އެވެ.

ކްރިމިނަލް ކޯޓުން ގާޒީ އާދަމް މުހައްމަދު މިއަދު ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ ލަލްތުލަންޕަރި ނަމަކަށް ކިޔާ އުމުރުން 57 އަހަރުގެ އަންހެންމީހާގެ މައްޗަށް ފުލުހުން ކުރާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ. މި މީހާގެ ބަންދަށް އެންމެ ފުރަތަމަ ދިނީ ތިން ދުވަހެވެ. އެއީ ވަކީލަކު އައްޔަންކުރުމަށް ދިން މުއްދަތެކެވެ. އޭގެ ފަހުން ބަންދަށް 15 ދުވަސް ދިނެވެ. މިއަދު ބަންދަށް އިތުރުކުރީ ފަސް ދުވަހެވެ.

އިތިއޯޕިއާ އިން ރާއްޖެ އައި މި މީހާގެ އަތުން 1.1 ކިލޯގެ ކޮކެއިން އާއި 4.2 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ މި މީހާ އަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދީފައިވާ ކަމަށާއި އެކަމަކު ހިންދީ އާއި އިނގިރޭސި ބަސް ވެސް ނޭނގޭތީ ވަކީލާ މުއާމަލާތުކުރަން ދަތިކަމެއް ހުރި ކަމަށް ފާހަގަވާ ކަމަށެވެ. އަދި ތަރުޖަމާނަކު މެދުވެރިކޮށް ވާހަކަ ދެއްކުމުން ވެސް، އެ މީހާ އަށް ކަންކަން ރަނގަޅަށް ފަހުމުވާ ކަމަށް ނުބެލެވޭ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.

"ކުރު މުއްދަތެއްގައި ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ މި ކަންކަމަށް ރިއާޔަތްކުރުމަށް ފަހު" ކަމަށް އަމުރުގައިވެ އެވެ.

އިންޑިއާގެ މި މީހާ ހައްޔަރުކުރި ދުވަހު ޕާކިސްތާނު މީހަކު ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގެންފަ އެވެ. ހަމަ މީގެ ދުވަސްކޮޅެއް ކުރިން އަތުލައިގަތް ޕާކިސްތާނު އެހެން މީހަކު ވަނީ ޑްރަގް ހުރި ފޮށީގައި އޭނާގެ ނަން ޓެގް އިނަސް އެއީ އޭނާގެ ފޮށި ނޫން ކަމަށް ބުނެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.

ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމަށް މި ވިޔަފާރީގައި އުޅޭ މީހުން ބޭނުންކުރަނީ ވަރަށް ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އެހެންވެ މިފަދަ މީހުން ބެލެހެއްޓުމުގައި ދައުލަތުން އުފުލަންޖެހޭ ބުރަ ބޮޑު ކަމަށް ބުނެފައިވެ އެވެ.